ގާތުގައި އެހެނެސް ދުރުގައި
ގާތުގައި އެހެނެސް ދުރުގައި

އެކްސިޑެންޓެއް ވީމައި ހިތަށްއަރައެވެ. އެ މަގުން ނުދެވުނު ނަމައެވެ. ހިތް ހަލާކުވީމައި ހިތަށްއަރައެވެ. ހިތް ނުދެވުނު ނަމައެވެ. ދިރިއުޅުމަކީ، ނިންމާނިންމުންތަކެއްގެ ނަތީޖާ ފިޔަވައި އެހެން ކޯޗެއް ހެއްޔެވެ؟ އަހަރެންނަށް ހުށަހެޅުނީ، ހަ ފަހަރަށް ވިސްނުމުން ވެސް ގޮތެއް ނިންމަން އުނދަގޫވާ ކަހަލަ ހުށަހެޅުމެކެވެ. އަހަރެން ނޫނެކޭ ބުނީމެވެ. ފަހުން ނުކުންނާނެ މައްސަލަތައް ވިސްނައިދިނީމެވެ. ގަބޫލެއް ނުކުރިއެވެ. އަހަރެން ބަލިކަށިކުރުވީ ލޯތްބެވެ. އެ ދުވަހު ވެސް އަހަންނަކަށް ހިތްހަމަޖެހުމެއް ނުލިބުނެވެ. މިއަދު އަހަރެންގެ ހިތަށް ކިހާ ތަދުވާކަން އެކަކަށް ވެސް ނޭނގޭނެއެވެ. ދޮންވެލި ތުނޑީގައި އެންމެން ކުޅެމަޖާކުރާއިރު، އަހަރެން ދުރުގައި ބަލަހައްޓައިގެން ހުރީމެވެ. ބޭބެއާއި، ފަހަރިއާއި، ދަރިފުޅުގެ ޢާއިލާ ކިހާ އުފާވެރި ހެއްޔެވެ؟ އެ ޢާއިލާ ރޫޅާލާކަށް އަހަންނަކަށް ނުކެރޭނެއެވެ. އެކަމަކު ހަނާއަކީ އަހަރެންގެ މިލްކެކެވެ. އަހަރެން ލޯބިވާ ވަރަށް ބޭބެއަކަށް އޭނަދެކެ ލޯތްބެއް ނުވެވޭނެއެވެ.

"އެންމެން ކާން އާދޭ!" މަންމަ ގޮވައިލި އަޑު އިވުނެވެ.

ޗުއްޓީގައި އަހަރުމެން އައީ ނޮޅިވަރަންފަރަށެވެ. އަހަރެންގެ އަންހެނުން ސުދާގެ ރަށަށެވެ. ދަތުރު ރޭވީ މަންމައެވެ. އަހަރެން ވަރަށް ބަހަނާދެއްކީމެވެ. ގެއިން ނުކުންނާކަށް އަހަރެން ބޭނުމެއް ނޫނެވެ. ސުދާ ދުލެއް ނުދިނެވެ. އޭނަގެ ނަޒަރުގައި އަހަންނަށް ޗުއްޓީއެއް ބޭނުމެވެ. ސިކުނޑިއަށް ލުޔެއް ހޯދުމަށްޓަކައެވެ. ވެދިޔަ ކަންތައް ހަނދާންނައްތައިލުމަށް ޓަކައެވެ. އެ ކަމެއް ނުވާނެއެވެ. މާލެއާ ދުރަށް ދިޔުމަކުން ހަނދާންތަކާ ދުރަކަށް ނުދެވޭނެއެވެ. އަހަރުމެންގެ ލޯބިވާ ދަރިފުޅު ނާހިދުގެ ހަނދާންތަކެވެ. ކޮންމެ ތާކު އަހަރެން ހުއްޓަސް، އެ ހަނދާންތައް އަބަދުވެސް އާވެއާވެ ހުންނާނެއެވެ. އޭނަ މަރުވީ ކުއްލިގޮތަކަށެވެ. އުމުރުން އެންމެ ހަތް އަހަރުގައެވެ. ވީ ގޮތް ޑޮކްޓަރުންނަކަށް ނޭނގުނެވެ. އެއްވެސް ބައްޔެއް ނުވެއެވެ. އަނިޔާއެއް ވެސް ނުވެއެވެ. ކުޅެންއުޅެނިކޮށް އަނބުރައިގަނެގެން ވެއްޓުނީއެވެ. ހޮސްޕިޓަލަށް ގެންދިޔައިރު ވެސް ފުރާނައެއް ނެތެވެ. ލިބުނު ހިތާމައެއްގެ ބޮޑުކަމުން، ގެއިން ނުނިކުމެ އެތައް ދުވަހަކު އަހަރެން ހުރީމެވެ. ސުދާއަކަށް ނުވެސް ކެވެއެވެ. ނުވެސް ނިދެއެވެ. އޭނަގެ އެހީތެރިއަކަށް އަހަންނަށް ނުވެވުނު ތާނގައި އަހަރެންގެ ކަންކަން ވެސް ދިޔައީ ބޮއްސުންލައިގެންނެވެ. ފަހަރީގެ އޯގާތެރިކަން ލިބެންފެށީ އެ ހިސާބުންނެވެ. ސުދާއަށް ވަރަށް ހެވެވެ. އޯގާތެރިވުމުގައި އަހަންނާއި ބޭބެ ތަފާތެއް ނުކުރެއެވެ. ބޭބެއަށް ކައްކާ ކޮންމެ އެއްޗަކުން އަހަންނަށް ބަޔެއް އޮވެއެވެ. ސުދާގެ ރަށުން ވަރަށް ގިނަ ހަދިޔާ ފޮނުވައެވެ. ރަށަށް އައުމަށް، ސުދާގެ މައިންބަފައިން އެދެމުންދިޔައެވެ. ނޮޅިވަރަންފަރަށް ދަތުރެއް ރޭވުނު ސަބަބަކީ އެއީއެވެ.

