21 ފެބުރުއަރީ 2017 - 08:46

ލަންޑަން (ފެބްރުއަރީ 21) - އެފްއޭ ކަޕްގެ ފަސް ވަނަ ބުރުގައި ރޭ ނޮން ލީގު ޓީމެއް ކަމަށްވާ ސަޓަން ޔުނައިޓެޑް އަތުން 2-0 އިން މޮޅުވެ އާސެނަލް މުބާރާތުގެ ކުއާޓާ ފައިނަލުން ޖާގަ ހޯދައިފި އެވެ.
ރޭގެ މެޗު ކުޅުނީ ޓާފް ދަނޑެއްގަ އެވެ. މެޗުގެ ކުރިން އާސެނަލްގެ ކޯޗު އާސެން ވެންގާ ވަނީ ޓާފް ދަނޑެއްގައި ޖެހުމުން ހިތްހަމަ ނުޖެހުން ފާޅުކޮށްފަ އެވެ.
ފާއިތުވި މެޗުތަކުގައި އާސެނަލްގެ ކުޅުން ދަށްވުމުން އެ ވެންގާގެ މުސްތަގުބަލާ ގުޅޭގޮތުން ވަނީ ސުވާލު އުފެދިފަ އެވެ. ރޭގެ މެޗުން އާސެނަލް މޮޅުވިއިރު މިއީ އެފްއޭ ކަޕްގެ ކުއާޓާ އިން ޖެހިޖެހިގެން އެ ޓީމު ޖާގަ ހޯދި ހަތަރު ވަނަ ފަހަރެވެ.
ރޭގެ މެޗުގެ 26 ވަނަ މިނިޓްގައި އާސެނަލަށް ލީޑު ނަގައިދިނީ ސްޕެއިނުގެ ފޯވާޑް ލޫކަސް ޕެރޭޒް އެވެ. މި މެޗުގެ ފުރަތަމަ އެގާރައިގައި ޕެރޭޒް ހިމަނާފައިވަނީ ކުޅުމުގެ ފުރުސަތު މަދުން ލިބޭތީ މި ސީޒަނަށް ފަހު ކްލަބް ދޫކޮށްލާނެ ކަމުގެ އިޝާރާތެއް ދީފައިވަނިކޮށެވެ.
މެޗުގެ ދެ ވަނަ ހާފް ފަށައިގެން ދިހަ މިނިޓް ތެރޭ އާސެނަލްގެ ދެ ވަނަ ލަނޑު ކާމިޔާބުކުރީ ތިއޯ ވޮލްކޮޓް އެވެ. މިއީ އާސެނަލަށް ވޮލްކޮޓް ޖަހައިދިން 100 ވަނަ ލަނޑެވެ.
މި މެޗުން މޮޅުވުމުން އާސެނަލް ކުއާޓާ ފައިނަލުގައި އަންނަ މަހުގެ 11 ވަނަ ދުވަހު އަމިއްލަ ދަނޑުގައި ނުކުންނާނީ އިނގިރޭސި ފަސް ވަނަ ޑިވިޝަންގެ ލިންކޮން ސިޓިއާ ދެކޮޅަށެވެ. ލިންކޮން ކުއާޓާ އިން ޖާގަ ހޯދީ ބާންލީ ކަޓުވާލުމަށް ފަހު އެވެ.
ވެންގާ ބުނީ އޭނާ އަށް އަމާޒުކުރެވިފައިވާ ފާޑުކިޔުންތަކަށް ރައްދުދޭން ބޭނުންނުވާ ކަމަށާއި އަމާޒަކީ މި ސީޒަނަކީ އެ ޓީމަށް ކާމިޔާބު އަހަރަކަށް ހެދުން ކަމަށެވެ.