08 މެއި 2024 - 09:53

އާދިއްތަ ދުވަހާ ގުޅޭ
"އެ ތިބަ އަންނަނީ ދެކުދިން." ނަސީމު ބުންޏެވެ.
ފާއިޒާގެ ދަރިފުޅު ރާއިދަށް ފާއިޒާ ހިނިތުންވެލިއެވެ. ކުލުނުން ފުރިފައިވާ މައިވަންތަ ލޯތްބާ އެކުގައެވެ. ދަރިފުޅުގެ އެ ދުވަސް ދެއްކެވިކަމަށް ޓަކައި ފާއިޒާގެ ހިތް ޝުކުރުން ފުރުނެވެ. އެހެންނަމަވެސް، ނަޖްވާންގެ ހެދުން ފެނުމާއެކު ފާއިޒާގެ ހިނިތުންވުން ފިލައިގެންދިޔައީ، ހޫނު ތާހަކަށް ވެއްޓުނު ފެންތިއްކެއްހެންނެވެ. ހެދުމުގެ ކުރިމަތިން ކިރިޔާ ނިވާވާކަމެވެ. ލާފައިހުރި އަތުކުރިޔާއި، ލޭސްގެ އެތެރެއިން ލާފައި ހުރި ފޮތި ވެސް ހުރީ ނަމަކަށެވެ. ނުފެނުނުކަމަށް ހެދުނަސް، މަންމަގެ މޫނަށް އަރައިފައިބަމުންދިޔަ ކުލަވަރު ރާއިދަށް ފެނުނެވެ. އެ ވަގުތު މަންމަ ކުރަން ބޭނުންވާނީ ކޮން ކަމެއްކަމާއި، ބުނަން ބޭނުންވާނީ ކީކޭކަން ވެސް ރާއިދަށް ވިސްނެއެވެ. ނުބުންޏަސް އެހެން ބުނި އަޑު، ރާއިދަށް އިވުނު ފަދައެވެ. ރާއިދު ހުރީ، ނަޖްވާންގެ ފަސްބައި ދިގު ހެދުމުގެ ފަސްބައި، ބިންމަތީގައި ހޭކުނަ ނުދިނުމަށް ޓަކައި އަތަށްނަގައިގެންނެވެ. އެއީ ވެސް ފާއިޒާގެ ހިތުގައި، ނަޖްވާނާ މެދު ޖެހުނު ލައްގަނޑެކެވެ. ރާއިދު ބަލައިބޮޑުކުރުމުގައި އެ ކަހަލަ ކަންކަމެއް ފާއިޒާ ނުކުރުވައެވެ. ފާއިޒާއަށް ހީވީ ފާއިޒާގެ ހަމައެކަނި ހުރި ދަރިފުޅުގެ ކޮންޓުރޯލު އެހެން އަންހެނަކު އަތުލިހެންނެވެ. އެ ހުރިހައި ނުތަނަވަސްކަމެއް ފާއިޒާ ދިރުވައިލިއެވެ. ފާއިޒާ ހީކުރީ، ލޮލަށް ހެރޭނެ ހުރިހައި ކަށްޓެއް ހެރި ނިމުނީކަމަށެވެ. އެއީ ކުށްހީއެކެވެ. ފާއިޒާ ފަސްދީފައި ރާއިދާއި ނަޖްވާން ދިޔަ އިރު، ނަޖްވާންގެ ބުރަކަށި އޮތީ ހާއަށެވެ. ކުޑަމިނުން ލޭސްފޮތިކޮޅެއް ވެސް ބޭނުންކޮށްފައެއް ނެތެވެ. ފާއިޒާއަށް ޖެހުނީ އިސްޖަހައިލާށެވެ. ނަޖްވާންގެ މަންމަ ނާސިހާއަށް ވެސް ވީ އެ ވަރެވެ. ނާސިހާއަށް ރުޅިއާދެވުނީ ހެދުން ފެހި މީހާ ދެކެއެވެ. ދިފްލާ ދެކެއެވެ. ދިފްލާއަށް ރާއިދު ނުލިބި ނަޖްވާނަށް ލިބުމުން، ދިފްލާ ކޮންމެވެސް ބޮނޑިއެއްދޭނެކަން ނާސިހާއަށް އެނގެއެވެ. އެކަމަކު އެ ފަދަ ފަލީހަތެއް ކޮށްފާނެކަމަކަށް ހިޔެއްނުކުރެއެވެ. ނާސިހާ ދުށް ގޮތުގައި، އެ ގޮތަށް ހެދުންފަހާކަށް ނަޖްވާން ނުބުނާނެއެވެ. އެ ކަމަށް ހިތްވަރުދޭނީ ދިފްލާއެވެ. ކިރިޔާ ވެސް ގޮތެއް އޮތް ނަމަ، އެތެރެއަށް ނުވަދެ ނާސިހާ ދިޔައީހީ ގެޔަށެވެ. އެކަމަކު، ދަރިފުޅުގެ ކައިވެނި ހަފުލާ ދޫކޮށްލައިފައި ނާސިހާ ހިނގައްޖެ ނަމަ، އެތައް ބަޔަކު ނާސިހާއަށް އިނގިލި ދިއްކުރާނެއެވެ. ހުރި ފިޔަވަޅުމަތީގައި ނާސިހާ ހުރީ، ދުނިޔޭގެ ލަދަށް ޓަކައެވެ. ހުންނަން ބޭނުންވެގެނެއް ނޫނެވެ.
