ގަދަ ހޫނުގައި އިންޑިއާގެ އިންތިހާބުގެ ތިން ވަނަ ފިޔަވަހީގެ ވޯޓުލުން ފަށައިފި
ގަދަ ހޫނުގައި އިންޑިއާގެ އިންތިހާބުގެ ތިން ވަނަ ފިޔަވަހީގެ ވޯޓުލުން ފަށައިފި

އިންޑިއާގެ ބިޔަ އާންމު އިންތިހާބުގެ ތިން ވަނަ ފިޔަވަހީގެ ވޯޓުލުން މިއަދު ފަށައިފި އެވެ.

ގަދަ ހޫނުގައި އިންޑިއާގެ އިންތިހާބުގެ ތިން ވަނަ ފިޔަވަހީގެ ވޯޓުލުން ފަށައިފި
ގަދަ ހޫނުގައި އިންޑިއާގެ އިންތިހާބުގެ ތިން ވަނަ ފިޔަވަހީގެ ވޯޓުލުން ފަށައިފި

އިންޑިއާގެ ގާނޫނު ހަދާ މަޖިލީހުގެ 543 މެމްބަރުން އިންތިހާބު ކުރަން މީގެ ހަފުތާއެއް ކުރިން އިންތިހާބު ފަށާފައިވާއިރު، ވޯޓުލުން ޖޫން 1 އާ ހަމައަށް ކުރިއަށް ގެންދަނީ ހަތް ފިޔަވައްސަކަށް ބަހާލައިގެންނެވެ.

ތިން ވަނަ ފިޔަވަހީގެ ދަށުން ވޯޓުލާން މީހުން ނުކުތީ، އޭޝިއާގެ ގިނަ ސަރަހައްދުތަކެކޭ އެއްގޮތަށް އިންޑިއާގައި ވެސް ރެކޯޑު ވަރަކަށް ހޫނު ގަދަވެފައި ވަނިކޮށެވެ.

ގަދަ ހޫނުގެ ސަބަބުން، މީގެ ކުރީގެ ދެ ފިޔަވައްސެކޭ އެއްފަދައިން، މި ފިޔަވަހީގައި ވެސް ވޯޓުލާން ނުކުންނަ މީހުންގެ އަދަދު މަދުވާނެ ކަމަށް ތަޖުރިބާކާރުން ވަނީ ލަފާކޮށްފަ އެވެ.

އިންޑިއާގެ އިލެކްޝަންސް ކޮމިޝަނުން ބުނެފައިވާ ގޮތުގައި، ފުރަތަމަ ދެ ފިޔަވަހީގައި ވޯޓުލާން ނުކުތް މީހުން ނިސްބަތް، ކުރީގެ އިންތިހާބާ އަޅާބަލާއިރު ތިން ޕަސަންޓު މަދެވެ.

ވޯޓުލާން ނުކުންނަ މީހުން މަދުކަމުން، ހިންދޫ މެޖޯރިޓީ މީހުން ވޯޓުލާން ނެރެން ބާރު އެޅުމަށް ބީޖޭޕީގެ ކެމްޕޭނުގެ މިސްރާބު ވެސް ވަނީ ބަދަލުކުރަން މަޖުބޫރު ވެފަ އެވެ.

ބޮޑުވަޒީރު ނަރެންދުރަ މޯދީ ނިސްބަތްވެވަޑައިގަންނަވާ ގުޖުރާތު ސްޓޭޓުގައި މިއަދު ވޯޓުލެއްވެވުމަށް ފަހު، ގިނަ ބަޔަކު ވޯޓުލާން ނުކުތުމަށް އެދިވަޑައިގެންނެވި އެވެ.

މޯދީ ވަނީ ކެމްޕޭނުތަކުގައި ބޭނުންކުރައްވާ ބަސްމަގު، ހިންދޫން ރުއްސުމަށް މުސްލިމުންނާ ދެކޮޅަށް އަނބުރާލައްވައިފަ އެވެ.

ވަރަށް ފާޅުކަން ބޮޑު ގޮތެއްގައި، މުސްލިމުންގެ ހައްގުތަކަށް އަރައި އިންޑިއާ "ފަތަހަ" ކުރަން އުޅޭ ކަމާއި، އިދިކޮޅު ފަރާތްތަކާ ގުޅިގެން "ވޯޓު ޖިހާދު" ކުރަން ރާވައި ކަމަށް ވެސް މޯދީ ވަނީ ކެމްޕޭން ތަގުރީރުތަކުގައި ތުހުމަތު ކުރައްވައިފަ އެވެ.

އަދި މިކަމަށް ހިންދޫން ސަމާލުނުވެއްޖެ ނަމަ މުޅި އިންޑިއާ މުސްލިމުންގެ އަތަށް ބީވެދާނެކަމުގެ އިންޒާރު ވެސް މޯދީ ގެންދަވަނީ ތަކުރާރުކޮށް ދެއްވަމުންނެވެ.

މިއީ އިންޑިއާގެ 200 މިލިއަނެއްހާ މުސްލިމުންނަށް ކުރިމަތިވެދާނެ އިތުރު ބިރެއްގެ ގޮތުގައި ތަޖުރިބާކާރުން ގަބޫލުކުރެ އެވެ. ހިންދޫންގެ ފަރާތުން މުސްލިމުންނަށް ހަމަލާދިނުން އިތުރުވުމުގެ ފުރުސަތު ބޮޑު ކަމުގެ ކަންބޮޑުވުންވެސް ދަނީ ފާޅުކުރަމުންނެވެ.

އިންތިހާބުގެ ކުރިން މޯދީ ވަނީ މި ފަހަރު 400 ގޮނޑި ހޯދުމަށް އަމާޒު ހިއްޕަވައިފަ އެވެ. މިދިޔަ ފަހަރު ބީޖޭޕީން ވަނީ 303 ގޮނޑި ކާމިޔާބު ކޮށްފަ އެވެ.

އެކަމަކު ވޯޓުލާން ތިބި މީހުން ޝައުގު ކުޑަކަމުން، ބީޖޭޕީން ބޭނުންވާ އަދަދަށް ގޮނޑި ނުލިބިދާނެ ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން އަންނަނީ ލަފާކުރަމުންނެވެ.