12 މެއި 2024 - 10:33

ނ. ވެލިދޫ ވޭސްޓް އެންޑް ރިސޯސް މެނޭޖްމެންޓު (ކުނިކޮށި) އިމާރާތުގައި އިއްޔެ ހިނގި އަލިފާނުގެ ހާދިސާގެ ގެއްލުން ތިން މިލިއަން ރުފިޔާ އަށް އަރާ ކަމަށް އެ ރަށު ކައުންސިލުން ބުނެފި އެވެ.

އެ ރަށުގެ އިރު އުތުރު ސަރަހައްދުގައި 2022 ގައި ހެދި 13،000 އަކަފޫޓުގެ ވޭސްޓް އެންޑް ރިސޯސް މެނޭޖްމަންޓް ސެންޓަރުގައި އަލިފާން ރޯވެފައި ވަނީ އިއްޔެ މެންދުރު 12:30 ހާއިރު އެވެ.

އަލިފާންގަނޑު ނިއްވާލެވުނީ އިއްޔެ ހަވީރު ފަހެއް ޖަހާކަންހާއިރު އެވެ. އޭރު އެ އިމާރާތް ވަނީ ބޭނުން ނުކުރެވޭ ވަރަށް އަނދައިފަ އެވެ. އެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ނުވެ އެވެ.
ވެލިދޫ ކައުންސިލުން ނެރުނު ބަޔާނެއްގައި ބުނީ، ބެލެވޭ ގޮތުގައި އެ ހާދިސާ ހިނގުމަށް މެދުވެރިވީ އިމާރާތުގެ ކުނި ބަހައްޓާ ސަރަހައްދުގައި ކަރަންޓު ޝޯޓެއް ވެގެން ކަމަށެވެ. އަލިފާން ރޯވުމަށް މެދުވެރިވި ސަބަބު ޔަގީން ކުރުމަށް ކައުންސިލުން މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.
"މި ހާދިސާގައި ސެންޓަރުގެ ބޮޑު ބަޔަކާ އެކު، އެ ތަނުގައި ބޭނުންކުރުމަށް ބެހެއްޓިފައި ހުރި މެޝިނަރީތައް އަދި ފުޓުބޯޅަ ދަނޑުގައި ބޭނުން ކުރަމުންދާ ޑްރެގް ބްރަޝް މެޝިން ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފައި،" ކައުންސިލުން ބުންޏެވެ.
އެ ހާދިސާއާ ގުޅިގެން ލިބުނު ގެއްލުމުގެ އަދަދު ތިން މިލިއަން ރުފިޔާ އަށް އަރާނެކަމަށް ލަފާ ކުރެވޭ ކަމަށް ވެސް ކައުންސިލްގެ ބަޔާނުގައި ވެ އެވެ.
އަލިފާން ކޮންޓްރޯލް ކުރުމުގައި ހަރަކާތްތެރިވެފައި ވަނީ ވެލިދޫގެ ރައްޔިތުންނާއި ވެލިދޫ ޕޮލިސް ސްޓޭޝަނާއި ކައިރިގައިވާ ރިސޯޓްތައް ކަމަށްވާ ޝެވަލް ބްލޮންކް ރަންދެލި، ސިޔާމް ވާރލްޑް އަދި ވެލާ ޕްރައިވެޓް އައިލެންޑް އަދި މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް އެވެ.