12 މެއި 2024 - 06:38

ބުދަ ދުވަހާގުޅޭ
ރަނގަޅަށް ވިސްނައިލި އިރު އިވެނީ ރޯއަޑެވެ. އަޑު ވަރަށް މަޑެވެ. އެހެނަސް އެއީ އަންހެންކުއްޖަކު ރޯއަޑުކަން ރާއިދަށް ކަށަވަރެވެ. އިތުރަށް ކަށަވަރުކުރަންވެގެން ރާއިދު އަލުން ފޯނަށް ބަލައިލިއެވެ. އެއީ ހަމަ ދިފްލާގެ ނަންބަރެވެ. ރާއިދު ހިތަށްއެރިއެވެ. އެ ނަންބަރުން ގުޅާނީ ދިފްލާއެވެ.
"ދިފްލާ!" ރާއިދު ސީރިޔަސްވެފައި ބުންޏެވެ. "ކިހިނެއްތަވީ؟ ނަޖޫ މަންމަ އެއްޗެކޭ ބުނީތަ؟ ނޫނީ އަހަރެންގެ މަންމަ އެއްޗެކޭ ބުނީތަ؟ އެމީހުން އެކަނި ހިތްހަމަނުޖެހިފަ ތިބީ. ނަޖޫ ކައިރީގަ ވެސް އަހަރެން އެ ވާހަކަ ބުނިން. އެކަމަކު ނަޖޫއަށް ހެދުން ވަރަށް ކަމުދިޔަ. ފަހުން ވެސް އެ ވާހަކަދެއްކި."
ދެން ވެސް ދިފްލާ ވާހަކައެއް ނުދެއްކިއެވެ. ފޯނުކަނޑައެއް ވެސް ނުލިއެވެ. ރާއިދު ނިންމީ ކޮންމެވެސް އެކަކު ދިފްލާއަށް ގުޅާފައި އެއްޗެއް ބުނީކަމަށެވެ. އަގެއް ވެސް ނުކިޔައި، އެހައި މަސައްކަތުން ދިފްލާ ހެދުން ފަހައިދިނީމައި ޝުކުރުއަދާކުރުމުގެ ބަދަލުގައި އެއްޗެހިކިއީމައި ރާއިދު ވަރަށް ހިތްހަމަނުޖެހުނެވެ. އެ ކަމާ ވިސްނަންއިންދައި ނަޖްވާން ކުއްލިއަކަށް ފާހާނައިގެ ދޮރު ހުޅުވައިލިއެވެ. ސިއްސައިގެންދިޔަ ވަގުތު ރާއިދުގެ އިނގިލިން ޖެހިފައި ފޯނުކެނޑުނެވެ.
"މަންމަ ކީކޭ ބުނީ؟" ނަޖްވާން އެހިއެވެ.
ނަޖްވާން ހީކުރީ ރާއިދު ފޯނުން ވާހަކަދެއްކީ ރާއިދުގެ މަންމަޔާ ކަމުގައެވެ. އޭރު ވެސް ރާއިދު އިނީ ވަރަށް ހިތްހަމަނުޖެހިފައެވެ. އެކަމަކު ދިފްލާއަށް ގުޅީ ރާއިދުގެ މަންމަކަމެއް ނުވަތަ ނަޖްވާންގެ މަންމަކަމެއް ރާއިދަކަށް ނޭނގެއެވެ. އެހެންވެ، އެކަކާ ދިމާއަށް ވެސް އެއްޗެއް ބުނެވޭކަށް ނެތެވެ.
"މޫޑް ހަމަ އެއްކޮށް އޯފްވެއްޖެ!" އެނދުމައްޗަށް ފޯނު އެއްލައިލަމުން ރާއިދު ބުންޏެވެ.
"ކިހިނެއްތަވީ؟ ކާކު ގުޅީ؟" ނަޖްވާން އެހިއެވެ.
