ޓެން ހަގަށް ފިޔަވަޅު އަޅަން ޔުނައިޓެޑުން އަވަސް އަރުވާނުލާނެ
ޓެން ހަގަށް ފިޔަވަޅު އަޅަން ޔުނައިޓެޑުން އަވަސް އަރުވާނުލާނެ

މެންޗެސްޓާ (މެއި 8) – މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗު އެރިކް ޓެން ހަގްގެ ކުރިމަގާ މެދު ފިޔަވަޅު އެޅުމުގައި، އަވަސްއަރުވާލައިގެން އެއްވެސް ނިންމުމެއް ނުނިންމާނެ ކަމަށް ކްލަބްގެ އޮފިޝަލަކު ބުނެފި އެވެ.

މި ސީޒަނުގެ ޕްރިމިއާ ލީގުގައި ޔުނައިޓެޑްގެ ދަށް ނަތީޖާތަކުގެ ސަބަބުން ޓެން ހަގްގެ ކުރިމަގާ މެދު އޮތީ ސުވާލު އުފެދިފަ އެވެ. ހާއްސަކޮށް ހޯމަ ދުވަހުގެ ރޭ ސެލްހާސްޓް ޕާކްގައި ކްރިސްޓަލް ޕެލަސް އަތުން 4-0 ން ބަލިވުމުން ޔުނައިޓެޑްގެ ކޯ އޯނަރު ޖިމް ރެޓްކްލިފްގެ ނުތަނަވަސްކަން ޓެން ހަގާ މެދު އުފެދިފައިވާކަމަށް ރިޕޯޓްތައް ބުނެ އެވެ.

ޔުނައިޓެޑްގެ ފުޓްބޯޅަ ޑިޕާޓްމެންޓްގެ ކޮންޓްރޯލް އޮންނަނީ ރެޓްކްލިފަށެވެ. ރެޓްކްލިފް ކްލަބްގެ ހިއްސާ ގަތުމުގެ ކުރިން ޔުނައިޓެޑުން ވަނީ ޓެން ހަގާ އެކު އަންނަ އަހަރު ޖޫން މަހުގެ ނިޔަލަށް މުއްދަތު ހަމަވާ އެއްބަސްވުމެއް ހަދައިފަ އެވެ.

ކޮންޓްރެކްޓް އުވާލުމާ މެދު ގޮތް ނިންމުމުގައި އަވަސް އަރައި ނުގަތުމަށް ރެޓްކްލިފާއި އޭނާގެ އިނިއޯސްގެ މެންބަރުން ނިންމާފައިވާ ކަމަށް ކްލަބްގެ އެތެރޭގެ އޮފިޝަލަކާ ހަވާލާދީ އީއެސްޕީއެން އިން ބުންޏެވެ.

އެކަމަކު މަގާމުގައި ޓެން ހަގް ދެމިހުންނާނެކަމުގެ ޔަގީން ކަމެއް ވެސް އޭނާ އަށް ކްލަބްގެ ވެރިން ދީފައި ނުވާކަން، އެތެރޭ މަސްދަރާ ހަވާލާދީ އީއެސްޕީން އިން ބުންޏެވެ.

ލީގު ތާވަލުގެ އަށްވަނަ އަށް ޔުނައިޓެޑް ފުރޮޅާލުމުން، އެ ކްލަބްގެ ސަޕޯޓަރުންގެ ވިސްނުން ވެސް ޓެން ހަގާ މެދު ވަނީ ދެކަފިވެފަ އެވެ. އޭނާ އާއެކު ކުރިއަށް ދާން ނުފެންނަކަމަށް ޔުނައިޓެޑްގެ ގިނަ ސަޕޯޓަރުން ދެކެ އެވެ.

އެކަމަކު މި މަހު 25 ގައި މެންޗެސްޓާ ސިޓީއާ ދެކޮޅަށް ކުޅޭ އެފްއޭ ކަޕްގެ ފައިނަލް މެޗުގެ ކުރިން ޓެން ހަގްގެ ކުރިމަގާ މެދު އެއްވެސް ފިޔަވަޅެއް ނާޅަން ޔުނައިޓެޑުން ވަނީ ނިންމައިފަ އެވެ.