ފަލަސްތީނަށް އިންސާފު ހޯދައިދޭން އދ.ގެ ތާރީހީ ފިޔަވަޅަށް ރައީސްގެ ތައުރީފު
ފަލަސްތީނަށް އިންސާފު ހޯދައިދޭން އދ.ގެ ތާރީހީ ފިޔަވަޅަށް ރައީސްގެ ތައުރީފު

ފަލަސްތީނަށް އދ.ގެ ފުރިހަމަ މެމްބަރުކަން ދޭން ރާއްޖޭން ކޯ ސްޕޮންސާކޮށްފައިވާ ގަރާރު އދ.ގެ އާންމު މަޖިލީހުން މިރޭ ފާސްކުރުމަކީ އިންސާފު ހޯދުމަށް ފަލަސްތީނުން ކުރާ މަސައްކަތަށް ލިބުނު ތާރީހީ ކާމިޔާބެއްގެ ގޮތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ސިފަކުރައްވައިފި އެވެ.

އ.ދ. އިން މިއަދު ބޭއްވި 10 ވަނަ ކުއްލި ބައްދަލުވުމުގައި ޔޫއޭއީ އިން ވަނީ "އެޑްމިޝަން އޮފް ނިއު މެމްބާސް ޓު ދަ ޔުނައިޓަޑް ނޭޝަންސް"ގެ ނަމުގައި ގަރާރެއް ހުށަހަޅައިފަ އެވެ.

ރާއްޖޭން ކޯ ސްޕޮންސާކޮށް ހުށަހެޅި ގަރާރަށް މިރޭ ނެގުނު ވޯޓުގައި 143 ގައުމަކުން ވަނީ ތާއީދުކޮށްފަ އެވެ. އެ ގަރާރާ ދެކޮޅަށް ނުވަ ގައުމަކުން ވޯޓުދިންއިރު، އެއްވެސް ކޮޅަކަށް ވޯޓުދޭން 25 ގައުމަކުން ބޭނުމެއް ނުވި އެވެ.

އެ ގަރާރާ އެއްކޮޅަށް ވޯޓުދިން ގައުމުތަކުގެ ތެރޭގައި ރާއްޖެ ވެސް ހިމެނޭއިރު، ރައީސް މިރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މިނިވަންކަން ހޯދުމަށް ފަލަސްތީނުން މަސައްކަތް ކުރަމުން އަންނަތާ އެތައް ޒަމާނެއް ވެއްޖެ ކަމަށާއި، އދ.އިން މިރޭ ފާސްކުރި ގަރާރަކީ އެ ހިތްވަރަށް ލިބުނު ތާރީހީ ކާމިޔާބެއް ކަމަށެވެ.

"ފަލަސްތީނު ރައްޔިތުންގެ ގުޑުވައިނުލެވޭ ހިތްވަރާއި ވިލުންވެރިކަމުން ދިވެހިންވެސް ނަމޫނާ ލިބިގަންނަން،" އެ މަނިކުފާނު ވިދާޅުވި އެވެ.

ރައީސް ވަނީ 1967 ވަނަ އަހަރުގެ ކުރީގެ ބޯޑަރުތަކުގެ މައްޗަށް އެކުލެވިފައިވާ، އިރުމަތީ ގުދުސް ވެރިރަށެއްގެ ގޮތުގައި ކަނޑައެޅިފައިވާ މިނިވަން އަދި މުސްތަގިއްލު ފަލަސްތީނުގެ ދައުލަތެއް ގާއިމު ކުރުމަށް ރާއްޖޭން އަބަދުވެސް ކުރާ ވަކާލާތުގައި ދެމިތިބޭނެ ކަމުގެ ޔަގީންކަން މިރޭ ވެސް ދެއްވައިފަ އެވެ.

އާންމު މަޖިލީހުން މި ގަރާރު ފާސްކުރިޔަސް، ފަލަސްތީނަށް އދ.ގެ ފުރިހަމަ މެމްބަރު ގައުމެއްގެ ދަރަޖަ ލިބޭނީ އދ.ގެ ސަލާމަތީ މަޖިލީހުން އެގޮތަށް ފާސްވުމުންނެވެ. ނަމަވެސް، އާންމު މަޖިލީހުން މި ގަރާރު ފާސްކުރުމާއެކު ދެން އަންނަ ބައްދަލުވުމުން ފެށިގެން، ފަލަސްތީނަށް މިހާރު ނުލިބޭ އިތުރު ހައްގުތަކެއް ލިބޭނެ އެވެ.

މިއަދު މި ކުއްލި ބައްދަލުވުން ބޭއްވުނީ ފަލަސްތީނުން އދ.ގެ ފުރިހަމަ މެމްބަރަކަށް ވުމަށްޓަކައި އަލްޖީރިއާއިން އދ.ގެ ސަލާމަތީ މަޖިލީހަށް ހުށަހެޅި ގަރާރަށް އެމެރިކާއިން ދެކޮޅަށް ވޯޓުލައި އެކަން ހުއްޓުވާފައިވާތީ އެވެ. އދ.ގެ ސަލާމަތީ މަޖިލީހަށް އެ މަޖިލީހުގެ މަސްއޫލިއްޔަތު އަދާނުކުރުވޭ ހާލަތެއްގައި މެމްބަރު ގައުމުތަކުން ކުއްލި ބައްދަލުވުމަކަށް ގޮވާލެވޭނެ އެވެ.

ފަލަސްތީނަށް އދ.ގެ އޮބްޒާވަރެއްގެ ދަރަޖަ ވެސް ލިބުނީ 2012 ވަނަ އަހަރު އެވެ. ފަލަސްތީނުން ވަނީ ފުރިހަމަ މެމްބަރުކަން ހޯދުމަށް އަހަރުތަކެއް ވަންދެން ލޮބީކޮށްފަ އެވެ. އެއީ ފުރިހަމަ މެންބަރުކަން ހޯދަން 2011 ވަނަ އަހަރު ހުށަހެޅުމުން އެކަމާ މެދު މިހާތަނަށް ވެސް އެއްވެސް ނިންމުމެއް ނުނިންމާ ބޭއްވުމަށް ފަހު އެވެ.