މަރުވެގެން ޖަނާޒާ ކުރިއަށް ގެންދަނިކޮށް ހަރަކާތްކުރަން ފަށައިފި
މަރުވެގެން ޖަނާޒާ ކުރިއަށް ގެންދަނިކޮށް ހަރަކާތްކުރަން ފަށައިފި

އިންޑިއާގެ ދަރްވާދްގެ މަނަގުންޑީ އަވަށުގެ 17 އަހަރުގެ ފިރިހެންކުއްޖަކު މަރުވި ކަމަށް ހީކޮށް ޖަނާޒާ ކުރިއަށް ގެންދަނިކޮށް ލޯ ހުޅުވައި އަތްފައި ހަރަކާތްކުރަން ފެށުމުން ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދޭން ފަށައިފި އެވެ.

ކުމާރު މަރެވަދް މަރުވި ކަމަށް ހީކުރީ މީގެ މަހެއްހާ ދުވަސް ކުރިން ކުއްތާއެއް ދަތްއެޅުމުން އައި ގަދަ ހުމަކަށް ފަހު ހާލު ދެރަވެ ވެންޓިލޭޓަރު ގުޅާފައި ބާއްވާތާ ދުވަސްތަކަކަށް ފަހުންނެވެ. ވެންޓިލޭޓަރުގައި ނަގައިފި ނަމަ މަރުވެދާނެ ކަމަށާއި އަދި އެގޮތަށް ބޭއްވިޔަސް ރަނގަޅުވާނެ ކަމުގެ އުންމީދެއް ނެތް ކަމަށް ޑޮކްޓަރުން ބުނުމުން އާއިލާއިން ބޭނުންވީ ކުމާރު ގެޔަށް ގެންދާށެވެ. އެކަމަކު ގެޔަށް ގެންދިޔަފަހުން އޭނާގެ ނޭވާ ހުއްޓުމުން އެންމެން ހީކުރީ އޭނާ މަރުވީ ކަމަށެވެ.

ގެއަށް ގެންގޮސް އޮއްވައި ކުމާރުގެ ހަށިގަނޑުގެ ހަރަކާތް ހުއްޓުމުން ޖަނާޒާގެ ކަންތައް ކުރިޔަށް ގެންދަން ފެށީ އެވެ. ނަމަވެސް ޖަނާޒާ ކުރިޔަށް ދަނިކޮށް ކުމާރު ލޯ ހުޅުވާލައި އަތާއި ފައި ހަރަކާތް ކުރަން ފެށި އެވެ. އަދި އަވަސް އަވަހަށް ނޭވާ ވެސް ލާން ފެށި އެވެ. އެހެންވެ އަނެއްކާވެސް ހޮސްޕިޓަލަކަށް ގެންގޮސް ފަރުވާ ދޭން ފެށީ އެވެ.

އެ ހޮސްޕިޓަލުގެ ޑޮކްޓަރު މަހޭޝް ނީލަކަންތަނަންވަރް ވިދާޅުވީ ކުމާރު އޮތީ އަނެއްކާވެސް ވެންޓިލޭޓަރުގައި ކަމަށެވެ. ކުއްތާ ދަތް އެޅުމުގެ ސަބަބުން ކުމާރަށް މެނިންގޯއެންސެފަލައިޓިސް ޖެހިފައިވާ ކަމަށް ޑޮކްޓަރު ލަފާ ކުރައްވަ އެވެ.

ކުމާރުގެ މައިންބަފައިންނަކީ ވަރަށް ފަގީރު ބައެކެވެ. ކުމާރު ވެސް ވަކި ހިސާބަކުން ކިޔެވުން ހުއްޓާލުމަށްފަހު މައިންބަފައިންނާ އެކު އުޅެނީ ކޮންސްޓްރަކްޝަން މަސައްކަތުގަ އެވެ.