"އަޅެ ފާއިޒާ ކުރީބައިގަ ހެދުން ބަލައިލި ނަމަ.." ކެތްނުކުރެވިގެން ނަސީމަށް ބުނެވުނެވެ.
އިވުނުކަމަށް ވެސް ނަހަދާ، ރާއިދުގެ ފަހަތުން ފާއިޒާ ހިނގައިގަތެވެ. ދައްކަންހުރި ވާހަކަ މާ ގިނައީއެވެ. ހެދުން ބަލަން ފާއިޒާ ލައްކަ މަސައްކަތްކުރިއެވެ. އެތައް ފަހަރަކު ނަޖްވާނަށް ގުޅިއެވެ. ރާއިދު ގާތުގައި ކިޔެވެ. އެއްކަމަކަށް ފަހު އަނެއް ކަމެއް ދިމާވެގެން ހެދުން ދައްކަން ނަޖްވާނަށް ވަގުތު ނުވީއެވެ. ނޫނެކެވެ. ވަގުތު ނުވީއެއް ނޫނެވެ. ނަޖްވާން ގަސްދުގައި ހެދުން ނުދެއްކީއެވެ. އެއީ ކީއްވެގެންކަން ފާއިޒާއަށް އެނގުނީ ހެދުން ފެނުނީމައެވެ.
"އެއީ ކާކު ފެހި ހެދުމެއް؟" ނާސިހާ ގާތުގައި ހުރި އެކުވެރިޔަކު މަޑުމަޑުން އެހިއެވެ.
ނާސިހާ ގާވެފައި ހުރީއެވެ. ހިތަށްއަރައި ފައިބަމުންދިޔަ އެއްޗެހި ދުލަށް ގެންނާނެ ހިތްވަރު ނުލިބިފައެވެ. އެ ވަގުތަކީ، ދިފްލާއާއި ޔަމާނީ ވަދެގެންއައި ވަގުތެވެ. އެއްޗެއް ބުނެވިދާނެތީ ނާސިހާ އަނެއް ފަރާތަށް އެނބުރުނެވެ. ކުރިން ދިފްލާ ދެކެ ނާސިހާ ފޫހިވާކަން އެކަންޏެވެ. ދެން ނާސިހާއަށް ރަނގަޅީ ދިފްލާ ނުފެނުނިއްޔާއެވެ. އޭނަ ހުރި ތަނެއްގައި ވެސް ނުހުރެވުނިއްޔާއެވެ. ފަހަރެއްގައި ވެސް އެއްޗެއް ބުނެވިދާނެތީއެވެ.
"އެންމެން ބަލަނީ ހެދުމަށް،" ތިބެން ތައްޔާރުކޮށްފައިހުރި އުނދޯލީގައި އިށީންނަމުން، ނަޖްވާން މަޑުމަޑުން ބުންޏެވެ. "ހެދުން އޯކޭ ދޯ؟ ރަނގަޅަށް ބަލާބަލަ!"
"އޯކޭއޭ އޯކޭއޭ! ޕެނިކްނުވެބަލަ!" ގާތުގައި އިށީންނަމުން ރާއިދު ވެސް މަޑުމަޑުން ބުންޏެވެ. "ނަޖޫއަށް ޑްރެސް އޯކޭތަ؟"
"ވަރަށް ރީތި. ވަރަށް ރޯޔަލް!" ނަޖްވާން ބުންޏެވެ.
