މިދިޔަ މަހުގެ އިމްޕޯޓް 36 ޕަސެންޓް އިތުރު، ޑިއުޓީގެ ގޮތުގައި 226 މިލިއަން ރުފިޔާ
މިދިޔަ މަހުގެ އިމްޕޯޓް 36 ޕަސެންޓް އިތުރު، ޑިއުޓީގެ ގޮތުގައި 226 މިލިއަން ރުފިޔާ

މިދިޔަ ޖެނުއަރީ މަހު ރާއްޖެ އަށް އިމްޕޯޓް ކުރި މުދަލުގެ ސީއައިއެފް އަގު މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 36 ޕަސެންޓް އިތުރުވެ، ޑިއުޓީ އާއި އެހެނިހެން ފީގެ ގޮތުގައި 226 މިލިއަން ރުފިޔާ ލިބިއްޖެ އެވެ.

ކަސްޓަމްސް އިން މިއަދު އާއްމުކުރި ހިސާބުތައް ދައްކާ ގޮތުން، މިދިޔަ އަހަރުގެ ޖެނުއަރީ މަހު ރާއްޖެ އަށް އެތެރެކޮށްފައި ވަނީ 2.4 ބިލިއަން ރުފިޔާގެ މުދަލެވެ. އެކަމަކު މިއަހަރުގެ ޖެނުއަރީމަހު އެ އަދަދު 3.3 ބިލިއަން ރުފިޔާ އަށް އިތުރުވެފައިވާ ކަމަށް ދައްކަ އެވެ.

މިދިޔަ މަހުގެ ހިސާބުތައް ދައްކާ ގޮތުން އިމްޕޯޓްކުރި މުދަލުގެ އަގުގެ ގޮތުން 18 ޕަސެންޓް ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އިން އިމްޕޯޓް ކޮށްފައި ވެ އެވެ. މީގެ އިތުރުން ސިންގަޕޫރުން 13 ޕަސެންޓް އަދި 11 ޕަސެންޓް މުދާ އެތެރެކޮށްފައި ވަނީ އިންޑިޔާ އިން އެވެ.

ކަސްޓްސް އިން ބުނީ އިމްޕޯޓު ޑިއުޓީ އާއި އެހެނިހެން ފީ ގެ ގޮތުގައި އެ އިދާރާ އަށް ލިބުނު އާމްދަނީ 2016 ވަނަ އަހަރުގެ ޖެނުއަރީ މަހާ އަޅާބަލާއިރު މިދިޔަ ޖެނުއަރީ މަހު 25 ޕަސެންޓް އިތުރުވެފައިވާ އެވެ. އިމްޕޯޓު ޑިއުޓީ އާއި އެހެނިހެން ފީގެ ގޮތުގައި ދައުލަތަށް މިދިޔަ މަހު 226 މިލިއަން ރުފިޔާ ލިބިފައިވާއިރު، 2016 ވަނަ އަހަރުގެ އެ މުއްދަތުގެ އަދަދަކީ 181 މިލިއަން ރުފިޔާ އެވެ.

މިދިޔަ މަހު ރާއްޖެ އިން އެކްސްޕޯޓު ކުރި މިންވަރު ވެސް ވަނީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 137 ޕަސެންޓް މަތިވެފަ އެވެ. މިދިޔަ އަހަރުގެ ޖެނުއަރީ މަހު 265 މިލިއަން ރުފިޔާގެ މުދާ ރާއްޖެ އިން ބޭރުކޮށްފައިވާއިރު، މިދިޔަ މަހު އެ އަދަދު ވަނީ 633 މިލިއަން ރުފިޔާ އަށް އިތުރުވެފައި ކަމަށް ހިސާބުތަކުން ދައްކަ އެވެ.

ރާއްޖެ އިން މައިގަނޑު ގޮތެއްގައި އެކްސްޕޯޓްކުރަނީ މަހުގެ ބާވަތްތަކެވެ. މިދިޔަ މަހު އެކްސްޕޯޓްކުރި މަހުގެ ބާވަތްތަކުގެ 69 ޕަސެންޓް ގެންދިޔައީ ތައިލެންޑަށެވެ.