07 މެއި 2024 - 13:34

މުސާރަ، އެލަވަންސް، ބޯނަސް، ހިއްސާގެ ފައިދާ، ޕެންޝަން ފައިސާ ކަހަލަ އެއްފަހަރާ ގިނަ ފަރާތްތަކަކަށް ޖަމާކުރަންޖެހޭ ފައިސާ ފަސޭހަކަމާއި އެކު ބަލްކުކޮށް އެއްފަހަރާ ދެއްކޭ ގޮތަށް ބީއެމްއެލްއިން ބިޒްނަސް އިންޓަނެޓް ބޭންކިންއަށް ބަދަލު ގެނެސްފި އެވެ.
ބީއެމްއެލްއިން ބުނި ގޮތުގައި މި ހިދުމަތަށް ރަޖިސްޓްރީވުމުން ވިޔަފާރިތަކަށް ދިވެހި ރުފިޔާއިން އަދި ޔޫއެސް ޑޮލަރުން ވެސް ބީއެމްއެލްގެ އެކި އެކައުންޓްތަކަށް އޮޓޮމެޓިކްކޮށް ބަލްކް ޕޭމަންޓް ހެދޭނެއެވެ.
އަލަށް ތައާރަފްކުރި މި ހިދުމަތާ ގުޅޭ ގޮތުން، ބޭންކުގެ ކޯޕަރޭޓް ބޭންކިން ޑައިރެކްޓަރު އަހުމަދު އަސީފް ވިދާޅުވީ މެނުއަލް ޕްރޮސެސްތައް ދޫކޮށްލައި، އެއްފަހަރާ ގިނަ ޓްރާންސްފާތައް ކުރެވޭ ގޮތަށް ގެނައި ބަދަލަކީ ވިޔަފާރިތަކަށް ބޮޑު ލުއި ފަސޭހައެއް ލިބޭނެ ބަދަލެއް ކަމަށެވެ. އަދި މި ބަދަލާ އެކު އިންޓަނެޓް ބޭންކިން މެދުވެރިކޮށް އެކި ބާވަތުގެ ބަލްކް ޕޭމަންޓް ހެދުމާއި، ޑުޕްލިކޭޓް ރިކޯޑްތައް ފާހަގަ ކުރުމާއި ވަކިވަކި ޕޭމަންޓްތަކުގެ ޕޭމަންޓް ސްޓޭޓަސް ބަލާލުން ފަދަ ކަންތައްތައް ކުރެވޭނެކަން ފާހަގަކުރެއްވި އެވެ.
"ހިދުމަތްތައް ޑިޖިޓަލައިޒް ކުރުމަކީ އަޅުގަނޑުމެންގެ ސްޓްރެޓަޖީގެ ވަރަށް މުހިންމު ބައެއް. އަދި ބޭންކިން ހިދުމަތުގެ ފެންވަރު އިތުރަށް ރަނގަޅު ކުރުމަށް މަސައްކަތްކޮށް އަޅުގަނޑުމެންގެ ކަސްޓަމަރުންނަށް އަވަސް، އަދި ހިދުމަތް ހޯދުމުގައި އެފަރާތްތަކުން ބޭނުންވާ ފަދަ ރަނގަޅު ހިދުމަތެއް ފޯރުކޮށްދިނުމުގައި އަޅުގަނޑުމެން ދެމި ތިބޭނަން." އަސީފް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެ ބެންކުން މަސައްކަތް ކުރަނީ ކަސްޓަމަރުންނަށް އެންމެ ފަހުގެ ޓެކްނޮލޮޖީ އެކުލެވޭ ސޮލިއުޝަންސް ހޯދައިދިނުމަށް އީޖާދީ ޕާޓްނަރުންނާ އެކު މަސައްކަތްކުރަމުންދާ ކަމަށެވެ.
އިންޓަނެޓް ބޭންކިން ބޭނުންކުރަމުންދާ ވިޔަފާރިތަކުން މި ހިދުމަތަށް އެދި ހުށަހަޅަންޖެހޭ ލިޔުންތަކާއެކު ހިލޭ ލިބޭ މި ހިދުމަތަށް ރަޖިސްޓްރީވުމަށް އެދި ހުށަހެޅޭނެ ކަމަށް ބީއެމްއެލްއިން ބުންޏެވެ.