11 މެއި 2024 - 11:00

"ޓެރަރިސްޓު ޖަމާއަތްތައް" އދ. އަށް ވަދެ ތިބުމުގެ ދޮރު ހުޅުވައިދިން ކަމަށް ބުނެ، ފަލަސްތީނަށް އދ. ގެ ފުރިހަމަ މެމްބަރުކަން ދިނުމަށް ރޭ އެ ޖަމިއްޔާގެ އާންމު މަޖިލީހުން ނިންމި ނިންމުމަށް އިޒްރޭލުން ވަރަށް ބޮޑަށް ފާޑުކިޔައިފި އެވެ.
އދ. އިން އިއްޔެ ބޭއްވި 10 ވަނަ ކުއްލި ބައްދަލުވުމުގައި ޔޫއޭއީ އިން ވަނީ "އެޑްމިޝަން އޮފް ނިއު މެމްބާސް ޓު ދަ ޔުނައިޓަޑް ނޭޝަންސް"ގެ ނަމުގައި ގަރާރެއް ހުށަހަޅައިފަ އެވެ.
ރާއްޖޭން ކޯ ސްޕޮންސާކޮށް ހުށަހެޅި ގަރާރަށް ރޭ ނެގި ވޯޓުގައި 143 ގައުމަކުން ތާއީދުކުރި އެވެ. ގަރާރާ ދެކޮޅަށް ނުވަ ގައުމަކުން ވޯޓު ދިން އިރު، އެއްވެސް ކޮޅަކަށް ވޯޓުދޭން 25 ގައުމަކުން ބޭނުމެއް ނުވި އެވެ.
އެކަމާ ހިތްހަމަނުޖެހި، އދ. ގައި ހުންނަ އިޒްރޭލްގެ ސަފީރު އެރްދާން ވަނީ އާންމު މަޖިލީހުގެ ޕޯޑިއަމްގައި ވާހަކަ ދައްކަމުން އދ.ގެ އަސާސީ ގަވާއިދު ވީދާލައިފަ އެވެ.
"މި ހުޅުވައިދިން ދޮރުން، އައިސިސް އާއި ބޯކޯހަރާމްގެ މަންދޫބުން މި މާލަމަށް ވަދެ އަޅުގަނޑުމެންނާ އެކީ އިށީނދެ ތިބޭ ތަން ފެނުން ގާތް،" ދުނިޔޭގެ އެންމެ ނުރައްކާތެރި ދެ ޓެރަރިސްޓު ޖަމާއަތަށް އިޝާރާތްކޮށް އޭނާ ބުންޏެވެ.
އެރްދާން ސިފަކުރި ގޮތުގައި، މިނިވަން ދައުލަތެއްގެ ކުލަ އދ. އިން ޖައްސައި ދިނީ، ކުޑަ ކުދިން މަރައި، ރޭޕް ކުރަމުންދާ ޓެރަރިސްޓު ޖަމާއަތެއްގެ ކޮންޓްރޯލްގެ ދަށުގައި އޮތް ބަޔަކަށެވެ.
އދ. ގެ އާންމު މަޖިލީހުގެ އިއްޔެގެ ކުއްލި ބައްދަލުވުން ބޭއްވީ ފަލަސްތީނުން އދ. ގެ ފުރިހަމަ މެމްބަރަކަށް ވުމަށްޓަކައި އަލްޖީރިއާ އިން އދ. ގެ ސަލާމަތީ މަޖިލީހަށް ހުށަހެޅި ގަރާރަށް އެމެރިކާ އިން ދެކޮޅަށް ވޯޓުލައި އެކަން ހުއްޓުވާފައި ވާތީ އެވެ. އދ. ގެ ސަލާމަތީ މަޖިލީހަށް އެ މަޖިލީހުގެ މަސްއޫލިއްޔަތު އަދާނުކުރުވޭ ހާލަތެއްގައި މެމްބަރު ގައުމުތަކުން ކުއްލި ބައްދަލުވުމަކަށް ގޮވާލެވޭނެ އެވެ.
އާންމު މަޖިލީހުން މި ގަރާރު ފާސްކުރިޔަސް، ފަލަސްތީނަށް އދ. ގެ ފުރިހަމަ މެމްބަރު ގައުމެއްގެ ދަރަޖަ ލިބޭނީ އދ. ގެ ސަލާމަތީ މަޖިލީހުން އެގޮތަށް ފާސްވުމުންނެވެ. ނަމަވެސް، އާންމު މަޖިލީހުން މި ގަރާރު ފާސްކުރުމާ އެކު، ދެން އަންނަ ބައްދަލުވުމުން ފެށިގެން، ފަލަސްތީނަށް މިހާރު ނުލިބޭ އިތުރު ހައްގުތަކެއް ލިބޭނެ އެވެ.
އޭގެ ތެރޭގައި އދ. ގެ އެހެން މެމްބަރު ގައުމުތަކާ އެކު ކަނޑައެޅިފައިވާ ތަރުތީބުން އިށީނދެގެން ތިބުމާއި އދ. ގައި ބޭއްވޭ ހުރިހާ ބައްދަލުވުމެއްގައި ވާހަކަ ދެއްކުމަށް ނަން ހުށަހެޅުމުގެ ހައްގު ހިމެނެ އެވެ.