އޭރު ވެސް ދިފްލާ ރޮނީއެވެ. ފޯނު އޮތީ ބާލީސް ކައިރީގައި ބަންޑުން ބާއްވައިފައެވެ. ރާއިދަށް ގުޅުނުކަމެއް ދިފްލާ ނުވެސް ދެނަހުއްޓެވެ. ދިފްލާގެ ހަޔާތުގައި އެ ކަހަލަ ދިގު ރެޔެއް ކުރިމަތިވަނީ ވަރަށް މަދުންނެވެ. ކޮންމެ ފަހަރަކު ވެސް، އެކަނި އޮވެ ރޮއިލާފައި އެ ކަން ނިންމައިލަނީއެވެ. އެ ގަނޑު އެއްލައިފައި އާ ބާބެއް ފަށަނީއެވެ. އެހެނަސް އެ ރޭ ތަފާތެވެ. ލޮލުން ކަރުނަ ހިކޭކަށް ނޫޅެއެވެ. ހަނދާނުގެ ބާނި އޮބޭކަށް ނޫޅެއެވެ. ހިތުގެ ރިހުން ކެނޑޭކަށް ނުމެ އުޅޭމެއެވެ. ދިފްލާއަށް އެނގެއެވެ. ލޯތްބަކީ އެންމެނަށް ލިބޭ ނަސީބެއް ނޫނެވެ.
ކުށްކުރެވުނީ ދިފްލާއަށެވެ. ތިމާއަށް ވުރެ އުމުރުން މާ ދޮށީ މީހެއް ދެކެ ލޯބިވީ ކީއްކުރަންހެއްޔެވެ؟ ދިފްލާ ހިތަށްއެރިއެވެ. އެ ކަން ހުއްޓައިލަންވީއެވެ. ދިފްލާ ފޯނު ނެގިއެވެ. ރާއިދުގެ ނަން ފޯނުން ފުހެލުމަށް ޓަކައެވެ. އެ ކަން ކުރެވިދާނެއެވެ. ރާއިދާ ވާހަކަދެއްކުން ވެސް ހުއްޓައިލެވިދާނެއެވެ. ދިފްލާއަށް ނޭނގުނީ ހިތަށް ހަދާނެ ގޮތެކެވެ. ހިތުން އެ ތަންކޮޅު ކަފައިލެވޭނީ ވެސް އެންމެ ތަނެއްގައި އެ ނަން ލިޔެވިފައިވާ ނަމައެވެ. މުޅި ހިތް ނަގައި އެއްލައިލާނީ ކިހިނެއްހެއްޔެވެ؟ ހިތާ ޝަކުވާކުރުމުގައި ދިފްލާ އޮތީ ހޭލައެވެ.
ނަޖްވާން އޮތީ ނިދައި މަރުވެފައެވެ. ހެނދުނު އޮފީހަށްދާން ރާއިދު ތައްޔާރުވަމުން، ލޯގަނޑުން ނަޖްވާނަށް ބަލައިލިއެވެ. ރާއިދު ހީކުރީ ރާއިދަށް ސައިހަދަން ނަޖްވާން ތެދުވާނެކަމަށެވެ. ފިލްމުތަކުން ފެންނަހެން، އޮފީހަށް ދިޔުމުގެ ކުރިން ރާއިދުގެ ޓައީގޮށް ރީތިކޮށްލަދޭން ނަޖްވާން އަންނާނެކަމަށެވެ. އެހެނަސް، ލިބުނު އަރާމަކާއި ލޮޑުކަމެއްގެ ބޮޑުކަމުން ތިމާއަށް އޮވެވުނީ ކިހިނެއްކަމެއް ވެސް ނަޖްވާނަކަށް ނޭނގެއެވެ. އެ ވަގުތު ދޮރުގައި މަޑުމަޑުން ޓަކިޖަހައިލި އަޑުއިވުނެވެ. އެ ގޮތަށް ދޮރުގައި ޖަހާނީ މަންމަކަން ރާއިދަށް އެނގެއެވެ. ރާއިދު ސައިބޯން ނައުމާއި، އޮފީހަށް ގަޑިޖެހޭތީ މަންމަ ކަންބޮޑުވީއެވެ. ރާއިދު ކުޑަކުޑަކޮށް ދޮރު ހުޅުވައިލިއެވެ.
"ކިހިނެއްވީ މަންމާ؟" ނަޖްވާން ނިދާފައިއޮތުމުން މަޑުމަޑުން ރާއިދު އެހިއެވެ.
"ކަމެއްނުވޭ!" އާދައިގެ ބާރުމިނެއްގައި ފާއިޒާ ބުންޏެވެ. "ދަރިފުޅު ސައިބޯން ނާންނާތީ މަންމަ ހިތަށްއެރީ..."
"އެލާމްކަނޑާލާފަ ނިދުނީ.." އަނެއްކާ ވެސް މަޑުމަޑުން ރާއިދު ބުންޏެވެ. "ދެން އޮފީހަށް ގޮސް ސައިބޯނީ."
