އދ.ގެ ވޯޓާއެކު މިނިވަން ފަލަސްތީނަކަށް ކުރާ މަސައްކަތުގައި ދެމިތިބޭނެކަމުގެ ޔަގީންކަން ޒަމީރު ދެއްވައިފި
އދ.ގެ ވޯޓާއެކު މިނިވަން ފަލަސްތީނަކަށް ކުރާ މަސައްކަތުގައި ދެމިތިބޭނެކަމުގެ ޔަގީންކަން ޒަމީރު ދެއްވައިފި

ފަލަސްތީނަށް އދ.ގެ ފުރިހަމަ މެމްބަރުކަން ދޭން ރާއްޖޭން ކޯ ސްޕޮންސާކޮށްފައިވާ ގަރާރު އދ.ގެ އާންމު މަޖިލީހުން މިރޭ ފާސްކުރުމުން އެ ކަމަށް މަރުހަބާ ވިދާޅުވެ، ފަލަސްތީނަށް މިނިވަންކަން ހޯދައިދޭން ރާއްޖޭން ކުރަމުންދާ މަސައްކަތުގައި ދެމިތިބޭނެ ކަމުގެ ޔަގީންކަން ފޮރިން މިނިސްޓަރު މޫސާ ޒަމީރު ދެއްވައިފި އެވެ.

އދ.ގެ ވޯޓާއެކު މިނިވަން ފަލަސްތީނަކަށް ކުރާ މަސައްކަތުގައި ދެމިތިބޭނެކަމުގެ ޔަގީންކަން ޒަމީރު ދެއްވައިފި
އދ.ގެ ވޯޓާއެކު މިނިވަން ފަލަސްތީނަކަށް ކުރާ މަސައްކަތުގައި ދެމިތިބޭނެކަމުގެ ޔަގީންކަން ޒަމީރު ދެއްވައިފި

އ.ދ. އިން މިއަދު ބޭއްވި 10 ވަނަ ކުއްލި ބައްދަލުވުމުގައި ޔޫއޭއީ އިން ވަނީ "އެޑްމިޝަން އޮފް ނިއު މެމްބާސް ޓު ދަ ޔުނައިޓަޑް ނޭޝަންސް"ގެ ނަމުގައި ގަރާރެއް ހުށަހަޅައިފަ އެވެ.

ރާއްޖޭން ކޯ ސްޕޮންސާކޮށް ހުށަހެޅި ގަރާރަށް މިރޭ ނެގުނު ވޯޓުގައި 143 ގައުމަކުން ވަނީ ތާއީދުކޮށްފަ އެވެ. އެ ގަރާރާ ދެކޮޅަށް ނުވަ ގައުމަކުން ވޯޓުދިންއިރު، އެއްވެސް ކޮޅަކަށް ވޯޓުދޭން 25 ގައުމަކުން ބޭނުމެއް ނުވި އެވެ.

އެ ގަރާރާ އެއްކޮޅަށް ވޯޓުދިން ގައުމުތަކުގެ ތެރޭގައި ރާއްޖެ ވެސް ހިމެނޭއިރު، ޒަމީރު މިރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ތަފާތު ގޮންޖެހުންތަކާ ކުރިމަތިވިޔަސް، މިރޭގެ ވޯޓުން ފަލަސްތީނަށް އދ.ގެ ފުރިހަމަ މެމްބަރެއްގެ ދަރަޖަ ހޯދައިދިނުމަށް މަގުކޮށިގެން ގޮސްފައިވާ ކަމަށެވެ.

"ފަލަސްތީނަކީ މިނިވަން އަދި މުސްތަގިއްލު ދައުލަތެއްގެ ހައްގު ހޯދުމުގެ މަސައްކަތުގައި ރާއްޖޭން ފުރިހަމައަށް އެއްބާރުލުން ދިނުމުގައި ދެމިތިބޭނަން،" ޒަމީރު ވިދާޅުވި އެވެ.

އާންމު މަޖިލީހުން މި ގަރާރު ފާސްކުރިޔަސް، ފަލަސްތީނަށް އދ.ގެ ފުރިހަމަ މެމްބަރު ގައުމެއްގެ ދަރަޖަ ލިބޭނީ އދ.ގެ ސަލާމަތީ މަޖިލީހުން އެގޮތަށް ފާސްވުމުންނެވެ. ނަމަވެސް، އާންމު މަޖިލީހުން މި ގަރާރު ފާސްކުރުމާއެކު ދެން އަންނަ ބައްދަލުވުމުން ފެށިގެން، ފަލަސްތީނަށް މިހާރު ނުލިބޭ އިތުރު ހައްގުތަކެއް ލިބޭނެ އެވެ.

މިއަދު މި ކުއްލި ބައްދަލުވުން ބޭއްވުނީ ފަލަސްތީނުން އދ.ގެ ފުރިހަމަ މެމްބަރަކަށް ވުމަށްޓަކައި އަލްޖީރިއާއިން އދ.ގެ ސަލާމަތީ މަޖިލީހަށް ހުށަހެޅި ގަރާރަށް އެމެރިކާއިން ދެކޮޅަށް ވޯޓުލައި އެކަން ހުއްޓުވާފައިވާތީ އެވެ. އދ.ގެ ސަލާމަތީ މަޖިލީހަށް އެ މަޖިލީހުގެ މަސްއޫލިއްޔަތު އަދާނުކުރުވޭ ހާލަތެއްގައި މެމްބަރު ގައުމުތަކުން ކުއްލި ބައްދަލުވުމަކަށް ގޮވާލެވޭނެ އެވެ.

ފަލަސްތީނަށް އދ.ގެ އޮބްޒާވަރެއްގެ ދަރަޖަ ވެސް ލިބުނީ 2012 ވަނަ އަހަރު އެވެ. ފަލަސްތީނުން ވަނީ ފުރިހަމަ މެމްބަރުކަން ހޯދުމަށް އަހަރުތަކެއް ވަންދެން ލޮބީކޮށްފަ އެވެ. އެއީ ފުރިހަމަ މެންބަރުކަން ހޯދަން 2011 ވަނަ އަހަރު ހުށަހެޅުމުން އެކަމާ މެދު މިހާތަނަށް ވެސް އެއްވެސް ނިންމުމެއް ނުނިންމާ ބޭއްވުމަށް ފަހު އެވެ.