12 ޖޫން 2016 - 14:24

މިދިޔަ އަހަރުގެ ނިޔަލަށް ބިދޭސީންނަށް މުސާރަ އާއި އިނާޔަތުގެ ގޮތުގައި ލިބުނު އާމްދަނީގެ ތެރެއިން 363 މިލިއަން ޑޮލަރު (5.5 ބިލިއަން ރުފިޔާ) ރާއްޖެއިން ބޭރުކޮށްފި އެވެ.
މަރުކަޒީ ބޭންކް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)އިން ދާދި ފަހުން އާއްމުކުރި ތަފާސްހިސާބުތައް ދައްކާ ގޮތުން މަނީ ޓްރާންސްފާ އޮފީސްތަކާއި ބޭންކުތައް މެދުވެރިކޮށް އަދި ނުރަސްމީ އުސޫލުތައް މެދުވެރިކޮށް، ފޮނުވި އަދަދު މިދިޔަ އަހަރު 363 މިލިއަން ޑޮލަރަށް އަރައެވެ.
އެމްއެމްއޭ އިން ބުނީ އެއީ ބެލެންސް އޮފް ޕޭމަންޓްގެ ހިސާބުތަކުގެ ތެރެއިން ބަލަމުން އަންނަ ހިސާބުތަކެއް ކަމަށެވެ.
"މިއީ ވަރަށް ބޮޑަށް ތެދު މައުލޫމާތުތަކެއް. މީގެ ހިސާބުތައް އަހަރަކު ދެ ފަހަރު ދަނީ ރިވައިސްކުރަމުން،" އެ އޮފިޝަލް ވިދާޅުވި އެވެ.
ސަރުކާރުން މިއަހަރަށް ލަފާކޮށް ދައުލަތުގެ ބަޖެޓް ހުށަހެޅިއިރު ވަނީ ބިދޭސީން ގައުމަށް ފޮނުވާ ފައިސާގެ ތެރެއިން ތިން ޕަސެންޓް ރެމިޓެންސް ޓެކުހެއް މި މަހުން ފެށިގެން ނަގަން ނިންމައިފަ އެވެ. އެގޮތުން މި އަހަރު ރެމިޓެންސްފީގެ ގޮތުގައި 56 މިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާކޮށްފައިވެ އެވެ. އެކަމަކު ބަޖެޓްގައި އެހެން ހިމަނާފައިވީ ނަމަވެސް އެކަމާ ގުޅޭ ބިލެއް ރައްޔިތުންގެ މަޖިލީހަށް މިހާތަނަށް ފޮނުވާފައެއް ނުވެ އެވެ.
އިމިގްރޭޝަންގެ ތަފާސްހިސާބުތައް ދައްކާ ގޮތުން ރާއްޖޭގައި ލައްކައަކަށް ވުރެ ގިނަ ބިދޭސީން މަސައްކަތް ކުރެ އެވެ. އަދި ގަވައިދާ ހިލާފަށް ގާތްގަނޑަކަށް 20،000 ބިދޭސީން އުޅޭނެ ކަމަށް ލަފާކޮށްފައިވެ އެވެ.