"ނަޖްވާން ނުވެސް ހޭލަނީތަ؟" ދޮރު ހުޅުވައިލަން މަސައްކަތްކުރަމުން ފާއިޒާ އެހިއެވެ.
"އޭނަ ޓޮއިލެޓްގަ އުޅެނީ،" ދޮރު ހުޅުވުނަ ނުދޭން ބާރުލަމުން ރާއިދު ބުންޏެވެ. "މިގަޑީގަ ފެން އަންނަލެއް ތަންކޮޅެއް މަޑުކަމުން.."
"ދެން ތަންކޮޅެއް ކުރީބައިގަ ހޭލި ނަމަ އެހެނެއް ނުވާނެއްނު!" ފާއިޒާ ޗޮކެއްކަނޑައިފައި ބުންޏެވެ. "ދަރިފުޅަކީ ދުވަހަކު ވެސް ގަޑިޖެހިގެން އޮފީހަށް ދިޔަ ކުއްޖެއް ނޫން. ބައްޕައަށް އެނގިއްޖެއްޔާ ވަރަށް ހިތްހަމަނުޖެހޭނެ. ދަރިފުޅަށް ނުހޭލެވުނީމަ އޭނަ ޖެހޭނެ.."
"މަންމާ!" ދެން ހުއްޓާލާށޭ ބުނާ ކަހަލަ ރާގެއްގައި ރާއިދު ބުންޏެވެ. "ޕާޓީގަ އުޅެއުޅެފަ ނުލާހިކު ޓަޔަޑްވެގެން ނިދީ. މަންމަ ތިހާ ބާރަށް ވާހަކަދައްކަނިކޮށް އޭނައަށް ހޭލެވިއްޖެއްޔާ.."
"ދެންމެ ބުނި ފާހާނައިގަޔޭ ނަޖޫ.." ފާއިޒާއަށް ބުނެވުނީ އެ ހިސާބަށެވެ.
"އަހަރެން އެބަ ގަޑިޖެހޭ މަންމާ!" އެހެން ބުނެފައި ރާއިދު ދޮރުލެއްޕިއެވެ.
ކައިވެނީގެ ފުރަތަމަ ދުވަހު ކަންތައް ހިނގި ގޮތް ފާއިޒާއަކަށް އެއްގޮތަކަށް ވެސް ކަމަކުނުދިޔައެވެ. ރާއިދަކީ ދުވަހަކު ވެސް ފާއިޒާގެ މޫނުމައްޗަށް ދޮރުޖެހި ކުއްޖެއް ނޫނެވެ. ދޮގުހެދި ކުއްޖެއް ނޫނެވެ. ފާއިޒާ ބޭނުންވީ އަނެއްކާ ވެސް ދޮރުގައި ޓަކިޖަހާށެވެ. ރާއިދު ބޭރަށް ނެރިފައި ނަސޭހަތްދޭށެވެ. ޓަކިޖަހަން އަތްމަޅައި ވެސް ލިއެވެ. އަނެއްކޮޅުން ރާއިދު ވެސް ހުރީ ވަރަށް ހިތްހަމަނުޖެހިފައެވެ. ދިފްލާއަށް ގުޅައިފައި ފާއިޒާ ކޮންމެވެސް އެއްޗެހިތަކެއް ކިއިހެން ހީވާތީއެވެ. ޔަގީންކުރަން މަންމަ ގާތުގައި އެ ވާހަކަ އަހާކަށް ރާއިދަކަށް ނުކެރުނެވެ. އޭރުން ވެސް ހުރިހައި ރާޅެއް ދިފްލާއަށް އަންނާނެތީއެވެ.
ޖެހި ރާޅުން ދިފްލާ ފޯކޮށްލިއެވެ. އެކަމަކު އެ ތަނުން ތެދުވާކަށް ދިފްލާ ބޭނުމެއް ނުވިއެވެ. ވާޓަރު މަތީގައި އިށީނދެލައިގެން މޫދަށް ނަޒަރުހުއްޓާލައިގެން އިނީއެވެ. ގަޑިން ހެނދުނު ނުވައެއް ޖަހައި ބޮޑުވެއްޖެއެވެ.