ބޭބެއަކީ ތަފާތު މިޒާޖެއްގެ މީހެކެވެ. އަބަދުވެސް އިސްކަންދޭނީ އޭނަގެ އުފާތަކަށެވެ. ރަށުގައި އުޅުނުއިރު ވެސް ބޭބެގެ ކަމަކީ ހަވީރު ފުޓުބޯޅަކުޅެން ދިޔުމެވެ. މަހަށްދިޔުމެވެ. ދަރިފުޅާއި ފަހަރި ވަރަށް ބާކީވެއެވެ. އަހަރެން ބަލަނީ އަހަރެންގެ އަމިއްލަ ދުނިޔެއެއްގައި އުޅެވޭތޯއެވެ. ސުދާގެ ގާތްތިމާގެ މީހުން ވަރަށް ގިނައެވެ. ހަވީރު ވެއްޖެއްޔާ ކޮންމެވެސް ގެއަކުން އަހަރުމެން ބަލާ އާދެއެވެ. ބައެއް ދުވަސްދުވަހު ސައިބޯން ދެ ގެއަށް ވެސް ދާންޖެހެއެވެ. ސުދާއަކީ ވަރަށް އަނގަތަޅާ މީހެކެވެ. ވަރަށް އަވަހަށް އޭނަގެ މިޒާޖު އާންމު ހާލަތަށް ބަދަލުވިއެވެ. ތިމާގެ މީހުންގެ އަމާޒަކީ އެއީއެވެ. އަހަރެން ހުންނަނީ ނެގިމަޑުވެފައެވެ. މާ ގިނައިން މީހުން ވާހަކަދައްކަން ފެށުމުން އަހަރެން ނުކުންނަނީ ބޭރަށެވެ. އެހެން ބޭނުމެއް ވެސް އޮތީމައެވެ. އަހަރެން ފަހަތުން ފަހަރިއާއި ދަރިފުޅު ވެސް ނުކުމެއެވެ. އަހަރެންގެ ދަރިފުޅުގެ އުމުރާއި އެ ކުޑަކުއްޖާގެ އުމުރު ދާދި އެއްވަރެކެވެ. ތަފާތަކީ އަންހެންކުއްޖެއް ކަމެވެ. މިޒާޖު ވަރަށް އެއްގޮތެވެ. އަހަރުމެންގެ މެދުގައި ވަރަށް ގާތް ގުޅުމެއް އޮވެއެވެ. ބޭބެއަށް ވަގުތު ނުދެވޭތީ ބައްޕައެއްގެ ލޯބި އޭނައަށް އުނިވަނީބާއެވެ؟ ބޮޑާހާކައިގެން އުޅޭ ވަގުތު ވެސް، ބޭބެއަށް ވުރެ އަހަރެންގެ ބަސް މާ ވިކެއެވެ.

