29 އެޕްރީލް 2024 - 17:21

ގަދަ ހޫނާ ހެދި ބަންގްލާދޭޝްގެ ސްކޫލްތައް ބަންދުކުރުމަށް ފަހު އަލުން ހުޅުވުމާ އެކު ސްކޫލްތައް ބަންދުކުރުމަށް އެ ގައުމުގެ ކޯޓަކުން މިއަދު އަމުރުކޮށްފި އެވެ.
މޫސުމަށް އަންނަމުންދާ ބަދަލުތަކާ ހެދި ހޫނު ގަދަވުމާއި ހޫނު ދުވަސްތައް ގިނަވުން އިތުރުވެފައިވާކަން ސައިންޓިފިކް ދިރާސާތަކުން ވަނީ ކަށަވަރުވެފަ އެވެ.
ޑެޕިއުޓީ އެޓާނީ ޖެނެރަލް ޝައިޚް ސައިފުއްޒަމާން އޭއެފްޕީ އަށް ވިދާޅުވީ ޕްރައިމަރީ، ސެކަންޑަރީ އަދި ހުރިހާ މަދަރުސާތަކެއް ބަންދުކުރުމަށް އަމުރު ނެރުއްވީ ހައި ކޯޓުގެ ދެ ފަނޑިޔާރުންގެ ބެންޗަކުން ކަމަށެވެ. އޭނާ ވިދާޅުވީ މި އަމުރު ނެރުއްވީ، ގަދަ ހޫނުގެ ސަބަބުން ބައެއް ޓީޗަރުން ވެސް މަރުވެފައިވާ ކަމަށް ވަކީލުން ވިދާޅުވެފައި ވަނިކޮށް ކަމަށެވެ. އިތުރު ތަފްސީލެއް ނުދެއްވަ އެވެ.
ބަންގްލާދޭޝްގެ ވެރިރަށް ޑާކާގައި މިދިޔަ ހަފްތާގައި ވަނީ މިދިޔަ 30 އަހަރާ އަޅާބަލާއިރު އެވްރެޖް ހޫނުމިން 4-5 ޑިގްރީ ސެލްސިއަސް އަށް މަތިވެފަ އެވެ.
ސަރުކާރުން މިދިޔަ ހަފްތާގައި ބުނެފައިވާ ގޮތުގައި މި މަހު ވަނީ ގަދަ ހޫނުގެ ސަބަބުން ހަތް މީހަކު މަރުވެފަ އެވެ. އަދި އަންނަ ބުރާސްފަތި ދުވަހާ ހަމަޔަށް ހޫނުމިން 40 ޑިގްރީ ސެލްސިއަށް ވުރެ މަތީގައި ހުންނާނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ.
ބަންގްލާދޭޝްގެ މީޓިއޮރޮލޮޖިސްޓެއް ކަމަށްވާ މުހައްމަދު އަބްދުލްކަލާމް މާލިކް އޭއެފްޕީ އަށް ވިދާޅުވީ ބަންގްލާދޭޝް އަށް މިހާ ހޫނު ދުވަސްވަރެއް ދުވަހަކު 1948 ވަނަ އަހަރު ހިސާބުތައް ބަލަހައްޓަން ފެށި ފަހުން ތަޖުރިބާކުރަން ޖެހިފައި ނުވާ ކަމަށެވެ. -- އޭއެފްޕީ