މަސައްކަތުގައި އުޅުއްވަނިކޮށް ރަޝިޔާ ސަފީރު އަވަހާރަވެއްޖެ
މަސައްކަތުގައި އުޅުއްވަނިކޮށް ރަޝިޔާ ސަފީރު އަވަހާރަވެއްޖެ

ޔުނައިޓެޑް ނޭޝަންސް (ފެބްރުއަރީ 21) - ނިއު ޔޯކުގައި ހުންނަ އދ.ގެ މައި މަރުކަޒުގައި މަސައްކަތުގައި އުޅުއްވަނިކޮށް، ރަޝިޔާ އިން އދ. އަށް ކަނޑައަޅާފައި ހުންނަ ސަފީރު ވިޓަލީ ޗޫރްކިން އަވަހާރަވެއްޖެ އެވެ.

ރަޝިޔާގެ ފޮރިން މިނިސްޓްރީން ބުނީ 65 ވަނަ އުފަން ދުވަސް މިއަދު ފާހަގަ ކުރާ ޗޫރްކިން އަވަހާރަވީ ކުއްލިއަކަށް ކަމަށެވެ. ތަޖްރިބާކާރު ޑިޕްލޮމެޓް އަވަހާރަވި ސަބަބެއް އަދި ހާމަކޮށްފައެއް ނުވެ އެވެ.

ޗޫރްކިން ގެންދަވަނީ 2006 ވަނަ އަހަރުން ފެށިގެން އދ.ގެ ސަފީރުކަމުގެ މަގާމު އަދާކުރައްވަމުންނެވެ. އޭނާ ވަނީ އދ.ގައި ރަޝިޔާގެ ސިޔާސަތު ދިފާއު ކުރެއްވުމަށް ބުރަ މަސައްކަތްތަކެއް ކުރައްވައިފަ އެވެ.

ސަަފީރު އަވަހާރަވި ޚަބަރު ލިބިވަޑައިގަތުމާ އެކު ރަޝިޔާގެ ރައީސް ލަޑިމިއާ ޕުޓިން ވަނީ ހިތާމަ ފާޅު ކުރައްވައިފަ އެވެ. ވަރަށް ގިނަ ގައުމުތަކުގެ ސަފީރުން ގެންދަވަނީ ހިތާމައިގެ ޝުއޫރުތައް ޓްވީޓް ކުރައްވަމުންނެވެ. އިނގިރޭސި ސަފީރު މެތިއު ރައިކްރޮފްޓް ވިދާޅުވީ އާދަޔާޚިލާފު ޝަޚުސިއްޔަތެއްގެ ވެރި ޗޫރްކިން އަވަހާރަވުމަކީ ލިބިވަޑއިގަތް ކުއްލި ޝޮކެއް ކަމަށެވެ. އެމެރިކާ ސަފީރު ނިކީ ހާލޭ ވިދާޅުވީ ޗޫރްކިން އަކީ ރަޝިޔާގެ މަގާމު ދިފާއު ކުރުމުގައި ވަރަށް ބޮޑު ހުނަރުވެރިއެއް ކަމަށެވެ.

ޚާރިޖީ ދާއިރާއާ ގުޅިވަޑައިގަތުމުގެ ކުރިން ޗޫރްކިން ވަނީ ފިލްމު ވެސް ކުޅުއްވައިފަ އެވެ. އދ.ގެ ސަފީރަކަށް ވަޑައިގަތުމުގެ ކުރިން އޭނާ ވަނީ ކެނެޑާ އަދި ބެލްޖިއަމް ސަފީރުކަން ވެސް ކުރައްވައިފަ އެވެ.