01 މެއި 2024 - 07:49

އާދިއްތަ ދުވަހާ ގުޅޭ
އެ ވަގުތަކީ، ކާކޮޓަރީގެ ދޮރާ ހަމައަށް ނަޖްވާނަށް އާދެވުނު ވަގުތެވެ. ނަޖްވާން ހުއްޓުނެވެ. ތަންކޮޅެއް ފަހަތަށް ޖެހިލިއެވެ. ރާއިދު ބުނާ އެއްޗެއް އަޑުއަހައިލަން ނަޖްވާން ބޭނުންވިއެވެ. ދިފްލާގެ ގެއަށް ރާއިދު ވަރަށް ގިނައިން ދާކަން ނަޖްވާނަށް އެނގެއެވެ. އެ ދެމީހުން ކިހައި ރައްޓެހިކަން ވެސް އެނގެއެވެ. އެ ޚަބަރު އެންމެ ގިނައިން ގެނެސްދޭ އެކަކީ ދުރު މީހެއް ނޫނެވެ. ނަޖްވާންގެ މަންމައެވެ. އަނެއްކޮޅުން، ހިސާބުގަނޑުގެ ފިރިހެނުންގެ ލޯތައް ދިފްލާއަށް އަމާޒުވެފައިހުންނަ ވާހަކައަކީ ވެސް ނަޖްވާން އަހައި ބާވެފައިވާ ވާހަކައެކެވެ. އެއްހިސާބެއްގައި އުޅެބޮޑުވުމުން ދިފްލާއަކީ ނަޖްވާންގެ ވެސް ރައްޓެއްސެކެވެ. އެހެނަސް ރާއިދާއި ދިފްލާގެ މެދުގައި އޮންނަ ވަރުގެ އެކުވެރިކަމެއް ނަޖްވާނާއި ދިފްލާގެ މެދަކު ނޯވެއެވެ.
"ވަރަށް ލޯބިވޭ!" ދިފްލާ ކައިރީގައި ސައިތަށި ބަހައްޓަމުން ރާއިދު ބުންޏެވެ. "މީގެ އަސްލު ޕޮއިންޓަކީ އަހަރެން ނަޖޫ ދެކެ ވާ ލޯތްބެއް ނޫން. އަހަރެން ދެކެ ނަޖޫ ވާ ލޯބި. ކުދިކުދި ކުނި ނުޖެހެޔެކޭ ނޫން. އެކަމަކު، އަހަރެން ދެކެ އެހާ ލޯބިވާ މީހަކު ނުހުންނާނެ."
ރާއިދު އެހެން ބުނި އަޑުއިވުމުން ނަޖްވާން ވަރަށް އުފާވިއެވެ. ދިފްލާ އެއްވެސް އެއްޗެއް ނުބުނެ ވިސްނައިލިއެވެ.
"ހަމަ ހުރެދާނެއްނު!" އިރުކޮޅަކަށް ފަހު ދިފްލާ ބުންޏެވެ. "އަހަ..."
އެ ވަގުތު ނަޖްވާންގެ ފޯނު ރަނގަބީލުވިއެވެ. އެއީ ރާއިދަށް އިވިފަރިތަ އަޑެކެވެ. ދެން ނަޖްވާނަށް މަޖުބޫރުވީ ކާކޮޓަރިއަށް ވަންނާށެވެ. ނަޖްވާން ފެނުމުން ދިފްލާ ހިނިތުންވެލިއެވެ.
"މިހާރު އެއްފަަހަރު ބުނެފިން ރޯންގް ނަންބަރއޭ!" ފޯނަށް ބަލައިލައިފައި ފޯނުކަނޑައިލަމުން ނަޖްވާން ބުންޏެވެ. "ވާރޭ ނުހުއްޓާނެކަން ޔަގީންވީމަ މި އައީ. ކޮބާ އަހަރެންގެ ކޮފީ؟"
"މިހިރީ މެޝިން. އެހެރީ ކޮފީ،" ރާއިދު އިޝާރާތްކޮށްލައިފައި ބުންޏެވެ. "މިހިރީ ތަށި. މިހާރުއްސުރެ ޕްރެކްޓިސްކުރޭ!"
"އަހަންނަކަށް ނުވާނެ،" ގޮނޑީގައި އިށީންނަމުން ނަޖްވާން ބުންޏެވެ. "ހަދައިގެން ގެނެސްދީ! މިލްކް ވެސް އަޅާތި!"