"އެހެން ސަކަރާތްޖަހަޖަހާފަ މާލެ ގޮސް ކައިވަތެއް ވަރުގެ ތަންކޮޅެއްގަ އުޅެންޖެހުނީމަ ޝަކުވާފަށެއް ކުރާނެ،" ފަހަރި ބުނެލިއެވެ. "މިއަދު ވެސް ބުނި އެއްޗެއް އެނގޭތަ؟ ދެން ނުދާނަމޯ ގެއަކަށް."

އަހަރުމެން ތިބީ މޫދުކައިރީގައި ވެލިން ގެ ހަދާށެވެ. ހަވީރުގެ ވަގުތެވެ. އަހަންނަށް އެންމެ ރަނގަޅު ގޮތަކީ އެ ތަނުގައި އަހަރެން ނުހުރުމެވެ. އެކަމަކު އެ ތަނުން ދާހިތެއްނުވެއެވެ.

"އޭނަ އެކަނިތަ މާލެއަށް ދާހިތް ނުވަނީ؟" އަހަރެން ސުވާލުކުރީމެވެ. "އޭނަގެ މަންމަޔޯ؟"

ފަހަރި ވިސްނައިލިއެވެ. ދަރިފުޅުގެ ބޮލުގައި ފިރުމައިލިއެވެ. އޭނަގެ މިޒާޖު އަހަންނަށް އެނގެއެވެ. ނުވާނެކަމެއްގެ ވާހަކައެއް ނުދައްކާނެއެވެ. ޝަކުވާއެއް ނުކުރާނެއެވެ. ވަރަށް ހިތްވަރުގަދަވާނެއެވެ.

"މަށަށް ވަރިހަމަ ކޮންމެ ތަނެއް ވިޔަސް،" ހިނިތުންވެލައިފައި ފަހަރި ބުންޏެވެ. "މަ ބޭނުން ކަންތަން ވަންޏާ. މަގޭ ފިރިމީހާއަކީ ނުލާހިކު ބިޒީ މީހެއް. އެކަމަކު ތީ ފްރީ މީހެއް. މަގޭ ދަރިއަށް ބައްޕަ މިސްއެއް ނުވާނެތާ. އަހަރެން ވާހަކައެއް އަހާލަންތަ؟ މީހުން ބުނާނެ، ކޮންމެ މަހަކަށް ވެސް ގަލެއް ވާނޭ. ކޮބާ މަގޭ ގަލަކީ؟"

ދުނިޔޭގަ ހިނގާ ކަންކަމަކީ، ހުރިހާ އިންސާނުންނަށް ގަބޫލުކުރެވޭ ކަންކަމަށް ވާކަށް ނުޖެހެއެވެ. ހައިރާންވެގެން އިނގިލި ކުރީގައި ދައިގަނެވެނީ އެހެންވެއެވެ. ބޭބެ ލޯބިވީ ބޭބެ ބޭނުންވާ މީހާ ދެކެއެވެ. ކައިވެނިކުރީ ވެސް އެ އުސޫލުންނެވެ. ދަރިޔަކު ނުލިބުނެވެ. ދެމަފިރިން ވަކިވާކަށް، ދެން ވެސް ބޭނުމެއް ނުވިއެވެ. ދަރިޔަކު ލިބުނީ، އެ ކަމަށް ޓަކައި ކުރި ހުރިހާ މަސައްކަތެއް ފަނުފުލުންލާން ކައިރިވެފައި ވަނިކޮށެވެ. އެއީ އުފާވެރި ދުވަހެކެވެ. އެންމެން ވެސް އުންމީދުކުރީ އެ ލޯތްބަށް މުޅީން އާ ދިރުމެއް ލިބޭނެކަމަށެވެ. ކުރިޔަށް ވުރެ ހަލުވި ދުވެއްޔެއް ލިބޭނެކަމަށެވެ. އެހެނެއް ނުވިއެވެ.

މޫސުން ބަދަލުވިއެވެ. ދިގުލީ ވިއްސާރަ މޫސުމަކާ ކުރިމަތިލާންޖެހުނެވެ. ވައި ގަދަވެ، ދަތުރުފަތުރަށް ހުއްޓުމެއް އައެވެ. މާލެއަށް ނުދެވުނު ތާނގައި ގެއިން ބޭރަށް ނުކުތުމަކީ ވެސް ދަތިކަމަކަށް ވިއެވެ. އެ ވަރުން ވެސް ބޭބެ މަހަށް ނުގޮސް ފަރުޖެހުނުކަމަކަށް ނުވިއެވެ. އެ މޫސުމުގައި މަހެއް ނުބޭނޭނެއެވެ. އެ ކަން ނޭނގޭ މީހަކު ނެތެވެ. މަހަށް ގޮސްފައި ބޭބެ އެނބުރި އަންނަނީ ހުސްއަތާއެވެ. އަހަރެންގެ ހިތުގައި ޝައްކު އުފެދުނެވެ. ބޭބެއަށް ފާރަލީމެވެ. ހީވީ ރަނގަޅަށެވެ. އޭނަގެ މަސްވެރިކަމާއި މޫދާ ގުޅުމެއް ނެތެވެ. އަހަންނަކަށް ނުވިސްނުނެވެ.

