05 މެއި 2024 - 12:19

ވިލާ ކޮލެޖުގެ ސެޓްފިކެޓް 4 އިން ކްރިއޭޓިވް އާޓްސް އެންޑް ޑިޒައިން ކިޔަވާ ދަރިވަރުންގެ އެސައިމަންޓުތަކުގައި ތައްޔާރުކުރި އެކި މަސައްކަތްތައް ދައްކާލުމަށް "ސްޕެކްޓްރަމް"ގެ ނަމުގައި އެގްޒިބިޝަނެއް ބާއްވައިފި އެވެ.

މި އެގްޒިބިޝަނަކީ މި ޕްރޮގުރާމުގެ އެކި މޮޑިއުލްތަކުގެ އެކި އެސައިންމަންޓުތަކަށް ދަރިވަރުން ތައްޔާރުކޮށްފައިވާ މަސައްކަތްތައް ދައްކާލުމަށް ބޭއްވި އެގްޒިބިޝަނެކެވެ. މި އެގްޒިބިޝަނުގައި މި ޕްރޮގުރާމުން ކްރިއޭޓިވް އެކި ދާއިރާތަކަށް ދަރިވަރުން ތައްޔާރުކުރުމަށް ހަވާލުކޮށްފައިވާ އެކި މަސައްކަތްތައް ވަނީ ދައްކާލައިފަ އެވެ.

މި އެގްޒިބިޝަނުގައި ގްރެފިކްސް ޑިޒައިނިންގެ ދާއިރާއަށް ދަރިވަރުން ތައްޔާރުކުރުމަށް ހަވާލުކުރި ސައިފަތް ބްރޭންޑިންގެ މަސައްކަތް ވަނީ ދައްކާލައިފަ އެވެ. މި މަސައްކަތުގައި ކޮންސެޕްޓު ޑިވެލޮޕްކޮށް، ބްރޭންޑިން ހަދާ، ޕެކެޖިން ވެސް ފަރުމާކޮށް ތައްޔާރުކޮށްފައި ވަނީ ދަރިވަރުން އަމިއްލަ އަށެވެ. މި އެގްޒިބިޝަނުގައި އިންޓީރިއާ ޑިޒައިނިންގެ ދާއިރާއަށް ދަރިވަރުން ތައްޔާރުކުރުމަށް ހަވާލުކުރި އެސައިންމަންޓަށް ހަދާފައިވާ ކެފޭގެ މޮޑެލްތައް ވެސް ވަނީ ޝޯކޭސް ކޮށްފަ އެވެ.

މި ކެފޭ އަކީ މާލޭގެ ފްލޯ ޕްލޭނަކަށް ހަދާފައިވާ ކެފޭ އެކެވެ. މި ކެފޭ ފަރުމާކުރުމުގައި ތިމާވެއްޓާއި ރަށްޓެހި، ސަސްޓެއިނަބަލް ހިޔާލުތައް ވަނީ ހިމަނައިފަ އެވެ. އަދި ކެފޭތައް ފަރުމާކުރުމުގައި ފިލްމުތަކުން ދަރިވަރުން ނަގާފައި ހުރި އެކި ހިޔާލުތައް ހިމަނާފައި ހުއްޓެވެ.

މި އެގްޒިބިޝަނުގައި އެސައިމަންޓެއްގެ ގޮތުގައި ދަރިވަރުންނަށް ހަވާލުކުރި ލަވައިން އިންސްޕަޔާވެ ފޮޓޯނަގާ ތައްޔާރުކޮށްފައިވާ ޕޯސްޓުކާޑުތައް ވެސް ޑިސްޕްލޭކުރި އެވެ. އަދި މި އެގްޒިބިޝަނުގައި ހާއްސަ ތީމަކަށް ދަރިވަރުން ތައްޔާރުކޮށްފައިވާ ފޮޓޯ ބުކް ވެސް ހިމެނެ އެވެ.
މި އެގްޒިބިޝަންގައި ބައެއް ދަރިވަރުން ވަނީ އެ ދަރިވަރުންގެ އެކި މަސައްކަތްތަކުގެ ކްރިއޭޓިވް ޕްރޮސެސް އާއި އަމިއްލަ ބައެއް މަސައްކަތްތައް ވެސް ދައްކާލައިފަ އެވެ.
މި އެގްޒިބިޝަނުގައި ދަރިވަރުންނަށް އެސައިމެންޓެއްގެ ގޮތުގައި ތައްޔާރުކޮށްފައިވާ މޫވީ ޓްރެއިލާތައް ވެސް ދައްކާލި އެވެ.
ވިލާ ކޮލެޖުން ބުނީ މި އެގްޒިބިޝަން އަކީ ކްރިއޭޓިވް ދާއިރާގެ އެކި ފަރާތްތަކަށް އެ ދާއިރާތަކަށް ވަނުމަށް ޝައުގުވެރިވާ ފަރާތްތަކާއި ގުޅުވައިދީ ދަރިވަރުންގެ މަސައްކަތްކަށް އިތުރު އެކްސްޕޯޝާ ދީ, ކްރިއޭޓިވް ދާއިރާތަކުން ކުރިއަށް ދިއުމަށް ހިތްވަރު ދިނުން ކަމަށެވެ.
ވިލާ ކޮލެޖުން ބުނި ގޮތުގައި ކްރިއޭޓިވް އާޓްސް އަކީ ކްރިއޭޓިވް އެކި ދާއިރާތަކުން ކުރިއަށް ދިއުމަށް ފައުންޑޭޝަން އަޅާ ދޭ ޕްރޮގުރާމެކެވެ. މި ޕްރޮގުރާމަކީ ގްރެފިކްސް ޑިޒައިނިން އާއި އިންޓީރިއާ ޑިޒައިނިން އަދި ފެޝަން ޑިޒައިނިން ފަދަ އެކި ކްރިއޭޓިވް ދާއިރާތަކުން ޑިގްރީ ހެދުމަށް ތައްޔާރުކޮށްދޭ ޕްރޮގްރާމެކެވެ.