"ޔޭސް މެޑަމް!" ސަމާސާ ރާގެއްގައި ރާއިދު ބުންޏެވެ.
ނަޖްވާން ގޮނޑީގައި ހަމަޖެހިލިއެވެ. ރާއިދު ކޮފީހަދަން ފެށިއެވެ. ނަޖްވާން ފޯނުން އެއްޗެއް ހޯދަން ފެށިއެވެ.
"ހެދުމެއް ސެލެކްޓްކޮށްފަ އޮންނާނީ،" ފޯނަށް ބަލަން އިން ނަޖްވާން ބުންޏެވެ. "ޑިޒައިން ހަމަ އެ ގޮތަށް އިނީމަ އޯކޭވާނެ. އެކަމަކު އަހަރެން ބުނާ ތަންތަނަށް ޖެހޭނެ ލޭސް ލާން. ވެޑިންއަށް އަންނަ އެންމެން ވެސް ޖެހޭނެ އަހަންނަށް ބަލަން. ރާއިދު އެއީ ނެތް މީހެއް. ޑެކަރޭޝަން ސެޓްކޮށްފައޮތް ގޮތުން އެ ތާ ހުންނާނެ ވަރަށް ނައިސް އުނދޯއްޔެއް. އަހަރުމެން ތިބޭނީ އިށީނދެގެން. ސަލާންކުރަންވީމަ ތެދުވާނީ. ކިހިނެއް ޕާޓީ ނިމެންދެން ކޮޅަށްހުންނާނީ؟ އެހެންވެ ޑްރެސް ކިތަންމެ ފުޅާވިޔަސް، ބަރުވިޔަސް އޯކޭވާނެ. އަތް އެހާ ދިގު ނުކުރާތި!"
"މައްސަލައެއް ނޯންނާނެ،" ދިފްލާ އެއްބަސްވިއެވެ. "ކޮން ކުލައެއް ޗޫސްކުރީ؟"
"ބޭޖް!" ނަޖްވާން ބުންޏެވެ.
"ގްރީން!" ރާއިދު ބުންޏެވެ.
ދެމީހުން ބުނީ އެކުއެކީގައެވެ. ދިފްލާ ދެމީހުންނަށް ދެފަހަރު ބަލައިލިއެވެ.
"މަ ބުނީމެއްނު ގްރީނެއް ނުލާނަމޭ!" ނަޖްވާން ހިތްހަމަނުޖެހިފައި ބުންޏެވެ. "އައި ހޭޓް ގްރީން! ރާއިދު ހުރޭ ގްރީން ލައިގެން ގަހެއްހެން. ވެޑިން ކެންސަލުކުރަންޖެހުނަސް އަހަރެން ނުލާނަން ގްރީނެއް."
"އައްދެއައްދެ! ހާދަ އަވަހަކަށް ވެޑިން ކެންސަލު މިވަނީ؟" މާހައުލު އިތުރަށް ހޫނުވިޔަނުދިނުމަށް ޓަކައި ދިފްލާ ބުންޏެވެ. "އަދި ނުވެއެއްނު ތިހާ ރުޅިއަންނާކަށް."
"އެއީ ލޯބި." ރާއިދު ހިނިތުންވެލާފައި ކޮފީތަށި ގެނެސް ބަހައްޓަމުން ބުންޏެވެ.
