08 މެއި 2024 - 17:47

ދުބާއީގައި މިހާރު ކުރިއަށް ގެންދާ އަރަބިއަން ޓްރެވަލް މާކެޓް (އޭޓީއެމް) ފެއާގައި މާކެޓިން އެންޑް ޕީއާރު ފާމް، "ދަ ޓްރެވަލް ގާއިޒް" ގެ ޓޫރިޒަމް މެގަޒިން "ޓްރެވެލޫޝަން"ގެ ދެ ވަނަ އެޑިޝަން ނެރެފި އެވެ.

އެ މެގަޒިން ނެރެދެއްވީ "ދަ ޓްރެވަލް ގާއިޒް"ގެ މެނޭޖިން ޑިރެކްޓަރު ފްރާތު މުހައްމަދު އާއި އެމްއެމްޕީއާރުސީގެ ޗެއާޕާސަން އަދި ހޮޓެލްސް އެންޑް ރިސޯޓްސް އިންވެސްޓްމަންޓް މޯލްޑިވްސްގެ ވައިސް ޗެއާ، ނޫރެއިން ޖަނާހު އެވެ.

"ދަ ޓްރެވަލް ގާއިޒް"ގެ މެނޭޖިން ޑިރެކްޓަރު ފްރާތު މުހައްމަދު ވިދާޅުވީ މި ފަހަރުގެ އެޑިޝަން ހާއްސަކުރީ މެދުއިރުމައްޗާއި ގަލްފު ސަރަހައްދުގެ ގައުމުތަކަށް ކަމަށެވެ. މި މެގަޒިން ޔޫރަޕްގެ އެޖެންޓުންނަށް ވެސް ބަހާފައިވާކަން ފާހަގަކުރެއްވި އެވެ.

ފްރާތު ވިދާޅުވީ މި މެގަޒިންގެ އަމާޒަކީ ކޮންމެ ޓޫރިސްޓަކަށް ވެސް އެ ޓޫރިސްޓަކު ބޭނުންވާ ފަދަ ވެކޭޝަނެއް ރާއްޖޭގައި ހޭދަކުރުމަށް ބޭނުންވާ ރެކޮމެންޑޭޝަންތައް ދިނުން ކަމަށެވެ. މެގަޒިންގެ ކުރީގެ އަދަދަށް ހޫނު ތަރުހީބެއް ލިބުނު ކަމަށާއި އެ އަދަދުގެ ކާމިޔާބީއާ އެކު މި ފަހަރު ނެރުނު މެގަޒިން އިތުރަށް ފުރިހަމަކުރުމަށް މަސައްކަތްކޮށްފައިވާނެ ކަމަށް ވެސް ވިދާޅުވި އެވެ.
ފްރާތު ވިދާޅުވީ މި މެގަޒިންއިން ޓޫރިޒަމް ރިކޮމެންޑޭޝަންތައް ދިނުމުގައި ސްޓޭންޑަޑެއް ސެޓްކުރެވިއްޖެ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.
މިދިޔަ އެޑިޝަނެކޭ އެއްގޮތަށް، މި ފަހަރު ވެސް، މި މެގަޒިންގެ އެންމެ ބޮޑު ފޯކަސް އަކީ "ދަ ބެސްޓް" ސެގްމަންޓެވެ. މި ސެގްމަންޓަކީ ރާއްޖެ ޒިޔާރަތް ކުރަން ބޭނުންވާ ޓޫރިސްޓުންނަށް އެންމެ ފުރިހަމަ އަށް ރާއްޖޭގައި ޗުއްޓީ ހޭދަކުރަން ބޭނުންވާނެ ރިކޮމެންޑޭޝަންތައް ހިމެނޭ ސެގްމަންޓެކެވެ.
މި ސެގްމަންޓުގައި ހިމަނާފައި ވަނީ އެންމެ ޕްރިމިއަމް އެކޮމޮޑޭޝަންތަކާއި ކުޒީން، އެކްސްކާޝަން އަދި އެކި އޮފާތަކެވެ. މި މެގަޒިންގައި، ވެޑިންތައް ބޭއްވުމަށް އެންމެ ރަނގަޅު ރިސޯޓުތަކާއި، ވެލްބީންއަށް ހާއްސަ ރިސޯޓްތަކާއި ފެމެލީ ފްރެންޑްލީ ރިސޯޓުތައް ރާއްޖޭގައި ހުރި އެކި ބީޗްވިލާތަކާއި ގުޅޭ ރެކޮމެންޑޭޝަންތައް ވެސް ވަނީ ހިމަނައިފަ އެވެ.
މި މެގަޒިންގައި ރާއްޖެ ހިމެނޭ ސަރަހައްދުގެ ސަގާފަތްތަކާއި ރާއްޖޭގެ ގުދުރަތީ ރީތިކަން ހިމެނޭ ލިޔުންތައް ވެސް ވަނީ ހިމަނައިފަ އެވެ. ކަނޑުގެ ރީތި މަންޒަރުތަކާއި ދިރުންތައް އަދި ރިސޯޓުތަކުގެ ހިތްގައުމުކަން ދައްކައިދޭ ގިނަ ފޮޓޯތަކެއް ވެސް ވަނީ ހިމެނެ އެވެ. އަދި މި އަހަރު، ރިސޯޓް މިޔުޒިކް އިންޑަސްޓްރީގެ ފަންނާނަކާއި ގުޅޭ ފީޗާއަކާއި ރާއްޖޭގެ ޓޫރިޒަމް ދާއިރާގެ ފުންނާބުއުސް ބައެއް ބޭފުޅުން ފީޗާ ހިމަނާފައިވެ އެވެ. އަދި މި އެޑިޝަންގައި އެމްއެމްޕީއާރުސީގެ ޗެއާޕާސަން އަދި ހޮޓެލްސް އެންޑް ރިސޯޓްސްިންވެސްޓްމަންޓް މޯލްޑިވްސްގެ ވައިސް ޗެއާ، ނޫރެއިން ޖަނާހު ލިއުއްވާފައިވާ ހާއްސަ އާޓިކަލްއެއް ހިމެނެ އެވެ.
"ޓްރެވެލޫޝަން"ގައި ކިޔުންތެރިންނަށް ހާއްސަ ޑީލްތަކެއް ވެސް ވަނީ ހިމަނާފަ އެވެ. މެގަޒިންގައި ހިމެނޭ ކިއުއާރު ކޯޑު ސްކޭން ކޮށްގެން މެގަޒިންގެ ކިއުންތެރިންނަށް ހާއްސާ އޮފާތަކުގެ ތަފްސީލް ލިބޭނެ އެވެ.
މި ބްރޭންޑް އިތުރަށް ފުޅާކުރުމުގެ ގޮތުން ޓްރެވެލޫޝަން އެވޯޑްސް ވެސް މި މެގަޒިންގައި ވަނީ އިއުލާންކޮށްފަ އެވެ. މި އެވޯޑު އޮންނާނީ މި އަހަރުގެ ތިން ވަނަ ކުއާޓަރުގައި ކަމަށް ދަ ޓްރެވަލް ގާއިޒްއިން ބުންޏެވެ.
"ޓްރެވަލޫޝަން"ގެ ތިން ވަނަ އެޑިޝަން މި އަހަރުގެ ނޮވެމްބަރު މަހު ނެރުމަށް ވަނީ ހަމަޖެހިފަ އެވެ.