"ތި ނިމުނީ! އެނގޭތަ؟ ތިހާ ބޮޑު މަސައްކަތެއްކޮށްފަ ވެސް ދިފްލާ އަގެއް ނުކިޔޭ! ބުނީ އޭނަގެ ގިފްޓޯ! ކިހާ ނައިސް؟" ރާއިދު ބުންޏެވެ. "އެކަމަކު އަހަންނަކަށް ހިޔެއްނުވޭ ދެ މަންމައަށް ޑްރެސް ކަމުދިޔަހެނެއް. ސްޕެޝަލީ އަހަރެންގެ މަމް!"
"މީ މަންމަމެންގެ ވެޑިންއެއް ނޫން." ނަޖްވާން ދިނީ ކުރު ޖަވާބެކެވެ.
ކައިވެނީގެ ހަފުލާއަށް ދިފްލާ ވަދެގެންއައި އިރު، ނަޖްވާންގެ ހެދުމުގެ ވާހަކަ ނުދައްކާ މީހަކު ނެތެވެ. އެންމެން ވެސް ދެއްކީ އެ ހެދުން ރީތި ވާހަކައެވެ. ބައެއް މީހުންގެ ނަޒަރުގައި އެއީ ބޭރުން ގެނައި ހެދުމެކެވެ. ރާއްޖެއަކުން އެހެނެއް ނުފެހޭނެއެވެ. އެއީ ދިފްލާ ފެހި ހެދުމެއްކަމެއް ގިނަ މީހުންނަކަށް ނޭނގެއެވެ. ދިފްލާ ހައިރާންވީ، އެ ވަރުގެ ބޮޑު މަސައްކަތެއް ކޮށްދިނުމުން ވެސް ނަޖްވާން މަންމަގެ މޫނުމަތިން، އާންމުކޮށް ދިފްލާއަށް ފެންނަ ބީރައްޓެހިކަން އެ ދުވަހު ވެސް ފެނުނީމައެވެ.
ދިފްލާ ފެނުމުން ރާއިދާއި ނަޖްވާން އުނދޯލިން ތެދުވިއެވެ. ދިފްލާއަށް ހީވީ ދިފްލާއާއި ރާއިދާ ދެމެދުގައި އެތަކެއް މޭލެއްގެ ދުރުމިން ހުރިހެންނެވެ. އަރިއަޅައިނުލައި އެހައި ދުރަށް ހިނގޭނެބާއޭ ވެސް ދިފްލާ ހިތަށްއެރިއެވެ. ގާތުގައި ހުރި ޔަމާނީގެ އަތުގައި، ބޭއިހުތިޔާރުގައި، ނިކަން ބާރަށް ދިފްލާއަށް ހިފުނެވެ. ޔަމާނީއެއް ނުސިހެއެވެ. ރާއިދާ މެދުގައި ދިފްލާ ކޮންމެ އެއްޗެއް ބުންޏަސް، ޔަމާނީ ދެން ގަބޫލުކުރާނީ ޔަމާނީއަށް ފެންނަ އެއްޗެއް، ފެންނަ ގޮތަކަށެވެ. ލޯކުރިމަތިން ފެންނަ މަންޒަރުތަކުން ޔަމާނީއަށް ދޭހަވާ މާނަ މާ ފުނެވެ.
"ހާދަހާ ލޯތްބޭ ދެކުދިން،" ނަޖްވާނާ ސަލާންކޮށްލަމުން ދިފްލާ ބުންޏެވެ. "އަހަރެން ވެސް މީހަކާ މެރީކުރާ ހިތްވެއްޖެ!"
"ފުރަތަމަ އިހަށް އެއިޓީން ފުރިބަލަ!" ރާއިދު ސަމާސާކޮށްލިއެވެ.
އެންމެން އެކުގައި ހީނގަތެވެ. އެހެންނަމަވެސް، އެކި މީހުންގެ ހިތުގައި އުފެދެމުންދިޔަ އިހުސާސް ތަފާތެވެ.
"ތީ ތާ ހުރިހާ ވެސް މައްސަލައަކީ،" ރާގެއްލައިފައި ދިފްލާ ބުނެލިއެވެ. "ވަރަށް އަންފެއަރ!"
"އެހެން ބުނާކަށް ނުވާނެ ދޯ ރާއިދު؟" ނުހުރެވިގެން ޔަމާނީ ބުންޏެވެ. "އެކަކަށް ވެސް ނޭނގޭނެ ފިއުޗަރގަ ވާނެ ގޮތެއް. ތިން އަހަރު ހިނގައިދާނެ ތިން ސިކުންތުން ވެސް."
