ފަލަސްތީނަށް އދ.ގެ ފުރިހަމަ މެމްބަރުކަން ދޭން އާންމު މަޖިލީހުން ފާސްކޮށްފި
ފަލަސްތީނަށް އދ.ގެ ފުރިހަމަ މެމްބަރުކަން ދޭން އާންމު މަޖިލީހުން ފާސްކޮށްފި

ފަލަސްތީނަށް އދ.ގެ ފުރިހަމަ މެމްބަރުކަން ދޭން ރާއްޖޭން ކޯ ސްޕޮންސާކޮށްފައިވާ ގަރާރު އދ.ގެ އާންމު މަޖިލީހުން ދާދި ދެންމެއަކު ފާސްކޮށްފި އެވެ.

އ.ދ. އިން މިއަދު ބޭއްވި 10 ވަނަ ކުއްލި ބައްދަލުވުމުގައި ޔޫއޭއީ އިން ވަނީ "އެޑްމިޝަން އޮފް ނިއު މެމްބާސް ޓު ދަ ޔުނައިޓަޑް ނޭޝަންސް"ގެ ނަމުގައި ގަރާރެއް ހުށަހަޅައިފަ އެވެ.

ރާއްޖޭން ކޯ ސްޕޮންސާކޮށް ހުށަހެޅި ގަރާރަށް މިރޭ ނެގުނު ވޯޓުގައި 143 ގައުމަކުން ވަނީ ތާއީދުކޮށްފަ އެވެ. އެ ގަރާރާ ދެކޮޅަށް ނުވަ ގައުމަކުން ވޯޓުދިންއިރު، އެއްވެސް ކޮޅަކަށް ވޯޓުދޭން 25 ގައުމަކުން ބޭނުމެއް ނުވި އެވެ.

މި ގަރާރުގައި ވަނީ ފަލަސްތީނަކީ އދ.ގެ މެމްބަރަކަށް ވުމަށް ޝަރުތުހަމަވާ ގައުމެއް ކަމަށާއި އދ.ގެ އެހެން ގައުއުމުތަކުގެ ބޮޑު ތާއީދެއް މި ކަމަށް އޮންނަ ކަމަށް ފާހަގަކޮށްފަ އެވެ. ފަލަސްތީނަކީ މިހާރު އދ.ގެ 'އޮބްޒާވާ ސްޓޭޓަސް'ގެ ގައުމެކެވެ.

މިއަދު މި ކުއްލި ބައްދަލުވުން ބޭއްވުނީ ފަލަސްތީނުން އދ.ގެ ފުރިހަމަ މެމްބަރަކަށް ވުމަށްޓަކައި އަލްޖީރިއާއިން އދ.ގެ ސަލާމަތީ މަޖިލީހަށް ހުށަހެޅި ގަރާރަށް އެމެރިކާއިން ދެކޮޅަށް ވޯޓުލައި އެކަން ހުއްޓުވާފައިވާތީ އެވެ. އދ.ގެ ސަލާމަތީ މަޖިލީހަށް އެ މަޖިލީހުގެ މަސްއޫލިއްޔަތު އަދާނުކުރުވޭ ހާލަތެއްގައި މެމްބަރު ގައުމުތަކުން ކުއްލި ބައްދަލުވުމަކަށް ގޮވާލެވޭނެ އެވެ.

އާންމު މަޖިލީހުން މި ގަރާރު ފާސްކުރިޔަސް، ފަލަސްތީނަށް އދ.ގެ ފުރިހަމަ މެމްބަރު ގައުމެއްގެ ދަރަޖަ ލިބޭނީ އދ.ގެ ސަލާމަތީ މަޖިލީހުން އެގޮތަށް ފާސްވުމުންނެވެ. ނަމަވެސް، އާންމު މަޖިލީހުން މި ގަރާރު ފާސްކުރުމާއެކު ދެން އަންނަ ބައްދަލުވުމުން ފެށިގެން، ފަލަސްތީނަށް މިހާރު ނުލިބޭ އިތުރު ހައްގުތަކެއް ލިބޭނެ އެވެ.

- އދ.ގެ އެހެން މެމްބަރު ގައުމުތަކާއެކު ކަނޑައެޅިފައިވާ ތަރުތީބުން އިށީނދެގެން ތިބުމުގެ ހައްގު.

- އދ.ގައި ބޭއްވޭ ހުރިހާ ބައްދަލުވުމެއްގައި ވާހަކަދެއްކުމަށް ނަން ހުށަހެޅުމުގެ ހައްގު.

- ގްރޫޕް ތަކުގެ ފަރާތުން ތަގުރީރު ކުރުމުގެ ފުރުސަތު.

- އދ.އަށް ޕްރޮޕޯސަލްތައް ހުށަހަޅައި، އިސްލާހު ހުށަހަޅައި، އަދި ކޯ-ސްޕޮންސަރ ކުރުމުގެ ފުރުސަތު.

- އދ.ގައި ނަގާ ވޯޓުތަކާއި ބަހުސްތަކުގައި ރައްދު ދިނުމުގެ ހައްގު.

- އދ.ގައި ހިނގާ ބައްދަލުވުންތަކުގައި ނިޒާމީ ނުކުތާ ނެގުމުގެ ހައްގު.

- އދ.ގެ ޕްލީނަރީ އަދި މައި ކޮމިޓީތަކަށް ކުރިމަތިލުމުގެ ހައްގު.

- އދ.ގެ ހުރިހާ ބައްދަލުވުންތައް އަދި ބައިނަލްއަގުވާމީ ކޮންފަރަންސްތަކުގައި ފުރިހަމައަށް ބައިވެރިވުމުގެ ހައްގު.

ނަމަވެސް މި ބައްދަލުވުމުގައި ފާސްކުރެވުނު ގަރާރުން އދ.އަށް ހުށަހަޅާ އެއްވެސް ގަރާރަކަށް ވޯޓުލުމުގެ ހައްގު ފަލަސްތީނަކަށް ނުލިބެ އެވެ.

ފަލަސްތީނަށް އދ.ގެ އޮބްޒާވަރެއްގެ ދަރަޖަ ވެސް ލިބުނީ 2012 ވަނަ އަހަރު އެވެ. ފަލަސްތީނުން ވަނީ ފުރިހަމަ މެމްބަރުކަން ހޯދުމަށް އަހަރުތަކެއް ވަންދެން ލޮބީކޮށްފަ އެވެ. އެއީ ފުރިހަމަ މެންބަރުކަން ހޯދަން 2011 ވަނަ އަހަރު ހުށަހެޅުމުން އެކަމާ މެދު މިހާތަނަށް ވެސް އެއްވެސް ނިންމުމެއް ނުނިންމާ ބޭއްވުމަށް ފަހު އެވެ.