ސުލްހައިގެ މަޝްވަރާތައް ކުރިއަށް ދަނިކޮށް އިޒްރޭލުން ރަފަހް އަށް ހަމަލާދީފި
ސުލްހައިގެ މަޝްވަރާތައް ކުރިއަށް ދަނިކޮށް އިޒްރޭލުން ރަފަހް އަށް ހަމަލާދީފި

ފަލަސްތީނުގެ ޣައްޒާގައި ދެމުން ގެންދާ ހަމަލާތައް ހުއްޓާލުމާއި ރަހީނުން މިނިވަންކުރުމާ ގުޅޭ ގޮތުން ހަމާސް އާއި އިޒްރޭލާ ދެމެދު ސުލްހައިގެ އެއްބަސްވުމަކަށް ދިޔުމުގެ މަޝްވަރާތައް ކުރިއަށްދަނިކޮށް، ޣައްޒާގެ ރަފާހް އަށް އިޒްރޭލުން ވައިގެ ހަމަލާތައް ދީފި އެވެ.

ޣައްޒާގެ އުތުރުގައި ދޮޅު މިލިއަން މީހުން ހިމާޔަތް ހޯދަމުން އަންނަ ރަފަހް އަށް އަރައި އަސްކަރީ އޮޕަރޭޝަނެއް ހިންގާނެ ކަމަށް ތަކުރާރުކޮށް އިންޒާރު ދިނުމަށްފަހު، އިޒްރޭލުން ވަނީ ވައިގެ ހަމަލާތައް ފޮނުވައިފަ އެވެ.

އެ ހަމަލާތަކުގެ މިހާތަނަށް ފަސް މީހުން ޝަހީދުވެ، ގިނަ ބަޔަކު ޒަހަމްވެފައިވާ ކަމަށް ހޮސްޕިޓަލުތަކުން ވަނީ މައުލޫމާތު ދީފަ އެވެ.

ކައިރޯގައި މިސްރާއި ގަތަރާއި އެމެރިކާއިން މެދުވެރިންގެ ދައުރު އަދާކުރާ މަޝްވަރާތައް ހަމާސް އާ އެކު މިދިޔަ ހޮނިހިރުއ އަލުން ފެށީ ހަމަލާތައް 40 ދުވަހަށް ހުއްޓާލައި އިޒްރޭލުން ބަންދުކޮށްފައިވާ ފަލަސްތީނުގެ ގައިދީން މިނިވަންކުރަން ހުށަހަޅާފައިވާ ހުށަހެޅުމާ ގުޅޭގޮތުންނެވެ.

އިއްޔެ އާ ހަމައަށް ސީދާ އެއްބަސްވުމަކަށް އާދެވިފައިނުވިޔަސް، ރޭގެ ވަގުތެއްގެ ހަމާސްއިން ވަނީ ހަމަލާތައް ހުއްޓައިލުމަށް އެއްބަސްވާކަން މެދުވެރިންގެ ދައުރު އަދާކުރާ ގައުމުތަކަށް އަންގައިފަ އެވެ.

ހަމާސްގެ އިސް އޮފިޝަލެއް ކަމަށްވާ ޚަލީލް އަލް ހަޔާ އަލްޖަޒީރާ ނޫހަށް ބުނި ގޮތުގައި، ހަމާސް އިން އެއްބަސްވެފައިވަނީ ތިން މަރުހަލާއަކަށް ބަހާލެވިފައިވާ ސުލްހައިގެ އެއްބަސްވުމަކަށެވެ.

އޭގެތެރޭގައި އިޒްރޭލުން ޣައްޒާއިން ފޭބުމާއި، އިޒްރޭލުގެ ޖަލުތަކުގައި ބަންދުކޮށްފައި ތިބި ފަލަސްތީނުގެ ރައްޔިތުން ދޫކޮށްލުމާއި ރަހީނުން މިނިވަން ކުރުން ހިމެނޭ ކަމަށް އޭނާ ބުންޏެވެ.

މި ހުރިހާ ކަމެއްގެ ބޭނުމަކީ އޭނާ ބުނި ގޮތުގައި ހަމަލާތައް ދާއިމީކޮށް ހުއްޓައިލުމެވެ.

ރަފާހް އަށް ހަމަލާދީފައިވަނީ، އެކަމާ ދެކޮޅަށް އދ. އާއި ދުނިޔޭގެ ގިނަ ގައުމުތަކުން އިޒްރޭލަށް އިލްތިމާސް ކުރަމުންދަނިކޮށެވެ. ރަފާހްއަށް ހަމަލާ ނުދިނުމަށް އިޒްރޭލަށް އެންމެ ބޮޑަށް ވާގިވެރިވާ އެމެރިކާއިން ވެސް ވަނީ ލަފާދީފަ އެވެ.

އޭގެ ދިފާއުގައި އިޒްރޭލުން ބުނީ މި ހަލާތަކުގެ ބޭނުމަކީ އިޒްރޭލުގެ ހުށަހެޅުމަށް ހަމާސްއިން އެއްބަސްވުމަށް "ޕްރެޝަރުކޮށް" ރަހީނުކޮށްފައިވާ ރައްޔިތުން މިނިވަންކުރުން ކަމަށެވެ.

މިދިޔަ އޮކްޓޯބަރު މަހުގެ ހަތް ވަނަ ދުވަހު ހަމާސް އިން އިޒްރޭލަށް ހަމަލާދީ ހާހަކަށް ވުރެ ގިނަ މީހުން މަރާލައި 250 މީހަކު ރަހީނުކުރުމުން، ހަމާސް ނައްތާލަން ކަމަށް ބުނެ އިޒްރޭލުން ދޭން ފެށި ހަމަލާތަކުގައި ފަލަސްތީނުގެ 34،700 މީހަކު ވަނީ މިހާތަނަށް ޝަހީދުކޮށްލައިފަ އެވެ. -- އޭއެފްޕީ