"އޭރު ވެސް މާނީ ބުނީމެއްނު ތި ތަނަށް ރާޅުޖަހާނޭ!" މޫދު ފޮޓޯނަގަން ތަންކޮޅެއް ދުރުގައިހުރި ޔަމާނީ ބުންޏެވެ. "އަނެއްކާ އަނެއް ވޭވް ނާންނަނީސް ތެދުވެގެން ދަމާ ހިނގާ!"
ދިފްލާއަކަށް އެ އަޑެއް ނީވުނެވެ. ނުވެސް ބެލިއެވެ. ޔަމާނީ އައިސް ދިފްލާ ކައިރީގައި ހުއްޓުނެވެ.
"ދޮންތާ!" ތަންކޮޅެއް ބާރަށް ޔަމާނީ ގޮވައިލިއެވެ. "ނިމުނީއޭ!"
ފޫހި ގޮތަކަށް ދިފްލާ ތެދުވިއެވެ. ތޮށިގަނޑު މަތިން ފޭބިއެވެ. ދެބެއިން އެކުގައި ގެއާ ދިމާއަށް ހިނގައިގަތެވެ.
"ނަސީބެއް މާނީއަށް އެ ތާ ނުހުރެވުނުކަން،" ފޯނުން ފޮޓޯތައް ބަލަމުން ޔަމާނީ ބުންޏެވެ. "ސޯ ލަކީ."
"އެއްވެސް އެއްޗެއް އެންމެނަށް އެއްވަރަކަށް ނުލިބެއެއްނު!" ދަބަހުން ޓިޝޫއެއް ނަގައި މޫނު ފުހެލަމުން ދިފްލާ ބުންޏެވެ. "ލަކް، ލަވް، ހެޕިނަސް.. އެ ހުރިހާ އެއްޗެއް ބެހި ތަނަށް ވެސް އެންމެ ފަހުންކަން ނޭނގެ އަހަންނަށް ދެވުނީ. އެންމެނަށް ވެސް އަހަރެން ހާދަ ނައިސްކޮށޭ ކަންތައްކުރަނީ. އެކަމަކު ނަސީބު ދުވަހަކު ވެސް އަހަންނަށް ނައިސްއެއް ނުވޭ!"
"ތިޔޮއް އަންނަނީނު ދޮންތަގެ ނަސީބު." ސަމާސާ ރާގެއްގައި ޔަމާނީ ބުންޏެވެ.
ދިފްލާ ބަލައިލި އިރު ރާއިދު އަންނަ ތަން ފެނުނެވެ. އެއީ އެ ވަގުތު ދިމާވާން ދިފްލާ އެންމެ ބޭނުން ނުވި މީހާއެވެ. ދިފްލާމެންނާ އަރައި ހަމަވެފައި ރާއިދުގެ ސައިކަލު މަޑުކޮށްލިއެވެ.
"އެންމެ ހޫނުގަދަ ގަޑީގަ ދެބެން ކޮން ތާކަށް މި ދަނީ؟" ރާއިދު އެހިއެވެ.
"ކީއްވެ ހޫނުވާންވީ؟" ދިމާކޮށްލާ ރާގުގައި ޔަމާނީ ބުންޏެވެ. "ރާޅެއްޖަހާ ދޮންތަ ފޯކޮށްލައިފި."
"އެބުނާހެން،" ދިފްލާއަށް ބަލައިލާފައި ރާއިދު ބުންޏެވެ. "އެއީ ކިހިނެއްވީ ކަމެއް؟"
"ސްކޫލް ޕްރޮޖެކްޓަކަށް ފޮޓޯތަކެއް ނަގަން މި އައީ،" ޔަމާނީ ކިޔައިދިނެވެ. "މާނީ ބުނިން ދޮންތަ ކައިރީގަ އެ ތަނަށް ރާޅު އެބަ ޖަހަޔޭ ބީކެއަރފުލްއޭ! އެކަމަކު މި ދޮންތަ އަބަދު ވެސް ޑޭޑްރީމެއްގަ މިހާރު އުޅެނީ."
އެ ވަގުތު ސައިކަލެއް ފަހަތުގައި ދިޔަ އަންހެންކުއްޖަކު ޔަމާނީއަށް ގޮވައިލިއެވެ. އެ ކުއްޖާ ކޮނޑުގައި ކެމެރާއެއް އަޅުވައިފައި އޮތެވެ. ޔަމާނީ ފެނުމުން ސައިކަލު މަޑުކުރުވައިފައި އެ ކުއްޖާ ފޭބިއެވެ. ދެ ކުދިން ވެސް އުޅެނީ އެއްކަމެއްގައެވެ.
