06 މެއި 2024 - 11:48

މީހަކަށް ކުރެވޭ ކުށެއްގެ ނާޖައިޒު ފައިދާ ނަގައި، ވީޑިއޯކޮށް ފަޟީހަތްކުރުމަކީ އެއްވެސް ގޮތަކަށް ކޮށްގެން ވާނެ ކަމެއް ނޫން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
އެ މަނިކުފާނު އެހެން މި ވިދާޅުވީ ކުރީގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲގެ ކާރުގައި، އަމިއްލަ މީހެއްގެ ޕިކަޕަކުން ޖެހުމުން، އެ މައްސަލައިގެ ތެރެއަށް ހެންވޭރު ދެކުނު ދާއިރާގެ އިންތިހާބީ މެމްބަރު ހުސެއިން އިމްރާން ލަތީފު ވަދެވަޑައިގެން ވީޑިއޯކޮށް ދެއްކެވި ވާހަކަތަކެއް ފެންމަތިވެފައި އޮއްވަ އެވެ.
އެކަމުގެ ތެރެއަށް ޕީއެންސީގެ އިމްރާން ވަދެވަޑައިގެން، ޕިކަޕު ޑްރައިވަރަށް މައާފުކޮށްދިނުމަށް މިނިސްޓަރު އިމްރާންގެ ކިބައިން އެދިވަޑައިގަންނަވާ ވީޑިއޯއެއް ވަނީ ދައުރުވެފަ އެވެ. އެއާއެކު، އިންތިހާބީ މެމްބަރަށް ގިނަ ބަޔަކު ފާޑުކިޔަމުން ދެ އެވެ.
އެއް ބަޔަކު ބުނާ ގޮތުގައި މަގުމަތީގައި އެކްސިޑެންޓެއް ހިނގައިފި ނަމަ އެކަން ބަލަން ޖެހޭނީ ފުލުހުން މެދުވެރިކޮށެވެ. އެކަމުގެ ތެރެއަށް އިތުރު ބަޔަކު ވަނުމަކީ ކުރެވިގެން ވާނެ ކަމެއް ނޫން ކަމަށް ވެސް އާންމުން ދަނީ ބުނަމުންނެވެ.
ރައީސް ވިދާޅުވި ގޮތުގައި މީހަކަށް ކުރެވޭ ކުށެއްގެ ނާޖާއިޒު ފައިދާ ނަގައި، އެއްވެސް މަގުސަދެއްގައި ވީޑިއޯކޮށް އާއްމުންގެ ތެރޭގައި ފަޟީހަތްކުރުމަކީ އަހުލާގީ ގޮތުންނާއި އިޖުތިމާއީ ގޮތުން ބަލާއިރު އެއްގޮތަކަށް ވެސް ކޮށްގެންވާނެ ކަންކަމެއް ނޫން ކަމަށެވެ.
ކުށެއް ކޮށްފި ނަމަ އެ މީހަކާ މެދު އަމަލުކުރާނެ ގޮތް ގާނޫނުގައި ބަޔާންކޮށްފައިވާ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
"އެކަމަށް ފިޔަވަޅު އަޅަން މުއައްސަސާތަކާއި ގާނޫނީ ނިޒާމު ގާއިމް ވެފައިވޭ. ދީނީ ގޮތުންނާއި އިޖުތިމާއީ ގޮތުން އޮންނަ ރިވެތި މިންގަނޑުތައް ދޫކޮށް ގާނޫނުގެ ވެރިކަން އަމިއްލަ އަތްމައްޗަށް ނެގުމަކީ މުޖުތަމައުން ނައްތާލަން މި މަސައްކަތްކުރާ ބަދަލު ހިފުމުގެ ރޫހު ނައްތާލުމަށް ވެސް އެޅޭ ހުރަހަކަށް ނޫނީ ނުވޭ،" ރައީސް ވިދާޅުވި އެވެ. "އަޅުގަނޑުމެން އެންމެންނަކީ އޯގާތެރި، ކުލުނުވެރި، އަދި ޒިންމާދާރު މުޖުތަމައެއް ބިނާކުރުމުގައި ޒިންމާދާރު ބަޔަކަށް ވަމާތޯ."