އެހެން ބޭންކުތަކަށް ބަލްކް ޓްރާންސްފާގެ ހިދުމަތް އެމްއައިބީން ފަށައިފި
އެހެން ބޭންކުތަކަށް ބަލްކް ޓްރާންސްފާގެ ހިދުމަތް އެމްއައިބީން ފަށައިފި

އެމްއައިބީން ފަވަރަ މެދުވެރިކޮށް އެހެން ބެންކު އެކައުންޓުތަކަށް ވެސް ބަލްކުކޮށް ޓްރާންސްފާ ކުރެވޭ ހިދުމަތް ތައާރަފްކޮށްފި އެވެ.

މި ހިދުމަތަކީ މީގެ ކުރިން އެމްއައިބީގެ އިންޓަނެޓް ބޭންކިން ޕްލެޓްފޯމް ފައިސާނެޓް މެދުވެރިކޮށް ހަމައެކަނި އެމްއައިބީގެ އެކައުންޓުތަކަށް ފައިސާ ފޮނުވުމުގައި ލިބޭ ހިދުމަތެކެވެ. މި ހިދުމަތް ފަވަރައިން ހޯދާއިރު، އެހެން ބެންކުގެ އެކައުންޓުތައް ވެސް ބަލްކު ޓްރާންސްފާތަކުގައި ހިމަނާ، އެ ފައިސާ ވަގުތުން ޖަމާކުރެވޭ ގޮތަށް ފޮނުވޭނެ ކަމަށް އެމްއައިބީއިން ބުންޏެވެ.

އެމްއައިބީއިން ބުނި ގޮތުގައި އެ ބެންކުގެ ބަލްކު ޓްރާންސްފާ އަކީ ގިނަ ކުންފުނިތަކަކުން މުސާރަ ޖަމާކުރުމުގައި ބޭނުންކުރަމުންދާ ހިދުމަތެއްކަން އެ ބެންކުން ފާހަގަކުރެ އެވެ.

ފަވަރަ އަކީ ރާއްޖޭގެ އެއް ބެންކު އަނެއް ބެންކަށް ވަގުތުން ފައިސާ ފޮނުވޭ ހިދުމަތެކެވެ. ފަވަރައިން ކޮންމެ ބޭންކެއްގައި މުވައްޒަފެއް ނުވަތަ ހިއްސާދާރެއްގެ އެކައުންޓު އޮތް ނަމަވެސް ބެންކުން ދޭ ފޯމެޓަކަށް ތަފްސީލް ޝީޓު އަޕްލޯޑުކޮށްގެން ވަގުތުން ފައިސާ ޖަމާކުރެވޭނެ އެވެ.

އެމްއައިބީން އޮންލައިން ކޮށް ފައިސާ ފޮނުވުމުގެ ހިދުމަތް ފަވަރައިގެ އިތުރުން އެ ބެންކުގެ އިންޓަނެޓް ބެންކިން ފައިސާ ނެޓްއިން ލިބޭނެ އެވެ. ފައިސާ ނެޓަކީ ރައްކާތެރި، ވިޔަފާރިތަކަށް ވެސް ބޭނުން ކުރަން ފަސޭހަ ޕްލެޓްފޯމެކެވެ. ފައިސާ ނެޓުން ކުންފުނިތަކުގެ އެކައުންޓެންޓުން ފަދަ މުވައްޒަފުންނަށް ބޭނުން ލެވަލްއެއްގެ އެކްސެސް ދެވޭނެ އެވެ.