05 މެއި 2024 - 12:47

ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސްކަން ކުރެއްވި މުހައްމަދު ނަޝީދު އިސްވެ ހުންވައިގެން އުފެއްދި ދަ ޑިމޮކްރެޓްސް ޕާޓީގެ ފުރަތަމަ ކާމިޔާބީއަކަށް އިއްޔެ ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ބައި-އިލެކްޝަނެއް ވެއްޖެ އެވެ.
އިއްޔެ ބޭއްވި ބައި-އިލެކްޝަންތަކުގެ ތެރެއިން ޑިމޮކްރެޓްސް އިން ކާމިޔާބުކުރީ މ. މަޑުއްވަރީ ކައުންސިލް ރައީސް ހޮވަން ބޭއްވި އިންތިހާބެވެ. އެ ބައި އިލެކްޝަން ޑިމޮކްރެޓްސްގެ ކެންޑިޑޭޓު މުހައްމަދު އާޒިމް އަލީ ކާމިޔާބު ކުރެއްވީ ސަރުކާރު ހިންގާ ޕާޓީ ޕީއެންސީގެ ކެންޑިޑޭޓުގެ މައްޗަށް ކުރި ހޯއްދަވައިގެންނެވެ.
އާޒިމަށް 194 ވޯޓު ލިބުނުއިރު، ޕީއެންސީ ކެންޑިޑޭޓު އަބްދުﷲ އަލީ އަށް ހޯއްދެވުނީ 144 ވޯޓެވެ.
މި ކާމިޔާބާ ގުޅިގެން ޑިމޮކްރެޓްސް އިން ވަނީ އާޒިމަށް ވޯޓު ދިން މީހުންނަށް ޝުކުރު އަދާކޮށް، އާޒިމަށް މަރުހަބާ ކިޔައިފަ އެވެ.
އެމްޑީޕީން ވަކިވި ގިނަ އަދަދެއްގެ މެންބަރުންނާ އެކު ނަޝީދު ފަހަތުގައި ހުންނަވައިގެން ޑިމޮކްރެޓްސް ޕާޓީ އުފެއްދީ މިދިޔަ އަހަރުގެ ޖުލައި މަހު އެވެ. މިއީ އެ ޕާޓީ އުފެއްދި ފަހުން މިހާތަނަށް ހޯދި ފުރަތަމަ އިންތިހާބީ މޮޅެވެ.
ޑިމޮކްރެޓްސް އިން މީގެ ކުރިން ވާދަކުރި އެއްވެސް އިންތިހާބެއްގައި ބޮޑު ތަރުހީބެއް ލިބިފައެއް ނުވެ އެވެ. އެ ޕާޓީން ވަނީ ރިޔާސީ އިންތިހާބާއި މާލޭ މޭޔަރު ބައި-އިލެކްޝަންގައި ވެސް ވާދަކޮށްފަ އެވެ.
މިދިޔަ މަހު ބޭއްވި ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުގައި ވެސް އެ ޕާޓީ އަށް އެއްވެސް ގޮނޑިއެއް ނުލިބެ އެވެ.