"މަށަކީ ހާދަހާ ގަމާރު މީހެކޭ." ނިދަން އޮވެފައި ސުދާ ގާތުގައި އަހަރެން ބުނީމެވެ.

އަހަރެން ބުނި އެއްޗެއް ސުދާއަކަށް ނުވިސްނުނެވެ. އޭނައަށް އިތުރު ތަފުސީލު ބޭނުންވިއެވެ.

"ދެން އެހެންނެއްނު ބުނާނީ،" އަހަރެން ބުނީމެވެ. "އެންމެ ބޭނުން މީހާޔާ އިނދެވުނީ. އެންމެ ފަހުން އޭނަޔަށް ދަރިޔަކު ވެސް ލިބުނީ. އެ ހުރިހާ ކަމެއް ވެ ނިމުނީމަ، މަގޭ އަންހެނުންގެ ރަށަށް އައިސް، އެ ރަށުންތަ މީހަކާ ހިތާވާންވީ؟ މަށަކަށް ހަމަ ނުވިސްނޭ. ގަމާރުވީމަތާ ނުވިސްނޭނީ."

އަހަރުމެން ވަރަށް ދަންވާންދެން އެ ވާހަކަދައްކަން ތިބީމެވެ. އޭރު ވެސް ވާރޭ ވެހެއެވެ. އަހަރެންގެ ވާހަކަޔަށް ސުދާ އެއްވެސް ޖަވާބެއް ނުދިނެވެ. އެނބުރީ އަނެއް ފަރާތަށެވެ.

"އަހަންނަކަށް ތި ކަހަލަ ކަންކަމެއް ނުފެންނާނެ،" ސުދާ ބުނެލިއެވެ. "ބޮޑެތިސިންގާ މީހުން ވިއްޔަ! މަގޭ ތިމާގެ އަންހެނެކޭ އެއީ. މަ ހިތަށްއެރީ މަގޭ ފަރާތަކުން އެކަކަށް ވެސް ނާންގާނަމޭ. މިހާރު ދެން ތި އެނގުނީތާ. މާދަމާ ބޮޑު ފުފޭ ތަޅާލާނަން."

"ސުދާ އެ ކަމާ ނުބެހޭތި!" އަހަރެން ވަގުތުން ބުނީމެވެ.

އެ ހިސާބުން އަހަރުމެން ދެމަފިރިންގެ ދެމެދުގައި ޒުވާބު އުފެދުނެވެ. އަހަރުމެންނަކީ، އެއްވެސް އިރެއްގައި ޒުވާބުކުރި ބަޔެއް ނޫނެވެ. ސުދާއަށް ހީވީ، ކޮއްކޮއެއްގެ ހައިސިއްޔަތުން ބޭބެގެ ސިއްރު ފޮރުވައިދޭން އަހަރެން މަސައްކަތްކުރަނީ ކަމަށެވެ. ވިސްނައިދޭން އުޅެއުޅެ އެ ކަމެއް ނުވިއެވެ. ހިތަށްއެރިއެވެ. އެ ވާހަކަ ނުދެއްކުނު ނަމަ މާ ރަނގަޅުވީހެވެ. ދެން ވެސް އަހަންނަށް ބުނެވުނީ ބުނަން ނުވާ ކަހަލަ އެއްޗެކެވެ.

"އެ ދެ މީހުން ވަކިވެއްޖެއްޔާ ދަރިފުޅަށް ވާނީ ކިހިނެއް؟" އަހަރެން ސުވާލުކުރީމެވެ.