"އަހަރެން ރުޅިމަޑޭ ދިފްލާ!" ފޫހިވެފައި ނަޖްވާން ބުންޏެވެ. "ސީރިޔަސްކޮށް މި ބުނީ. ކުރީ ދުވަހު ވެސް ރައިޑަކަށް ދަނިކޮށް، ޕެޓްރޯލު ހުސްވެގެން މަޖީދީމަގަށް ސައިކު ހުއްޓުނީ. ނުލާހިކު ބައިވަރު މީހުން އޮތް. ވަރަށް ކެއަރލަސްވާނެ. ޑްރެސް ހޯދަން ވެސް އަހަރެން ބުނެފިން ހިނގާށޭ ބެންކޮކަށް ދަމާ! ނުދިޔަ! ދެން މައްސަލައެއް ނެތް. ދިފްލާ ފަހަންޏާ އަހަރެން ހަމަ ވަރަށް ހެޕީ. އަޅެ ދިފްލާއަށް ހީވޭތަ މި ވަރު މީހަކާ މެރީކޮށްގެން އެންމެ ދުވަހަކު ވެސް އަހަންނަށް އުޅެވޭނެހެން؟"
"ދިފްލާ ތި ކަމަކަށް އެއްބަހެއް ނުވާނެ،" ވަރަށް އުންމީދާއެކު ރާއިދު ބުންޏެވެ. "އަޅެ ބުނެބަލަ! އަހަރެންމީ ހަމަ އެހާ ގޯސްމީހެއްތަ؟ ނަޖޫއަކަށް ނޫންތަ އަންޑަސްޓޭންޑް ނުވަނީ؟"
"އަހަރެން ހޮޓްސީޓަށް ނުލާ!" އަމިއްލަ ސަލާމަތްހޯދުމުގެ ގޮތުން ދިފްލާ އެދުނެވެ. "ފޮތި ގަންނަން ދާއިރު އަހަރެން ގެންދާނަންތަ؟"
"ގެންދާނަންހޭ؟ އަހަރުމެން ދެމީހުން ދާނީ،" ނަޖްވާން ބުންޏެވެ. "ރާއިދު ގެންގޮއްސިއްޔާ ވާނީ ހެޑޭކަކަށް. ކޮބާ މެޝަރިން ޓޭޕް؟ ހިނގާ މިންނަގަން."
މިންނަގަން ވެގެން ފޫޓުފީތާގެ ކޮޅު އެނދުގައި ޖެއްސުމުން ފާއިޒާ އޭގައި ހިފޭއްޓިއެވެ. ރާއިދު ފޫޓުފީތާ ހިފައިގެން އެނދުގެ ކޮޅަށް ދިޔައެވެ. ދިގުމިނާއި ފުޅާމިނުން ވެސް އެއްވެސް މައްސަލައެއް ނެތެވެ. ދަރިފުޅު ގޮވައިގެން ފަރުނީޗަރު ފިހާރަޔަށް ފާއިޒާ އައީ، އެ ކައިވެންޏާ މެދު ފާއިޒާ ކިހައި ރުހޭކަން ދެއްކުމަށް ޓަކައެވެ. ރުހޭތީއެއް ނޫނެވެ. ދަރިފުޅުގެ އުފަލުގައި، ހިތުގެ އެންމެ ފުންމިނުން ބައިވެރިވުމުގެ މަގުސަދުގައެވެ.
"ޕާފެކްޓް!" ވަރަށް އުފާވެފައި ރާއިދު ބުންޏެވެ. "ނަޖޫ ބޭނުމީ ވެސް ކިންގްސައިޒް!"
"ތަންކޮޅެއް އެނދު ކުޑަކޮށްލަމާ ދަރިފުޅާ!" ފާއިޒާ މަޑުމަޑުން ބުންޏެވެ. "ކޮޓަރިއަށް ވައްދާށާ، ރާވަން ވެސް ފަސޭހަވާނެ."
އެނދު ރޭވުމަކީ ވިއްކާ ތަނުން ދޭ ހިދުމަތެކެވެ. ގަންނަމީހާ ކުރާ ކަމެއް ނޫނެވެ. ރާއިދު ހީކުރީ މަންމައަށް އެ ކަން ނޭނގެނީކަމަށެވެ.
"އެ ކަމާ އަހަރުމެން ވިސްނާކަށް ނުޖެހޭނެ،" ރާއިދު ޗޮކެއްކަނޑައިފައި، ފޯނުން އެނދު ފޮޓޯނަގަމުން ބުންޏެވެ. "މީ ހަމަ ނަޖޫ ބޭނުންވި ބެޑް. ހަތަރު ބާލީސް. ދެ ކަންނެޔޮ. ބޮޑު ކުލްޓެއް. ހުރިހާ އެއްޗެއް ވައިޓް. ގޮދަޑި މެމޮރީފޯމް. އެ ވަރަށް ނަޖޫ ކިޔައިދިން. މަންމަ ހަމަ ހީ ވެސް ނުކުރާހާ ގިނަ ކަންކަން ނަޖޫއަށް އެނގޭނެ. ކުރީ ދުވަހަކު ވެސް އަހަންނަށް ކިޔައިދިން ފްރަންޓް ލޯޑާ ޓޮޕް ލޯޑް ވޮޝިން މެޝިންގެ ތަފާތު. ދޮންނަން ތި އަޅާ ލިކްއިޑާ ޕައުޑަރގެ ތަފާތު ވެސް ކިޔައިދިން. އަހަރެން ހުރީ ހަމަ ހައިރާންވެފަ. އެހާ މައުލޫމާތު މުއްސަނދި ކުއްޖެއް މަދުވާނެ."