އެ ހަފުލާގައި އެންމެ ސިކުންތަކު ވެސް މަޑުކުރަން ދިފްލާއަށް އުނދަގުލެވެ. އަބަދު ވެސް ހުރެވެނީ ހިޔާލަކަށް ގެއްލިފައެވެ. އެހެނަސް، އަންނަންޖެހޭނެތީ އައީއެވެ. ކާންޖެހޭނެތީ ކެއީއެވެ. ބޭނުންވީ އަވަހަށް އެ ތަނުން ނުކުންނާށެވެ. އެ ރެސްޓޯރަންޓަކީ މޫދާ ޖެހިގެން ހުންނަ ތަނެކެވެ. ތިރީގައި އޮތީ އާންމުކޮށް ހުޅުވައިލައިފައެވެ. ހަފުލާ އޮތީ މަތީ ބައިގައެވެ. ކަނޑުން އަރައިގެންއަންނަ ތާޒާ ވައިރޯޅި މާ ފިނި ނޫނަސް ބާރެވެ. އެކަމަކު، ދިފްލާއަށް ހީވަނީ ބެދިފައިވާ ތަނެއްގައި ހުރެވޭހެންނެވެ. ގަޑިއެއްގެ އިރު ނުވަނީސް، ވަރުބަލިކަމުގެ ބަހަނާދައްކާފައި ދިފްލާ އެ ތަނުން ނުކުތެވެ.
ގަޑިއެއްގެ އިރު ވީ އިރު ވެސް ނަޖްވާން ފާހާނައަކުން ނުނިކުމެއެވެ. ރާއިދުގެ މަންމައާއި ބައްޕަ، ނަޖްވާނާ ބައްދަލުކުރަން، ގޭގެ އުނދޯލީގައި ތިއްބެވެ. ގެއަށް އައުމުން ނަޖްވާނަށް ދިނުމަށް ޓަކައި ފާއިޒާ ގެންގުޅޭ އެއްޗެއް އޮތެވެ. ހަގީގަތުގައި، އެ ދިނުމުގެ ޝައުގުވެރިކަން ފާއިޒާގެ ހިތުން ފިލައިގެންދިޔަތާ ކިތަންމެ އިރެކެވެ. ނަސީމު ދަނޑިމާރުއަޅައިގެން ފާއިޒާ ލައްވައި އެ ކަން ކުރުވަނީއެވެ.
"މިހާރު ދޮޅުގަޑިއިރު ވެއްޖެ!" ހިތްހަމަނުޖެހިފައި، މަޑުމަޑުން ފާއިޒާ ބުންޏެވެ. "ރާނީގެ ފައިންޕުޅު ދެކެން އަދި ކިތައް ގަޑިއިރު ތިބެންޖެހޭނެބާ؟"
"ދެން އެހާ އިރު ކޮޅަށް ހުރީމަ އޭނަ ވެސް ވާޅުވާނެއްނު ފާއިޒާ!" ހަމަ އެހައި މަޑުމަޑުން ނަސީމު ބުންޏެވެ.
"ކޮޅަށޭ؟ ކޮޅަށޭ؟ ޕާޓީ ފެށުނީއްސުރެ އޭނަ އިނީ އުނދޯލީގަ،" ފާއިޒާ ބުންޏެވެ. "ފަހުން ސަލާންކުރީ ވެސް އިށީނދެ އިނދެގެން. އަދަބެއްސަދަބެއް ނެތް އަންހެނެއް. އިށީނދެގެން އިނދެ ސަލާންކުރޭތަ؟ ކިހާ ހުތުރު؟ އަނެއްކޮޅުން، އެހެރީ އެ ހެދުން ހުރި ވައްތަރު. އަޅެ އަހަރުމެން ކިހާ ލަދުގަންނާނެކަން ނުވިސްނޭ ވަރުގެ ކުޑަކުއްޖެއްތަ އެއީ؟"
"ރާއިދު ބުންޏެއްނު ރަޖްވާން ފާހާނައިގަޔޭ!" މައްސަލަ ފިނިކުރުމުގެ ގޮތުން ނަސީމު ހަނދާންކޮށްދިނެވެ. "ފާއިޒާ އެއްޗެއް ނުބުނާތި!"
