02 މެއި 2024 - 06:34

ބޮލީވުޑް އެކްޓަރު އަޔުޝްމަން ކުރާނާ އަށް މަޝްހޫރުކަން ލިބުމުން އޭނާގެ މިހާރުގެ އަނބިމީހާ ތާހިރާ ކަޝްޔަޕްއާ ދުވަސްކޮޅަކަށް ވަރަށް ބޮޑަށް ދުރުވި ކަމަށް އޭނާ ބުނެފި އެވެ.
މެޝަބުލް އިންޑިއާ އިން ކުރި އިންޓަވިއުއެއްގައި އަޔުޝްމަން ބުނީ އެހާ ހަގު އުމުރެއްގައި، މީހުންގެ ސަމާލުކަން މާ ބޮޑަށް ލިބުމުން މާ ބޮޑާވެވުނީ ކަމަށެވެ. އޭރު އޭނާ އެންމެ ލޯބިވި މީހާ އަދި މިހާރު އޭނާގެ އަނބިމީހާ ކަމަށްވާ ތާހިރާ ވެސް ދޫކޮށްލީ އޭނާ އަށް ލިބުނު ކުއްލި މަޝްހޫރު ކަމުގައި ކަމަށް އަޔުޝްމަން ބުންޏެވެ.
އިންޑިއާގެ ރިއަލިޓީ ޝޯ "ރޯޑީސް" އަކީ އަޔުޝްމަންގެ ދިރިއުޅުން ބަދަލު ކޮށްލި ޝޯ އެވެ. އޭރު އޭނާގެ އުފަން ސިޓީ ކަމަށްވާ އިންޑިއާގެ ޗަންދިގަރުގެ އެންމެ ކާމިޔާބު އަދި އެންމެ މަޝްހޫރު މީހަކީ ވެސް އޭނާ އެވެ.
"ވަރަށް ގިނަ އަންހެން ކުދިންގެ ފަރާތުން އޭރު ސަމާލުކަން ލިބެން ފެށި،" އަޔުޝްމަން ބުންޏެވެ.
ފުރާވަރުގައި މަޝްހޫރުކަން ލިބުމަކީ ބައެއް މީހުންނަށް ހޭންޑަލް ކުރަން ނޭނގިދާނެ ކަމެއް ކަމަށް ވެސް އޭނާ ބުންޏެވެ.
ނަމަވެސް އޭގެ ހަ ވަރަކަށް މަސް ފަހުން އަޔުޝްމަން ވަނީ އޭނާގެ ލޯބިވެރިޔާ ތާހިރާ ކަޝްޔަޕްއާ އަލުން ގުޅިފައ އެވެ.
އަޔުޝްމަން އާއި ތާހިރާ ކަޝްޔަފް ކައިވެނި ކުރީ 2008 ވަނަ އަހަރު އެވެ.