03 މެއި 2024 - 09:38

އިންޑިއާގައި ކުރިއަށްދާ އިންތިހާބުގައި ވޯޓުލާން ނުކުންނަ މީހުންގެ ނިސްބަތް މަދުކަމުން، ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ވެރިކަންކުރާ ބާރަތިޖާ ޖަނަތާ ޕާޓީ (ބީޖޭޕީ) އިން ލަފާކުރި މިންވަރުގެ މެޖޯރިޓީއެއް ނުލިބިދާނެ ކަމުގެ ބިިރު ހީވެއްޖެ އެވެ.
އިންޑިއާގެ ގާނޫނު ހަދާ މަޖިލީހުގެ 543 މެމްބަރުން އިންތިހާބު ކުރަން މީގެ ހަފްތާއެއް ކުރިން އިންތިހާބު ފެށިފައިވާ އިރު، ވޯޓުލުން ޖޫން 1 އާ ހަމަޔަށް ކުރިއަށް ގެންދަނީ ހަތް ފިޔަވައްސަކަށް ބަހާލައިގެންނެވެ.
އެކަމަކު އިންތިހާބު ގެ ދެ ފިޔަވަހި ނިމުނު އިރު، ވޯޓުލާން ނުކުންނަ މީހުން މަދުކަމުން، ހިންދޫ މެޖޯރިޓީ މީހުން ވޯޓުލާން ނެރެން ބާރު އެޅުމަށް ބީޖޭޕީގެ ކެމްޕޭނުގެ މިސްރާބު ވެސް ވަނީ ބަދަލުކުރަން މަޖުބޫރުވެފަ އެވެ.
ބީޖޭޕީން 2014 އަދި 2019 ވަނަ އަހަރު ވެސް ބޮޑު ތަފާތަކުން އިންތިހާބު ކާމިޔާބުކޮށްފައި ވާއިރު މިއީ އެހެން ދީންތަކުގެ މީހުންގެ ހައްގުތަކަށް ނުބަލައި ހިންދީން ރުއްސައިގެން ކާމިޔާބުކުރި އިންތިހާބުތަކުގެ ގޮތުގައި ފެންނަން އެބަ އޮތެވެ.
މިފަހަރު އިންތިހާބުގެ ކެމްޕެއިން ފެށީ ވެސް ހަރުކަށި ހިންދީންގެ އަނިޔާވެރި އަމަލުތަކާ އެކު ތަޅައި ސުންނާފަތިކޮށްލި އާސާރީ ބާބްރީ މިސްކިތް ހުރި ބިމުގައި އެޅި ހިންދީންގެ ބޮޑު ފައްޅިއެއް ހުޅުވުމުގެ ރަސްމިއްޔާތަކުންނެވެ.
އިންތިހާބުގެ ކުރިން މޯދީ ވަނީ މި ފަހަރު 400 ގޮނޑި ހޯދުމަށް އަމާޒު ހިއްޕަވައިފަ އެވެ. މިދިޔަ ފަހަރު ބީޖޭޕީން ވަނީ 303 ގޮނޑި ކާމިޔާބު ކޮށްފަ އެވެ.
އިންޑިއާގެ އިލެކްޝަންސް ކޮމިޝަނުން ބުނީ މި އިންތިހާބުގައި ވޯޓުލާން ނުކުތް މީހުން ނިސްބަތް އުޅެނީ ގާތްގަނޑަކަށް 66 ޕަސަންޓުގައި ކަމަށެވެ.
ވޯޓުލާން މީހުން ނެރެން ބާރުއެޅުމަށް މޯދީގެ ސްޕީޗުތައް ވެސް މި ފަހުން ވަނީ ސަރުކާރުގެ ކާމިޔާބީތަކުގެ ބަދަލުގައި ހިންދޫންގެ ބޮޑު އަބާދީ ރުއްސަން މުސްލިމުންނާ ދެކޮޅަށް އަނބުރާލައްވައިފަ އެވެ.
ސިޔާސީ ތަޖުރިބާކާރުން ގަބޫލުކުރާ ގޮތުގައި މި އިންތިހާބަށް އިންޑިއާގެ އާންމު ރައްޔިތުންގެ ޝައުގުވެރިކަން ކުޑަ އެވެ. އަދި ވެރިކަން ކުރާ ޕާޓީގެ ކެންޑިޑޭޓުންނާ މެދު އާންމުންގެ ތަސައްވަރު ވެސް ބަދަލުވެފައިވާ ކަމަށް ވަނީ ލަފާކޮށްފަ އެވެ.