ބީޖޭޕީގެ "ހުދުމުހުތާރު" ވެރިކަމާ ދެކޮޅަށް ތެދުވަން ޖަލުން ދޫކޮށްލި އިދިކޮޅު ލީޑަރު ގޮވާލައްވައިފި
ބީޖޭޕީގެ "ހުދުމުހުތާރު" ވެރިކަމާ ދެކޮޅަށް ތެދުވަން ޖަލުން ދޫކޮށްލި އިދިކޮޅު ލީޑަރު ގޮވާލައްވައިފި

އިންޑިއާގެ ބީޖޭޕީގެ "ހުދުމުހުތާރު" ވެރިކަމާ ދެކޮޅަށް ހުރިހާ ރައްޔިތުން ތެދުވަން، ބޮޑުވަޒީރު ނަރެންދުރަ މޯދީގެ އެންމެ ވަރުގަދަ އެއް ސިޔާސީ ވާދަވެރިޔާ އަރަވިންދު ކޭޖުރިވާލް ގޮވާލައްވައިފި އެވެ.

އެތަކެއް ހަފްތާއެއް ޖަލުގައި ބަންދުކޮށްފައި ހުންނެވުމަށް، ވެރިކަންކުރާ ނިއު ދިއްލީގެ ޗީފް މިނިސްޓަރު ކޭޖުރިވާލް މިދިޔަ ހުކުރު ދުވަހު ދޫކޮށްލީ ކަފާލާތުގެ ދަށުން، މިހާރު ކުރިއަށްދާ އިންޑިއާގެ އާންމު އިންތިހާބުގައި ކެމްޕޭނު ކުރުމަށެވެ.

ޖަލުން މިނިވަންވުމާ އެކު ނޫސްވެރިންނާ ބައްދަލުކުރައްވައި ކޭޖުރިވާލް ވިދާޅުވީ އިންޑިއާ ޑިމޮކްރަސީއެއްގެ ގޮތުގައި ދެމިއޮތުމާ މެދު ގޮތް ކަނޑައަޅާނީ އިންތިހާބުގެ ނަތީޖާއިން ކަމަށެވެ.

"އަޅުގަނޑު އައިސް މިހުރީ، މި ގައުމުގެ ސަލާމަތްކޮށް ދިނުމަށް 1.4 ބިލިއަން ރައްޔިތުންގެ ކިބައިން އާދޭސް ދަންނަވަން. އާދޭހާ އެކު މި ދަންނަވަނީ، މި ހުދުމުހުތާރު ވެރިކަމުން މި ގައުމު ސަލާމަތްކޮށްދޭށޭ،" އޭނާ ގޮވައިލެއްވި އެވެ.

އިދިކޮޅު ފަރާތްތައް ހައްޔަރުކޮށް ޖަލަށްލަމުންދާ ކަމުގެ ތުހުމަތު އޭނާ ވަނީ މޯދީއަށް ސީދާ ކުރައްވައިފަ އެވެ.

"މޯދީ އެ ހުންނެވީ ވަރަށް ބިރުވެރި މިޝަނެއްގައި. މޯދީ ހުރިހާ އިދިކޮޅު ސިޔާސީ ލީޑަރުން ޖަލަށްލާނެ،" ކޭޖުރިވާލް ވިދާޅުވި އެވެ.

ކޭޖުރިވާލް ހައްޔަރުކޮށްފައިވަނީ 2021 ވަނަ އަހަރު ރާ ވިއްކުމުގެ ހުއްދަ ލުއި ކުރުމުގައި ކޮރަޕްޝަން ހިންގާފައިވާ ކަމުގެ ތުހުމަތުގައި އެވެ. އެކަމަކު އެއީ ސިޔާސީ ތުހުމަތެއް ކަމަށް ވިދާޅުވެ، ކޭޖުރިވާލް ވަނީ މަގާމުން އިސްތިއުފާ ދެއްވަން ވެސް ދެކޮޅު ހައްދަވައިފަ އެވެ.

އިންޑިއާގެ ގާނޫނު ހަދާ މަޖިލީހުގެ 543 މެމްބަރުން އިންތިހާބު ކުރަން މީގެ ދެ ހަފުތާއެއްހާ ދުވަސް ކުރިން އިންތިހާބު ފަށާފައިވާއިރު، ވޯޓުލުން ޖޫން 1 އާ ހަމައަށް ކުރިއަށް ގެންދަނީ ހަތް ފިޔަވައްސަކަށް ބަހާލައިގެންނެވެ.

އިންތިހާބުގެ ކުރިން މޯދީ ވަނީ މި ފަހަރު 400 ގޮނޑި ހޯދުމަށް އަމާޒު ހިއްޕަވައިފަ އެވެ. މިދިޔަ ފަހަރު ބީޖޭޕީން ވަނީ 303 ގޮނޑި ކާމިޔާބު ކޮށްފަ އެވެ.

އެކަމަކު ވޯޓުލާން ތިބި މީހުން ޝައުގު ކުޑަކަމުން، ބީޖޭޕީން ބޭނުންވާ އަދަދަށް ގޮނޑި ނުލިބިދާނެ ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން އަންނަނީ ލަފާކުރަމުންނެވެ. -- އޭއެފްޕީ