"ނުބުނަމެއްނު! ހަމަ ކެތްކޮށްލައިގެން ހުރީނު،" ފާއިޒާ ބުންޏެވެ. "އެކަމަކު މިހާރު އެ ކަމަނާގެ ފައިންޕުޅު ފެނޭތޯ ދަންނަވައިގެން ތިބޭތާ ކިތައް ގަޑިއިރު މިވީ؟ މީ ބޮޑުވަރު ދޯ؟"
ނަސީމު އިތުރު އެއްޗެއް ނުބުނެއެވެ. ބުނި ނަމަ، ފާއިޒާ ދެއްކި ހުރިހައި ވާހަކައަކަށް އެއްބަސްވުން ނޫންކަމެއް ނުކުރެވުނީހެވެ. އެ ހަމަހިމޭންކަމުގައި ފާއިޒާއަށް ކެތްކުރެވުނީ ފަނަރަ ވަރަކަށް މިނެޓުއެވެ. ކުއްލިއަކަށް އުނދޯލިން ތެދުވެފައި، ނަސީމުގެ މުށުތެރެއަށް ރަންފަށެއް ލައިފައި ފާއިޒާ ގޮސް ކޮޓަރިއަށް ވަނެވެ.
ނަޖްވާން އޮތީ، ކައިވެނީގެ ހެދުން ވެސް ބަދަލުނުކޮށް އެނދުގައި އޮށޯވެގެންނެވެ. ކައިރީގައި ރާއިދު އިށީނދެލައިގެން އިނެވެ.
"މިހާރު ރެސްޓުކުރެވިއްޖެއްނު!" ވަރަށް ލޯބިން ރާއިދު ބުންޏެވެ. "ދެން ހިނގާ ބައްޕަޔާ މީޓްކޮށްލަން."
"ހޫނ!" ލޯމަރައިގެން އޮތް ނަޖްވާން ނިދިއަޑަކުން ބުންޏެވެ. "މިދަނީޔޭ! ފައިވް މިނިޓްސް."
"ޓެން މިނިޓްސް ކުރިން ވެސް ބުނި ފައިވް މިނިޓްސްއޭ!" ސަމާސާ ރާގެއްގައި ރާއިދު ބުންޏެވެ. "ބުނަންތަ ވަންނާށޭ؟"
ރާއިދު ތެދުވަން އުޅުމުން ރާއިދުގެ އަތުގައި ނަޖްވާން ހިފޭއްޓިއެވެ. އެ ވަގުތު ރާއިދުގެ ފޯނު ރަނގަބީލުވާން ފެށިއެވެ.
"ބައްޕަ އެ ގުޅަނީ،" ރާއިދު ބުންޏެވެ. "ކީކޭ ބުނަންވީ؟"
"ބުނޭ އެޕޮއިންޓްމަންޓް ކެންސަލްވެއްޖޭ!" ލޯނުހުޅުވައި، ކަންނެތްވެފައިވާ ރާގެއްގައި ނަޖްވާން ބުންޏެވެ. "ވެއިޓް ވެއިޓް! ބުނޭ ކާފައަކަށްވާން ބޭނުމިއްޔާ މި ވަގުތު ޑިސްޓާރބްނުކުރާށޭ!"
ރާއިދުގެ ހިނިގަނޑު ފަޅައިގެންނުދިޔައީ ކިރިޔާއެވެ. ބާލީހުން ނަޖްވާން ގައިގައި ތަޅައިގަތެވެ. ދެން އިވުނީ ދޮރުގައި ޓަކިޖެހި އަޑެވެ. އެ ހިސާބުން ނަޖްވާން ގާތަށް ރުޅިއައެވެ. ގޮށްމުށުން ބާލީހުގައި ތަޅައިގެންފައި، ތެދުވެ ބާލީސް ހޫރައިލައިފައި ގޮސް ފާހާނާއަށް ވަނެވެ. ރާއިދަށް ޖެހުނީ، ގޮތްހުސްވެފައި އިންނާށެވެ. އަނެއްކާ ފޯނު ރަނގަބީލުވިއެވެ. ހީކުރި ގޮތާ ހިލާފަށް އެއީ ދިފްލާގެ ފޯނެކެވެ. އެ ގަޑީގައި ދިފްލާ ގުޅީމައި ހައިރާންވެފައި ރާއިދު ފޯނުނެގިއެވެ.
"ހަލޯ!" ރާއިދު ބުންޏެވެ.
ދިފްލާ ވާހަކައެއް ނުދެއްކިއެވެ. ރާއިދު ދެ ފަހަރު ހަލޯ ގޮވައިލުމުން ވެސް އެއްޗެއް ނުބުންޏެވެ. ރަނގަޅަށް ވިސްނައިލި އިރު އިވެނީ ރޯއަޑެވެ.
-ނުނިމޭ-