"އެހެންތަ؟ ނަޖޫ ހާދަ ކުޅަދާނައޭ ދޯ؟" ފާއިޒާ ބުނީ ހިތުގައިއޮތް އެއްޗެއް ނޫނެވެ. "ދަރިފުޅަށްތާ ބޮޑަށް ނަޖޫ އެނގޭނީ. ކަންކަން ކުރަން އެނގިގެން ނޫނީ، މީހުން ލައްވާ ކުރުވާކަށް ވެސް ނޭނގޭނެ."
އެނދުގެ ބެޑުޝީޓު ކިހައި ބޮޑުވާނެކަމާއި، ހުދުކުލަ ކިހައި އަވަހަކަށް ހަޑިވާނެކަން ފާއިޒާއަށް ވިސްނެއެވެ. ތަންމަތިއަޅަން އުޅެންޖެހޭނެ ހާލާއި، ގޮދަޑި ކިހައި ބަރުވާނެކަން ވެސް އެނގެއެވެ. އެ ހުރިހައި ކަމެއް ކުރަން ގޭގައި މީހުން ތިބެއެވެ. އެހެނަސް ފާއިޒާ ވެސް، ބައެއް ފަހަރު އަމިއްލައަށް އެ ފަދަ ކަންތައް ކުރެއެވެ. ބަދިގެއަށް ވަދެ ކައްކަން ވެސް ކައްކައެވެ. ފާއިޒާގެ ނަޒަރުގައި ގެޔެއް ގެޔަކަށް ވާނީ އޭރުންނެވެ. ޒިންމާނެގުމަކީ ވެސް އެއީއެވެ. ދަސްވެފައިހުރި ގެވެހި މަސައްކަތްތައް ހަނދާންނުނެތޭނީ ވެސް އޭރުންނެވެ.
"އޭނަ ވަރަށް ދުރަށް ޕްލޭންކުރާނެ. ހުރިހާ ކަމެއް ވެސް ޑީޓެެއިލްކޮށް ރާވާފަކުރާނީ،" ގޮދަޑިތައް ބަލަމުން ރާއިދު ބުންޏެވެ. "އަދި އޭނަ އަޅާނެ ވަރަށް މީރު ޗީޒް އޮމްލެޓެއް. މަންމަ ޖެހޭނެ އެ ކާން."
"އިރާދަކުރެއްވިއްޔާ!" ފާއިޒާ ޖަވާބުދިނެވެ. "މަންމައަކަށް އޭނައެއް ނޭނގޭ! އެނގެނީ ދަރިފުޅު. ދަރިފުޅު ކަމެއް ނިންމާނީ ވަރަށް ބަލާފަ، ވިސްނާފަ. ބައްޕަޔާ އިނދެގެން މަންމަ ދިރިއުޅެން ފެށި އިރު ވެސް، ކަންކަން ކުރަން ގޭގަ މީހުން ތިބޭ! އެއްކަމެއް ނުކޮށް ވެސް މަންމައަށް އުޅެވުނީސް. އެކަމަކު ހުރިހާ ކަމެއް އެހެން މީހުންގެ އަތްމައްޗަކަށް މަންމަ ދޫކޮށެއް ނުލަން. މިހާރު ވެސް ދަރިފުޅަށް އެ މަންޒަރު ފެންނާނެ. ކޮންމެ ކަމެއް އަމިއްލައަށް ނުކުރިޔަސް، ކަންކަންކުރަން އެނގުމާ، ވައްޓަފާޅި ހުރުމަކީ، ދެމަފިރިންގެ ދިރިއުޅުން ހަރުދަނާވާ ކަމެއް. ދަރިން ލިބުނީމަ ދަރިންގެ ކަންކަން ވެސް މަންމަ ކުރުމަކީ..."
"މަންމާ!" ވަރަށް ލޯތްބާ އެކުގައި ރާއިދު ބުންޏެވެ. "އަދި ނުވެއެއްނު ތި ހިސާބަށް ވިސްނާކަށް."
