20 ފެބުރުއަރީ 2017 - 14:28

ސަރުކާރުގެ ބައެއް މިނިސްޓްރީތަކުގެ މަސައްކަތުގެ އޮނިގަނޑަށް ރައީސް އަބްދުﷲ ޔާމީން ގެންނެވި ބަދަލުތައް ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ އިން ފާސްކޮށްފި އެވެ.
މިނިސްޓްރީތަކުގެ މަސައްކަތުގެ އޮނިގަނޑަށް ގެނައި ބަދަލުތައް، ސަރުކާރުން ހުށަހެޅި ގޮތަށް މަޖިލީހުން ފާސްކުރީ، ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީން އެ ބަދަލުތައް ދިރާސާ ކުރުމަށް ފަހު ހުށަހެޅި ރިޕޯޓުގައިވާ ގޮތަށެވެ. މަޖިލީހުން މިއަދު ފާސްކުރީ ފޮރިން މިނިސްޓްރީ އާއި އެންވަޔަރްމެންޓް މިނިސްޓްރީ އާއި ފިނޭންސް މިނިސްޓްރީ އާއި ހެލްތު މިނިސްޓްރީ އަދި އޭޖީ އޮފީހުގެ މަސައްކަތުގެ އޮނިގަނޑަށް ރައީސް ޔާމީން އެންމެ ފަހުން ގެންނެވި ބަދަލުތަކެވެ.
ފޮރިން މިނިސްޓްރީގެ މަސައްކަތުގެ އޮނިގަނޑަށް ގެނައި ބަދަލުގެ ތެރޭގައި ހިމެނެނީ ކޮމަންވެލްތުން ރާއްޖެ ވަކިވުމާ ގުޅިގެން ދިވެހި ދައުލަތުގެ ބައެއް ޑިޕްލޮމެޓިކް މިޝަންތަކުގެ ނަމަށް ގެނައި ބަދަލުތަކެވެ. އަދި ފިނޭންސް މިނިސްޓްރީގެ މަސައްކަތުގެ އޮނިގަނޑަށް ގެނައި ބަދަލަކީ އަލަށް އުފެއްދި ޕޭކޮމިޝަންގެ ސެކްރެޓޭރިއޭޓް ބެލެހެއްޓުމުގެ މަސައްކަތް ފިނޭންސް މިނިސްޓްރީން ކުރާ ކަމެއްގެ ގޮތުގައި ހަމަޖެއްސުމެވެ.
އެންވަޔަރްމެންޓް މިނިސްޓްރީގެ މަސައްކަތުގެ އޮނިގަނޑަށް ގެނައި ބަދަލަކީ، ރަށްރަށަށް ސާފު ބޯފެން ފޯރުކޮށްދޭނެ ހަރުދަނާ ނިޒާމެއް ގާއިމުކޮށް ރަށްރަށަށް ބޯފެން ލިބުން ދަތިވާ ހާލަތްތަކުގައި، އެ ނިޒާމުގެ ދަށުން އެ ރަށްރަށަށް ސާފު ބޯފެން ފޯރުކޮށްދިނުމަކީ އެންވަޔަރްމެންޓް މިނިސްޓްރީން ކުރާ މަސައްކަތެއްގެ ގޮތުގައި ހަމަޖެއްސުމެވެ.