ސުދާގެ ނަޒަރުގައި ބޭބެގެ ދަރިފުޅާ މެދު އަހަރެން ވިސްނާކަށް ނުޖެހޭނެއެވެ. ދެކޮޅަށް އަހަރެން ވާހަކައެއް ނުދައްކަމެވެ. ދެއްކެން އޮތަސް ވެހެވެ. ބުނާނެ އެއްޗެއް އެ ވަގުތު ނުވިސްނުނީއެވެ. އަހަރެން އެނދުގައި އޮށޯވެ ލޯ މަރައިލީމެވެ. ކުއްލިއަކަށް ނިދިއައިސްގެނެއް ނޫނެވެ. އަނެއްކާ ވެސް އެ ދުވަސް ހަނދާންވީއެވެ. ދިރިއުޅުމަކީ، ނިންމާނިންމުންތަކެއްގެ ނަތީޖާއެވެ. އަހަރެންނަށް ހުށަހެޅުނީ، ގޮތެއް ނިންމަން އުނދަގޫވި ހުށަހެޅުމެކެވެ. އިންކާރު ކޮށްފައި ވެސް ފަހުން އެއްބަސްވެވުނީއެވެ. މައިންބަފައިންގެ ޙައްޤުގައެވެ. އެއީ ޢާއިލާގެ ބޮޑު ސިއްރެވެ. އެނގޭނީ އެންމެ ތިން މީހުންނަށެވެ. ބޭބެޔާއި، މަންމަޔާއި، ބައްޕައެވެ.

ޖެހިގެންއައި ދުވަހަކީ ވެސް ވިއްސާރަ ދުވަހެކެވެ. ވައި ގަދަ ދުވަހެކެވެ. ކަނޑު ވެސް އެހާމެ ގަދައެވެ. އެހެންނަމަވެސް، ގޭތެރޭގެ އޮއިވަރަށް އައީ ބޮޑު ބަދަލެކެވެ. ބޭބެ ބޭޒާރުކޮށްލުމަށް ސުދާ ވިއްދި ގަދަފަޔަށް ކުޑަ ނަމަވެސް ދުލެއް ނުދިނެވެ. އަހަރެން އާދޭސްކުރީމެވެ. ނުބެހޭ ކަންތަކުގެ ތެރެއަށް ނުވަނުމަށް ނަސޭހަތްދިނީމެވެ. ސުދާއެކޭ ވަކީލެކޭ ތަފާތެއް ނެތެވެ. ވާނީ ވެސް އެހެންނެވެ. އޭނަ ހުރީ އޭނަގެ ގޭގައެވެ. އޭނަގެ މައިންބަފައިން ގާތުގައެވެ. ޙަޤީޤަތް ހާމަކުރާކަށް އަހަންނަކަށް ވެސް ނުކެރުނެވެ. ހެނދުނު ސައިބޯންވެގެން އެންމެން ޖަމާވެފައި ތިއްބާ މޭޒުގެ މައްޗަށް ސުދާ އެ ބޮން ވައްޓައިލިއެވެ. ގޮވި އަޑު ވެސް އަހަންނަށް އިވުނު ކަހަލައެވެ. ފަހަރި ވަރިކޮށްފައި ބޭބެ ވަގުތުން ގެއިން ނުކުތެވެ. ފަހުން ކޯޓަށް ގޮސް ކޮންމެ ކަމެއް ކުރިޔަސް އެ ކައިވެނި ވަގުތުން ރޫޅުނެވެ. އަހަރެން ހައިރާނެއް ނުވެއެވެ. ހައިރާންވީހީ އެ ކަން އެހެން ނުވި ނަމައެވެ.

ދަރިފުޅު ގެންދިޔައީ ފަހަރިއެވެ. ބޭބެ ތައްޔާރުވަމުންދިޔައީ ދެވަނަ ކައިވެންޏަކަށެވެ. ދަރިފުޅު ލޯމަތިން ގެއްލުމުގެ ހިތާމަވެރި އިހުސާސެއް ބޭބެއަކަށް ނުކުރެއެވެ. އަހަންނަށް ކުރެވޭނެއެވެ. ބޭބެއަކަށް ކުދީންނެއް ނުލިބެއެވެ. ދަރިޔަކު ހޯދަން ރާއްޖެއިން ބޭރަށް ގޮސް ބައްދަލުކުރި އެއްވެސް ސްޕާރމްޑޯނާރއެއް ބޭބެއަކަށް ކަމަކުނުދިޔައެވެ. ކަމުދިޔައީ އަހަންނެވެ. ހަނާއަކީ އަހަރެންގެ މިލްކެކެވެ. އެކަމަކު މިހާރު ވެސް ހިތަށްއަރައެވެ. އެ ކަން އަހަންނަށް ނުކުރެވުނު ނަމައެވެ.

ނިމުނީ