ޓްރޭޑްމާކް ބިލާ ގުޅޭ މަޝްވަރާކުރަނީ
ޓްރޭޑްމާކް ބިލާ ގުޅޭ މަޝްވަރާކުރަނީ

ޔުނައިޑެޓް ސްޓޭޓްސް ޕޭޓަންޓް އެންޑް ޓްރޭޑްމާކް އޮފީސް (ޔޫއެސްޕީޓީއޯ) އާއި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑާއި، މޯލްޑިވްސް ކަސްޓަމްސް ސާވިސް ގުޅިގެން ސެމިނާއެއް ފަށައިފި އެވެ.

ދެ ދުވަހުގެ މި ސެމިނާގައި މިހާރު އެކުލަވާލައި، މަޖިލީހަށް ފޮނުވުމަށް މަސައްކަތްކުރަމުންދާ ޓްރޭޑްމާކާ ބެހޭ ބިލާ މެދު ތަޖުރިބާކާރުންނާ ހިޔާލު ބަދަލުކޮށް މަޝްވަރާކުރުމަށް ވަނީ ހަމަޖެހިފަ އެވެ. އަދި އެ ސެމިނާގައި ޓްރޭޑްމާކުގެ ހައްގުތަކާ ގުޅޭގޮތުން ކަމާ ގުޅުން ހުރި އިދާރާތަކުގެ މުވައްޒަފުން ތަމްރީން ކުރުމަށް ވެސް ވަނީ ހަމަޖެހިފަ އެވެ.

މި ސެމިނާގައި ޓްރޭޑްމާކް ރަޖިސްޓްރީކުރުމުގައި ބަލަންޖެހޭ ކަންކަމާއި، ރަޖިސްޓްރޭޝަން ޕްރޮސެސް ހިނގާގޮތާއި، ރަޖިސްޓްރީކުރުމުގައި ދިމާވާ ދަތިތަކާ ގުޅޭގޮތުން މައުލޫމާތު ދިނުމަށް ވަނީ ހަމަޖެހިފަ އެވެ.

މާދަމާގެ ނިޔަލަށް ކުރިއަށްދާ މި ސެމިނާގައި މިނިސްޓްރީ އޮފް އިކޮނޮމިކް މިނިސްޓްރީ އާއި މޯލްޑިވްސް ކަސްޓަމްސް ސާވިސް އަދި އެޓާނީ ޖެނެރަލްގެ އޮފީހާއި ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހާއި ޔޫތު މިނިސްޓްރީ އާއި މޯލްޑިވްސް ޕޮލިސް ސާވިސްގެ އިތުރުން ބާ ކައުންސިލް އާއި ބިޒްނަސް ސެންޓާ ކޯޕަރޭޝަންގެ މުވައްޒަފުން ބައިވެރިވެ އެވެ.

ވިޔަފާރިތަކަށް އެންމެ ފުރިހަމަ ގޮތުގައި ފިކުރީމުދަލުގެ ނަފާ ލިބޭނެގޮތް ހޯދައިދީ، ރާއްޖޭގައި އިންވެސްޓްކުރާ ފަރާތްތައް ރާއްޖޭގެ ވިޔަފާރީގެ މާހައުލަށް އިތުބާރު ހޯދައިދިނުމަށްޓަކައި ފިކުރީމުދާ ހިމާޔަތްކޮށް ރައްކާތެރިކޮށްދިނުމަށް އިކޮނޮމިކް މިނިސްޓްރީން ކޮޕީރައިޓާއި އެއާ ގުޅޭ އެހެނިހެން ހައްގުތަކުގެ ގާނޫނު އިސްލާހުކުރުމަށް މިހާރުވަނީ މަޖިލީހަށް ފޮނުވައިފަ އެވެ. އަދި މި އަހަރުގެ ތެރޭގައި ޓްރޭޑްމާކާ ބެހޭ ބިލް މަޖްލީހަށް ފޮނުވުމަށް މިހާރު އަންނަނީ މަސައްކަތްކުރަމުންނެވެ.

އިކޮނޮމިކް މިނިސްޓްރީން މިހާރު ދަނީ ޕޭޓަންޓާ ބެހޭ ބިލަކާއި، ޖިއޮގްރަފިކަލް އިންޑިކޭޝަންސް އާ ބެހޭ ބިލެއް ތައްޔާރުކުރުމުގެ މަސައްކަތް ވެސް ކުރަމުންނެވެ. އޭގެ އިތުރުން އަދަބީ އަދި ފަންނީ މަސައްކަތްކުރާ ފަރާތްތަކަށް އެ މީހުންކުރާ މަސައްކަތަށް ރޯޔަލްޓީ ލިބޭނެ އިންތިޒާމެއް ހަމަޖެއްސުމަށްޓަކައި ކަލެކްޓިވް މެނޭކްމަންޓް އޯގަނައިޒޭޝަންއެއް އުދެއްދުމަށް ވެސް އަންނަނީ މަސައްކަތް ކުރަމުންނެވެ.