05 މެއި 2024 - 11:30

ގަޑި ވިއްކުމުގައި މަޝްހޫރުކަން ހޯދި މޯލްޑިވްސް ވޭވްގެ ކުންފުންޏަކުން ވެހިކަލް ގެނެސްދޭނެ ކަމަށް ބުނެ، މަކަރާއި ހީލަތުން އޮޅުވާލައިގެން ގިނަ ބައެއްގެ އަތުން ފައިސާ ހޯދި މައްސަލައިގައި އިތުރު ބައެއްގެ އަތުން ފައިސާ ނަގާފައިވާ ނަމަ ރިޕޯޓުކުރަން ފުލުހުން އެދިއްޖެ އެވެ.
މެގަޓްރޯން މޮޓޯސް މޯލްޑިވްސް ވޭވް އިންޓަނޭޝަނަލް ކުންފުނިން ވެހިކަލް ގެނެސްދިނުމުގެ ނަމުގައި މަކަރާއި ހީލަތުން ގިނަ އަދަދެއްގެ ފައިސާ ހޯދި މައްސަލައެއް ފުލުހުންނަށް ހުށަހަޅާފައި ވަނީ މިދިޔަ މަހުގެ ތެރޭގަ އެވެ.
އެ މައްސަލާގައި ފުލުހުން މިއަދު ބުނީ ވެހިކަލް ގެނެސްދޭނެ ކަމަށް ބުނެ މަކަރާއި ހީލަތުން އޮޅުވާލައިގެން ގިނަ ބައެއްގެ އަތުން ފައިސާ ހޯދާފައިވާ މެގަޓްރޯން މޮޓޯސް މޯލްޑިވްސް ވޭވް އިންޓަނޭޝަނަލް އިން އިތުރު ބައެއްގެ އަތުން ފައިސާ ނަގާފައިވޭތޯ ބަލަން ބޭނުންވާ ކަމަށެވެ.
އިތުރު ބަޔަކަށް ގެއްލުން ލިބިފައިވޭތޯ ބަލަން އިއުލާނުކޮށް، އޭގެ މައުލޫމާތުތައް އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓުގެ ނަމްބަރު، 9790048 އަށް ގުޅައި ހިއްސާކޮށްދިނުމަށް ފުލުހުން ވަނީ އެދިފަ އެވެ.
އެނގިފައިވާ ގޮތުގައި، ކާރު ގެނެސްދިނުމުގެ ނަމުގައި މޯލްޑިވްސް ވޭވް ކުންފުނިން ވަނީ އެކި މީހުންގެ އަތުން 50 މިލިއަނެއްހާ ރުފިޔާ ނަގައިފަ އެވެ. ނަމަވެސް، އެ ގަންނަން ފައިސާ ދެއްކި މީހުންނަށް ކާރު ނުލިބި ގިނަ ދުވަސްވެގެން، މި ފަހުން ސޯޝަލް މީޑިއާގައި ވެސް އޭގެ ޝަކުވާތަކެއް ހުއްޓެވެ.
މީގެ ހަތަރު އަހަރު ކުރިން އުފެއްދި މޯލްޑިވްސް ވޭވްއަކީ ގަޑި އުފައްދައިގެން އާންމުންގެ ތެރޭގައި މަގުބޫލުކަން ހޯދި ބައެކެވެ.