"ވިސްނާނެއްނު!" ފޮތިފޭލިތަކުގައި ފިރުމަމުން ނަޖްވާން ބުންޏެވެ. "ނުލާހިކު ބޭފުޅީ ގެއެއް. ކޮންމެ ކަމަކަށް ވެސް ބޮޑެތި ރޫލްސްތައް ހަދާފަކަން ނޭނގެ ހުންނަނީ. ހިނގަން ވަކި ގޮތެއް، ފިޔަވަޅުއަޅަން ވަކި ގޮތެއް. އަހަންނަށް ހީވަނީ ރާއިދު މަންމަގެ ނުފޫޒު ވަރަށް ގަދަހެއް."
ނަޖްވާންގެ ކައިވެނީ ހެދުން ފަހަން ރަނގަޅު ފޮއްޗެއް ފެނުނީ، ފެންނާނެކަމުގެ އުންމީދު ވަރަށް ކުޑަވެފައި ވަނިކޮށެވެ. ނަޖްވާން ބޭނުންވާ ޝަރުތުތައް ގިނަކަމުންނެވެ. ފޮތީގައި ހުންނަންޖެހޭ މާތަކުގެ ބޮޑުމިނާއި، ވައްތަރު ބަދަލުކުރާކަށް ނަޖްވާން ބޭނުމެއް ނޫނެވެ. ކައިވެނި ފަސްކޮށްފައި، ބޭރުން ފޮތި ގެންނަންޖެހުނަސްވެހެވެ. ފަހަން ނަޖްވާން ބޭނުންވާ ޑިޒައިންގައި ބޮޑީ ނިވައި ނުވާ ބަޔެވެ. އެ ކަމާ ނަޖްވާން ވަރަށް ކަންބޮޑުވެއެވެ. ރާއިދުގެ މައިންބަފައިން ހެދުމަށް ފާޑުކިޔާކަށް ނަޖްވާން ބޭނުމެއް ނޫނެވެ.
"ފޮތި ގަނެފަ، ފެހުމުގެ ކުރިން ރާއިދުގެ މަންމައަށް ވެސް ދައްކާލަންވީނު!" ދިފްލާ އެދުނެވެ. "އެންމެ ސޭފް ގޮތަކީ އެއީ. ޓައިމް ވެސް ސަލާމަތްވާނެ."
"އަހަރެން ވެސް ތިހެން ހިތަށްއެރިޔޭ!" ވިސްނައިލާފައި ނަޖްވާން ބުންޏެވެ. "އެކަމަކު، ދައްކާ ތަނާ މަންމަ ގޮތްކިޔަން ފަށައިފިއްޔާޔޯ؟ އަހަރެން ހިތަށްއަރާ ގޮތް ބުނަން؟ ހެދުން ހެޔޮވަރުކުރަން އަހަރެން ދާނަން ތި ގެއަށް. ދިފްލާ ހެދުން ހިފައިގެން ރާއިދުގެ ގެއަށް ނާންނާތި! ރާއިދު މަންމައަށް ޑްރެސް ފެންނާނީ ޕާޓީ ތެރެއިން."
"އަހަންނަށް އޯކޭ!" ދިފްލާ ދެކޮޅަށް އެއްޗެއް ނުބުނެއެވެ. "ނަޖޫގެ ވެޑިން. ނަޖޫގެ ހެދުން."
"އަހަރެން ބޭނުން ހެދުން ވަރަށް ޕާފެކްޓްވާން،" ނަޖްވާން ބުންޏެވެ. "ކިހާ މަސައްކަތަކުން ފޮތިކޮޅު މި ހޯދީ. ބަނޑުހައިވެގެން ވެސް މަރުވާ ވަރު ވެއްޖެ! ކިހާ އިރެއްތަ ގަޑިން؟"
ގަޑިން ދަންވަރު ބާރަޖަހައި ބޮޑުވެއްޖެއެވެ. ދިފްލާ އޮތީ އެނދުގައެވެ. ނަޖްވާނަށް ރީތިވެގެން ގަތް ފޮތިގަނޑުގައި ބޯއަޅާލައިގެންނެވެ. ލޮލުން ފޭދުނު ކަރުނަ، އެ ސިއްރު ރައްކާކުރަން ދިފްލާ ބޭނުންވި ގޮތަށް، ފޮތިގަނޑުގެ ތެރެޔަށް ވަދެ ނިވައިވިއެވެ.
-ނުނިމޭ-