"ހެޔޮތަ އަހަރެން ސަތޫއާ އެއްކޮށް ދިޔަސް؟" ޔަމާނީ އެހިއެވެ. "އެބަ ޖެހޭ އެ ގެއިން އެއްޗެއް ނަގަން."
"އޮފްކޯޒް!" ޖަވާބުދިނީ ރާއިދެވެ. "އަހަރެން ދޮންތަ ގެޔަށް ލާނަން."
"ތެންކްޔޫ ސޯ މަޗް!" ދިފްލާ އެއްޗެއް ބުނަން އަނގަ ހުޅުވައިލި ވަގުތު ޔަމާނީ އެހެން ބުނެފައި ހިނގައިގަތެވެ.
ހީ ވެސް ނުކުރާ ކަހަލަ ގޮތަކަށް ދިފްލާއާއި ރާއިދު އެކަނިވިއެވެ.
"ދެން ނެތް ޗޮއިސްއެއް،" ރާއިދު ބުންޏެވެ. "އަރާ!"
"ކުރިން ވެސް އަހަރެން ތި ސައިކަކަށް ނާރަން،" ލާނެތް ހިންޏެއް އައިސްފައި ދިފްލާ ބުންޏެވެ. "މިހާރު އަދި ވަކިން ނާރާނެއްނު! އޮފީސް ކުދިން ދޭ އޮފީހަށް. އަހަރެން ހިނގާލާފަ ހިނގައިދާނަން."
ދިފްލާ ހިނގައިގަތުމުން ދިފްލާޔާ އެއްވަރަށް ރާއިދު މަޑުމަޑުން ސައިކަލު ދުއްވަން ފެށިއެވެ.
"ތީ އަހަރެން ވަރަށް ފޫހިވާ ކަމެއް." ދިފްލާ ބުންޏެވެ.
ރާއިދު ސައިކަލުން ފައިބައިފައި، އަތުން ސައިކަލު ހިފައިގެން ހިނގަން ފެށިއެވެ. ދިފްލާ ހޭން ފެށިއެވެ.
"ރާއިދު ޓައީއަޅާފަ ސައިކު އަތުން ހިފައިގެން އަހަންނާ އެއްވަރަށް ހިނގީމަ ކިހާ ޖޯކު؟" ހެމުންހެމުން ދިފްލާ ބުންޏެވެ.
"ދެން ނެތެއްނު އެހެން ގޮތެއް،" ރާއިދު ބުންޏެވެ. "ސައިކު ބަހައްޓާފަ އަހަންނަކަށް ނުދެވޭނެ. އަރައިގެނެއް ވެސް ނުދެވޭނެ. ދިފްލާ ދޫކޮށްލާފައެއް ވެސް ނުދެވޭނެ. ދިފްލާއެއް ސައިކަކަށް ނުވެސް އަރާނެ."
"ކިހާ ބޮޑު ކަމެއް؟" ކުޑަކޮށް ރަކިވެފައި ދިފްލާ ބުންޏެވެ. "ކޮންމެ ގޮތެއް ވިޔަސް، ތި ސައިކަކަށް އަހަންނެއް ނާރާނަން. ރާއިދަކަށް ނޭނގޭތަ ނަޖޫގެ މަންމަ މިހާރު ވެސް އަހަރެން ދެކެ ކިހާ ރުޅިއަންނަކަމެއް؟ ނަޖޫ ނުބުނޭތަ؟"
"އެބަ އޮތް އައިޑިޔާއެއް،" މަގުގެ އެއްފަރާތުގައި ސައިކަލު ޕާކުކުރަމުން ރާއިދު ބުންޏެވެ. "ހިނގާ ތިހިރަ ކެފޭއަށް ވަންނަމާ! ބޭރުގަ ތިބެވޭނެ. ދިފްލާ ހިކުނީމަ ޓެކްސީއަކަށް ގުޅާނީ. ކިހިނެއްވާނެ؟"
އެ ގޮތް ދިފްލާއަށް ކަމުދިޔައެވެ. ދެމީހުން އެކުގައި ކެފޭއާ ދިމާއަށް ހިނގައިގަތެވެ.
"ދެން ބުނެބަލަ!" ބޭނުންވި ދަނޑިވަޅު ލިބުމުން ރާއިދު އެހިއެވެ. "ކީއްވެ ރޭގަ ރުއީ؟"
ނުނިމޭ