ޔުނައިޓެޑްގެ ސީއީއޯ އާއި ސީއެފްއޯ އިސްތިއުފާ ދެނީ
ޔުނައިޓެޑްގެ ސީއީއޯ އާއި ސީއެފްއޯ އިސްތިއުފާ ދެނީ

މެންޗެސްޓާ (މެއި 1) - މެންޗެސްޓާ ޔުނައިޓެޑުގެ ވަގުތީ ޗީފް އެގްޒެކެޓިވް ޕެޓްރިކް ސްޓެވާޓާއި ޗީފް ފައިނޭންޝަލް އޮފިސަރު ކްލިފް ބެޓީ ސީޒަން ނިމުމުން އެ ކްލަބު ދޫކޮށްލާނެ ކަމަށް ބުނެފި އެވެ.

ޔުނައިޓެޑްގެ ފުޓްބޯޅައިގެ ކަންކަމުގައި އެންމެ ބާރުގަދަ އޯނަރު ޖިމް ރެޓްކްލިފް އެ ކްލަބަށް ހަމަޖައްސާ އުމަރު ބިރާދާ އެ ކްލަބާ ހަވާލުވާނީ މެންޗެސްޓާ ސިޓީގައި އޭނާގެ ކޮންޓްރެކްޓް ނިމުމުން ޖުލައި މަހު އެވެ.

އިނގިރޭސި ފުޓްބޯޅަ ސީޒަން މި މަހު ނިމުމުން، ސްޓެވާޓާއި ބެޓީ އިސްތިއުފާ ދިނުމުން، ޖުލައި 15 ވަނަ ދުވަހާ ހަމައަށް ސީއީއޯގެ މަގާމާ ހަވާލު ވާނީ ރެޓްކްލިފްގެ އިނިއޯސް ކުންފުނީގެ ސީއީއޯ ޖޯން ކްލައުޑް ބްލަންކް އެވެ. އެ މުއްދަތަށް ސީއެފްއޯގެ މަގާމާ ހަވާލު ވާނީ އިނިއޯސްގެ ކުރީގެ ސީއެފްއޯ ރޮޖާ ބެލް އެވެ.

ޔުނައިޓެޑްގެ އެގްޒެކެޓިވް ކޯ ޗެއާމަން ޖޮއެލް ގްލޭޒާ ވަނީ ސްޓެވާޓާއި ބެޓީގެ މަސައްކަތް އަގުވަޒަން ކުރާކަން ހާމަކޮށްފަ އެވެ.

"ދެ ބޭފުންނަކީ ވެސް ގިނަ އަހަރުތަކެއް ވަންދެން އަގުހުރި ލަފާތަކެއް ފޯރުކޮށްދީފައިވާ ތަޖުރިބާކާރު ދެބޭފުޅުން، އަދި ޕެޓްރިކް ވަނީ މި އިންތިގާލީ މަރުހަލާގައި ވަގުތީ ސީއީއޯގެ ގޮތުގައި މުހިންމު ދައުރެއް އަދާކޮށްފަ."