29 އެޕްރީލް 2024 - 14:27

ފަލަސްތީނުގެ ޣައްޒާގައި ދެމުން ގެންދާ ހަމަލާތައް ހުއްޓާލުމާއި ރަހީނުން މިނިވަންކުރުމާ ގުޅޭ ގޮތުން އިޒްރޭލުން އެންމެ ފަހުން ދިން ހުށަހެޅުމުގައި މާބޮޑު މައްސަލައެއް ނެތް ކަމަށް ހަމާސް ޖަމާއަތުން ބުނެފި އެވެ.
ހަމަލާތަކަށް ހަތް މަސް ވާން ކައިރިވެފައި ވަނިކޮށް ހަމާސް އިން މިހެން ބުނުމާ އެކު އެންމެ ފަހުން އިޒްރޭލާ އެކު އެއްބަސްވުމަަކަށް އާދެވިދާނެ ކަމުގެ އުންމީދު ބޮޑު ކަމަށް، ދިރާސާކުރާ ބައެއް މީހުން ބުނެފައިވެ އެވެ.
ހަމާސްގެ އޮފިޝަލަކު ވިދާޅުވީ އިޒްރޭލުގެ ހުށަހެޅުމާ ގުޅިގެން ހަމާސް އިން ހުށަހަޅާ ހުށަހެޅުން މިސްރުގައި މިއަދު އޮންނަ ބައްދަލުވުމުގައި ހަމާސް އިން ހުށަހަޅާނެ ކަމަށެވެ.
"އިޒްރޭލުން އިތުރު ހުރަހެއް ކުރިމަތި ނުކުރާ ނަމަ މިހާރު މާހައުލު ފެންނަނީ އުންމީދީކޮށް." ނަން ހާމަ ނުކުރުމަށް ޝަރުތުކޮށް ވާހަކަ ދެއްކެވި އޮފިޝަލް ވިދާޅުވި އެވެ.
"ހަމާސް އިން އިޒްރޭލުގެ ހުށަހެޅުން ދިރާސާކުރި އިރު މާބޮޑު މައްސަލައެއް ފާހަގައެއް ނުވޭ."
އިޒްރޭލުން ދެމުން ގެންދާ ހަމަލާތަކުގެ ސަބަބުން ޣައްޒާގެ ބިމާ ހަމަވެ އެތައް ހާސް ބައެއްގެ ފުރާނަ ގެއްލި އާންމުން ބަނޑަށް ޖެހިފައި ވާއިރު ހަމަލާތައް ހުއްޓާލުމަށް އިޒްރޭލުން އިސްނެގުމަށް ބައިނަލްއަގުވާމީ ޕްރެޝަރު ވަނީ ބޮޑުވެފަ އެވެ. އަދި ހަމާސް އިން އިޒްރޭލަށް ހަމަލާދީ ރަހީނުކުރި އިޒްރޭލު މީހުން މިނިވަންކުރުމަށް އިޒްރޭލުން އަވަހަށް އެއްބަސްވުމަކަށް ދިއުމަށް އިޒްރޭލުގެ އާންމުންގެ ފަރާތުން ވެސް ވަނީ ޕްރެޝަރު ބޮޑުވެފަ އެވެ.
މިސްރާއި ގަތަރާއި އެމެރިކާއިން މެދުވެރިންގެ ދައުރު އަދާކޮށް ނޮވެމްބަރު މަހު ހަފްތާއަކަށް ހަމަލާތައް މެދުކަނޑާލި އިރު ހަމާސް އިން ވަނީ ރަހީނުކުރި މީހުންގެ ތެރެއިން 80 މީހަކު މިނިވަންކޮށްފަ އެވެ. އަދި އިޒްރޭލުން ވަނީ ބަދަލުގައި އިޒްރޭލުގެ ޖަލުތަކުން ފަލަސްތީނުގެ 240 މީހަކު މިނިވަންކޮށްފަ އެވެ.
ހަމާސް އިން މިހާތަނަށް ވެސް ބުނަމުން އަންނަނީ ހަމަލާތައް ދާއިމީކޮށް ހުއްޓާލުމުގެ ހުށަހެޅުމަކަށް ނޫނީ އެއްބަސްނުވާނެ ކަމަށެވެ. އަދި ޣައްޒާއިން އިޒްރޭލުގެ ހުރިހާ ސިފައިން ފައިބައި، އެތަނަށް ފަލަސްތީނުގެ އާންމުން އެނބުރި ދިއުމުގެ ފުރުސަތު ދޭންޖެހޭނެ ކަމަށް ވެސް ހަމާސް އިން ބުނެ އެވެ. އެކަމަކު ދާއިމީކޮށް ހަމަލާތައް ހުއްޓާލުމަކީ އިޒްރޭލުން މިހާތަނަށް ވެސް ދެކޮޅު ހަދަމުން އައިސްފައިވާ ކަމެކެވެ. -- އޭއެފްޕީ