21 ފެބުރުއަރީ 2017 - 06:10

އެންވިޝަން އެންޓަޓައިންމަންޓާއި ޔޫއްޕެ ޕްރޮޑަކްޝަން ގުޅިގެން ހަދާ ފިލްމް "ނޯޓީ 40" ގެ ކްރޫ މިހާރު ތިބީ ފިލްމުގެ މަންޒަރުތައް ނެގުމަށްޓަކައި، ށ. މިލަންދޫގަ އެވެ. ބޮޑު ކާސްޓެއް ހިމެނޭ ފިލްމުގެ ގިނަ ތަރިން ވެސް ތިބީ މިހާރު އެ ރަށުގަ އެވެ.

ކްރޫ އެ ރަށަށް ފުރީ މި މަހުގެ 15 ވަނަ ދުވަހު އެވެ. އަމާޒަކީ 20 ނުވަތަ 25 ދުވަހުގެ ތެރޭގައި މިލަންދޫގެ މަންޒަރުތައް ނިންމައިލުމެވެ. އޭރުން އޮންނާނީ ފިލްމުގެ 95 ޕަސަންޓް ޝޫޓްކޮށް ނިމިފަ އެވެ.

ޔޫސުފް ޝަފީއު (ޔޫއްޕެ)ގެ ސްކްރީންޕްލޭއަކަށް އޭނާ ޑައިރެކްޓްކޮށް، މުހިއްމު ރޯލެއް ވެސް ކުޅޭ ފިލްމާ ބެހޭ ގޮތުން ބުނީ "ނޯޓީ 40" އަކީ ބޮޑު ކާސްޓަކާ އެކު، ކުރާ ތަފާތު ތަޖުރިބާއެއް ކަމަށެވެ.

"އަސްލު އަދި އެންމެ ބޭނުންވި ގޮތަކަށް ނޫން މަސައްކަތް ކުރިއަށް ދަނީ. މިއީ ފުދޭ ވަރަކަށް ބޮޑެތި މަސައްކަތްތަކެއް ވެސް ކުރަން ޖެހޭ ފިލްމެއް. އެހެންވެ ކާސްޓުންނަށް އެބަ ބޭނުންވާ ކެރެކްޓާ ތެރެއަށް ވަންނަން ވަގުތު ވެސް،" މިލަންދޫގައި ހުރެ ޔޫއްޕެ ބުންޏެވެ. "އެހެންވެ ރިހާސްކޮށް، ތައްޔާރީތައް ވަރަށް ބޮޑަށް ވެގެން މަންޒަރުތައް ޝޫޓް ކުރުމާ ހަމައަށް ދާތީ، އަދި އެންމެ ބޭނުންވާ ސްޕީޑްގައެއް ނޫން ފިލްމުގެ ޝޫޓިން ކުރިއަށް ދަނީކީ. އެކަމަކު ވީހާ ވެސް ރަނގަޅަކަށް މީގެ މަސައްކަތް ކުރާނީ."

"ނޯޓީ 40" ގެ މައިގަނޑު މުހިއްމު ރޯލްތަކުން 18 ކެރެކްޓާއެއް ފެނިގެން ދާނެ އެވެ. އޭގެ ތެރޭގައި ތަޖުރިބާކާރު އެކްޓަރުންނާއި ވިދަމުން އަންނަ އާ ތަރިންނާއި އަލަށް ތައާރަފުވާ އެކްޓަރުން ވެސް ހިމެނެ އެވެ.
ފިލްމުގެ ވާހަކަ މައިގަނޑު ގޮތެއްގައި އެނބުރޭނީ ޔޫއްޕެ، ނިއުމާ މުހައްމަދު، އަލީ ސީޒަން، މުހައްމަދު މަނިކު އަދި އަހުމަދު ސައީދުގެ ކެރެކްޓާގެ ވަށައިގެންނެވެ.
މީގެ އިތުރުން މަރިޔަމް އައްޒަ، ފާތުމަތު އާޒިފާ (އަޒޫ)، ނުޒުހަތު ޝުއައިބް (ނުޒޫ)، އަލީ އާޒިމް (ދޮން އައްޔަ) އަދި އިބްރާހީމް ޖިހާދު (ޖިމީ) ފަދަ ޒުވާން ތަރިންގެ މުހިއްމު ރޯލްތަކެއް ވެސް "ނޯޓީ 40" އިން ފެނިގެން ދާނެ އެވެ.
ފިލްމުން މިލަންދޫގެ ބައެއް މީހުން ވެސް ކުދިކުދި ބައެއް ރޯލްތަކުން ފެނިގެން ދާނެ އެވެ.
"އަސްލު މުޅި ފިލްމަށް ބަލާ ކަމަށް ވަންޏާ މީގެ ކޮންމެ ކެރެކްޓާއަކީ ވެސް ވަރަށް މުހިއްމު ކެރެކްޓާއެއް. ހަމަ މީހުން ގިނަ ކުރަވެގެނެއް ނޫން، ކާސްޓް ބޮޑު ކުރީ،" ޔޫއްޕެ ބުންޏެވެ. "ފިލްމުގެ މައި އަށާރަ ކެރެކްޓާގެ އިތުރުން މިލަންދޫން ކާސްޓާ ބައިވެރިވާ މީހުންނަކީ ވެސް ފިލްމުގެ ހަމަ މުހިއްމު ބަޔަކަށް ވެގެން ދާނީ. މި ރަށުން ހަގީގަތުގައި ވަރަށް ބޮޑު އެއްބާރުލުމަކާއި އެހީތެރި ކަމެއް އެބަ ލިބޭ."
މިދިޔަ އަހަރު ރިލިޒް ކުރި "ބައިވެރިޔާ" އާ ހިލާފަށް. ޔޫއްޕެ ޑައިރެކްޓް ކުރާ "ނޯޓީ 40" އަކީ ހުރިހާ ރަހައެއް އެކުލެވޭނެ ފިލްމެކެވެ. އޭގެ ތެރޭގައި ކޮމެޑީ، ލޯބި އަދި އެކްޝަން ވެސް ހިމެނެ އެވެ.
"އަސްލު ބުނެވި ދާނެ މިއީ ހަމަ ހުރިހާ ރަހައެއް އެކުލެވޭ ބެލުންތެރިންނަށް ހުރިހާ އިހުސާސެއް ގެނުވައި ދޭނެ ފިލްމެކޭ،" ޔޫއްޕެ ބުންޏެވެ.
އައްޔުމަން ޝަރީފް މިއުޒިކް ތައްޔާރުކޮށް ދީފައިވާ ފިލްމުގައި ޖުމްލަ ހަ ލަވަ ހިމެނޭނެ އެވެ. އެއީ އަމިއްލަ ރާގުގެ ތިން ލަވަ އާއި ކޮޕީ ތިން ރާގެވެ.
"އެއް ލަވަ ފިޔަވައި އެހެން ހުރިހާ ލަވައެއް ވެސް ޝޫޓް ކުރާނީ މިލަންދުގައި. އަނެއް ލަވަ މާލޭގައި ނަގާނީ،" ޔޫއްޕެ ބުންޏެވެ.
ބަތަލާ ނިއުމާ އާއި އިސްމާއީލް ޝަފީގް ޕްރޮޑިއުސްކޮށް، އަހަރުގެ އެންމެ ބޮޑު ފިލްމްގެ ގޮތުގައި ޕްރޮމޯޓް ކުރާ "ނޯޓީ 40" ސިނަމާ އަށް އަންނާނީ އޮގަސްޓް 2 ގަ އެވެ.