30 އެޕްރީލް 2024 - 20:10

އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް، ބަރަހަނާ ފިލްމުކުޅޭ މީހަކާ ބޭއްވި ނަހަމަ ގުޅުމުގެ ވާހަކަ ސިއްރުކޮށްދިނުމަށް ޝަރުތުކޮށް ކެމްޕެއިން ފައިސާ އެކަމަށް ހަރަދުކުރި މައްސަލައިގައި ކުރާ ޝަރީއަތުގައި ކޯޓުން ކުރި އަމުރަކާ ހިލާފްވުމުން ޓްރަމްޕް ޖޫރިމަނާކޮށް ޖަލު ހުކުމެއްގެ އިންޒާރު މިއަދު ދީފި އެވެ.
ނިއު ޔޯކްގެ ފަނޑިޔާރެއް ކަމަށްވާ ހުއާން މާޗަން ޓްރަމްޕަށް 1،000 ޑޮލަރުގެ ޖޫރިމަނާގެ ހުކުމެއް އިއްވީ ކޯޓުގައި ހިނގަމުންދާ މައްސަލައާ ގުޅޭ ގޮތުން ބައެއް ވާހަކަ ކޯޓުން ބޭރުގައި ދެއްކުމާއި ހެކިންނަށް ނުފޫޒު ފޯރާ ގޮތަށް ވާހަކަ ދެއްކުން މަނާކޮށް ކޯޓުން ކޮށްފައިވާ އަމުރާ ހިލާފްވިކަން ސާބިތުވުންނެވެ.
އުމުރުން 77 އަހަރުގެ ޓްރަމްޕް ޖޫރިމަނާކުރުމަށް ފަހު ފަނޑިޔާރު ވަނީ ދެން ކޯޓުގެ އަމުރަކާ ހިލާފް ވެއްޖެ ނަމަ ޖަލު ހުކުމެއް އިއްވަން ޖެހިދާނެ ކަމުގެ އިންޒާރު ވެސް ދެއްވައިފަ އެވެ.
ފަނޑިޔާރު ވަނީ ކޯޓު އަމުރާ ހިލާފަށް ޓްރަމްޕް އޭނާގެ ސޯޝަލް މީޑިއާ ޕްލެޓްފޯމް "ޓްރޫތު" ގައި ކުރައްވާފައިވާ ހަތް ޕޯސްޓަކާއި ކެމްޕެއިން ވެބްސައިޓުގައިވާ ދެ ޕޯސްޓެއް ޑިލީޓްކުރުމަށް ވެސް އަންގަވައިފަ އެވެ.
"ކޯޓަށް ލިބިފައިވާ ގާނޫނީ ބާރުގެ ދަށުން ނެރޭ އަމުރުތަކާ ގަސްތުގައި ހިލާފްވާ ނަމަ އެކަމާ ގުޅޭ ގޮތުން އަޅަންޖެހޭ އެކަށީގެންވާ ފިޔަވަޅު އަޅާނެ، އެއީ ޖަލުގައި ބަންދުކުރުން ކަމުގައިވާ ނަމަ އެކަން ވެސް ކުރާނެ ކަމުގެ އިންޒާރު ދައުވާ ލިބޭ ފަރާތަށް ހަނދާންކޮށްދެން،" ހެކިބަސް ނެގުމުގެ އަޑުއެހުންތައް މެދުކަނޑާލާފައި އޮތުމަށް ފަހު އަލުން ފެށުމުގެ ކުރިން، ކޯޓުގެ ހުރުމަތުގެ މައްސަލައިގައި ހުކުމް އިއްވަވަމުން ފަނޑިޔާރު ވިދާޅުވި އެވެ.
ބަރަހަނާ ފިލްމު ކުޅޭ ސްޓޯމީ ޑެނިއަލްސްއާ އެކު ބޭއްވި ޖިންސީ ނަހަމަ ގުޅުމުގެ ވާހަކަ ޓްރަމްޕް ރިޔާސީ އިންތިހާބުގެ ކެމްޕެއިން ތެރޭގައި އޮއްބާލައި އެ ވާހަކަ ނުދެއްކުމަށް ޝަރުތުކޮށް ފައިސާ ދިނުމަށް ފަހު އެކަން ސިއްރުކުރުމަށް ވިޔަފާރީގެ ހިސާބުތައް އޮޅުވާލައި މަކަރު ހަދާފައިވާ ކަމަށް މިހާރު ކުރިއަށްދާ މައްސަލައިގެ ދައުވާގައިވެ އެވެ.
ނޮވެމްބަރު މަހު އޮންނަ ރިޔާސީ އިންތިހާބުގައި ރިޕަބްލިކަން ޕާޓީން މިިހާރުގެ ރައީސް ޖޯ ބައިޑެންއާ ވާދަކުރައްވާ ޓްރަމްޕް ވިޔަފާރީގެ ހިސާބުތައް އޮޅުވާލައި އޭނާގެ ކުރީގެ ވަކީލް މައިކަލް ކޯހެން އަށް 130،000 ޑޮލަރު ލިބޭނެ މަގު ފަހިކޮށް އެ ފައިސާ ޑެނިއަލްސް އަށް ދީފައިވާ ކަމަށް ދައުވާގައިވެ އެވެ. މި ފައިސާ އޭނާއަށް ދީފައިވަނީ ޓްރަމްޕް ހިލަރީ ކްލިންޓަނާ ވާދަކުރެއްވި 2016 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ވޯޓަށް ކުޑަ ދުވަސްކޮޅަކަށް ވެފައި ވަނިކޮށް ކަމަށް ވެސް ބުނެފައިވެ އެވެ. -- އޭއެފްޕީ