10 މެއި 2024 - 11:15

ނަމުގެ މައްސަލާގައި ފާޑުކިޔުން އަމާޒުވެފައިވާ، މަސްއޮޑި ސްޕޯޓްސް ކްލަބްގެ ނަން އޮޑި ސްޕޯޓްސްގެ ނަމަށް ބަދަލުކޮށްފި އެވެ.

އަންނަ ސީޒަނުގައި ފުރަތަމަ ޑިވިޝަނުން ޖާގަ ހޯދާފައިވާ ކްލަބްގެ ނަމުގެ މައްސަލާގައި ބައެއް ފަރާތްތަކުން އެ ކްލަބާ މެދު ދެކޭ ގޮތް ތަފާތުކަމަށް ފުޓްބޯޅައިގެ ސީނިއާ ބޭފުޅަކު ވިދާޅުވެފައި ވެއެވެ.
ދަށް ޑިވިޝަންތަކުގައި ވަކި ނަމެއް ބޭނުން ކުރި ނަމަވެސް، ފުރަތަމަ ޑިވިޝަންގައި ކުޅުމުގެ ކުރިން ނަން ބަދަލު ކުރި އަނެއް ޓީމަކީ ދަ ގްރާންޑޭ ސްޕޯޓްސް ކްލަބެވެ. އެ ޓީމުން ދެވަނަ ޑިވިޝަން ކާމިޔާބު ކުރީ ދަ ގްރާންޑޭ އަމީގޯސް ނިއު ޖެނަރޭޝަން (ދަ ގޭންގް) ނަމުގަ އެވެ. އެކަމަކު އެ ކްލަބްގެ ނަން ފުރަތަމަ ޑިވިޝަން ކުޅުމުގެ ކުރިން ދަ ގްރާންޑޭ އަށް ބަދަލު ކުރި އެވެ.
ސެންޓްރަލް ޕާކުގައި ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި ހަފުލާގައި، އޮޑިގެ އާ ލޯގޯ ވެސް ވަނީ ދައްކައިލައިފަ އެވެ.
އެ ހަފުލާގައި އެފްއޭއެމްގެ ރައީސްކަމަށް ވާދަކުރައްވަން އިއުލާންކޮށްފައިވާ އަހްމަދު ތޯރިގު (ޓޮމް) ބައިވެރިވެ ވަޑައިގަތެވެ. އެފްއޭއެމްގެ މެންބަރެއްގެ ހައިސިއްޔަތުން އެ އެސޯސިއޭޝަންގެ ކޮންގްރެސްގައި ވޯޓް ލުމުގެ ހައްގު އޮޑިއަށް އޮވެ އެވެ.
ދެވަނަ ޑިވިޝަންގެ ޗެމްޕިއަންކަން ހޯދި އޮޑިން، ރޭ ވަނީ ބައެއް ކުޅުންތެރިން ސޮއި ކުރުވައިފަ އެވެ. މިދިޔަ ތިން އަހަރު މާޒިޔާ އަށް ކުޅުނު ހުސައިން ނިހާން (ނިހާޓް) ވަނީ އޮޑިއަށް ސޮއިކޮށްފަ އެވެ. ފުރަތަމަ ޑިވިޝަން ފުޓްބޯޅައިން 2022 ގައި ރިޓަޔާ ކުރި ކުރީގެ ޑިފެންޑަރު މުހައްމަދު ރަޝީދު (ހޮކޭ) ވެސް ވަނީ އޮޑި އަށް ސޮއިކޮށްފަ އެވެ، ދެވަނަ ޑިވިޝަންގެ ޗެމްޕިއަންކަން ހޯދުމުގައި އޭނާގެ ހިއްސާ އެ މުބާރާތުގައި ބޮޑެވެ.