ސްޕޭން އެފްއޭގެ އިސްވެރިޔަކަށް ވޯލްޑް ކަޕު ހޯދި ކޯޗު ޑެލް ބޮސްކޭ
ސްޕޭން އެފްއޭގެ އިސްވެރިޔަކަށް ވޯލްޑް ކަޕު ހޯދި ކޯޗު ޑެލް ބޮސްކޭ

މެޑްރިޑް (މެއި 1) – ބޮޑު މައްސަލަގަނޑެއްގެ ތެރެއަށް ވެއްޓިފައި އޮތް ސްޕޭނުގެ އެފްއޭ އަށް، ސަރުކާރުން އައްޔަން ކުރި ސުޕަވައިޒިން ކޮމިޓީގެ ޗެއާމަނަކަށް ވޯލްޑް ކަޕް ހޯދި ކޯޗު ވިންސެންޓޭ ޑެލް ބޮސްކޭ ހަމަޖައްސައިފި އެވެ.

އެފްއޭގެ ކުރީގެ ރައީސް ލުއިސް ރުބިއަލެސް އަންހެން ޓީމުގެ ކުޅުންތެރިޔަކަށް ބޮސް ދިގެން ކުރިމަތި ކުރި ޕްރެޝާރާ އެކު އޭނާ އޭރު އިސްތިއުފާ ދޭން ދެކޮޅު ހެދުމުން ބޮޑު މައްސަލަގަނޑެއްގެ ތެރެއަށް ވެއްޓުނެވެ.

އެ ހާލަތުގައި ވެސް ސްޕޭނުގެ އެފްއޭގެ މެންބަރު ކްލަބްތަކުން ވޯޓް ދިނީ ރުބިއަލެސް އަށް އިތުބާރު އެބައޮތް ކަމަށެވެ.

ވޯލްޑް ކަޕް 2030 މޮރޮކޯ އާއި ޕޯޗުގަލްއާ ހިއްސާވެގެން ބާއްވާ ސްޕޭންގެ އެފްއޭގެ ހާލަތު އެހިސާބަށް ދިއުމުން ސަރުކާރުން މައްސަލައިގެ ތެރެއަށް ވަދެ ރުބިއަލެސް ސަސްޕެންޑް ކުރި އެވެ. ފީފާ އަށް އަށް ހޭވެރިކަން ވީ ވެސް އޭގެ ފަހުންނެވެ.

ސްޕޭނުގެ ސަރުކާރުން އައްޔަން ކުރި ސުޕަވައިޒިން ކޮމިޓީގެ ދައުރަކީ ހާމަކަމާ އެކު އިންތިހާބަކަށް ގެންދިއުމެވެ. އަދި އެކަމަށް މަގުކޮށުމުގެ ގޮތުން ހުރި މައްސަލަތައް ހައްލު ކުރުމަކީ ވެސް އެ ކޮމިޓީގެ ޒިންމާ އެކެވެ.

އުމުރުން 72 އަހަރުގެ ޑެލް ބޮސްކޭއަކީ ސްޕެއިންގެ ފުޓްބޯޅަ އައިކޮން އެކެވެ. އެ ގައުމަށް 2010 ގެ ވޯލްޑް ކަޕާއި 2012 ގެ ޔޫރޯ ކާމިޔާބުކޮށް ދިނެވެ.

އޭހެން ކޯޗަކު އަތުގައި ނެތް ރެކޯޑެއް ރެއާލް މެޑްރިޑަށް ވެސް ކުރިން ކޯޗުކޮށް ދިން ޑެލް ބޮސްކޭ އަތުގައި އެބައޮޔެވެ. ވޯލްޑް ކަޕާއު ޔޫރޯގެ އިތުރުން ޔޫއެފާ ޗެމްޕިއަންސް ލީގު އަދި އިންޓަ ކޮންޓިނެންޓަލް ކަޕް ހޯދި ހަމައެކަނި ކޯޗަކީ އޭނާ އެވެ.