ކަސްޓަމްސްގެ ޑެޕިއުޓީ ކޮމިޝަނަރަކަށް އައްޔަންކުރެވޭނީ ޗީފް ސުޕްރިޓެންޑެންޓުން މަތީގެ ރޭންކަށް
ކަސްޓަމްސްގެ ޑެޕިއުޓީ ކޮމިޝަނަރަކަށް އައްޔަންކުރެވޭނީ ޗީފް ސުޕްރިޓެންޑެންޓުން މަތީގެ ރޭންކަށް

ކަސްޓަމްސްގެ ޑެޕިއުޓީ ކޮމިޝަނަރަކަށް އައްޔަންކުރެވޭނީ ޗީފް ސުޕްރިޓެންޑެންޓުން ފެށިގެން މަތީ ރޭންކުގެ އޮފިސަރުން ކަމަށް ކަނޑައަޅައި ކަސްޓަމްސް މުވައްޒަފުންގެ ގަވައިދު އިސްލާހުކޮށްފި އެވެ.

މީގެ 12 އަހަރުކުރިން އަމަލުކުރަން ފެށި ގަވައިދަށް ގެނައި ބަދަލުގައި ބުނީ ޑެޕިއުޓީ ކޮމިޝަނަރަކަށް އައްޔަންކުރާއިރު، އެ ބޭފުޅަކީ ކަސްޓަމްސްގެ ވަޒީފާގައި ޗީފް ސުޕްރިޓެންޑެންޓުން ފެށިގެން މަތީ ރޭންކެއްގައި މަސައްކަތްކުރައްވާ އޮފިސަރަކަށް ވާންޖެހޭނެ ކަމަށެވެ.

އެ ގަވައިދު ކުރިން އޮތްގޮތުން، ކަސްޓަމްސްގެ ޑެޕިއުޓީ ކޮމިޝަނަރަކީ އުމުރުން 30 އަހަރުވެފައިވާ އަދި މާސްޓާސް ޑިގްރީ ހާސިލްކޮށް، އެ އިދާރާގައި މަދުވެގެން ފަސް އަހަރު ހިދުމަތްކޮށްފައިވާ ބޭފުޅަކަށް ވާންޖެހެ އެވެ.

އެ ކަންކަމުގެ އިތުރުން ޑިޕްލޮމާ ހާސިލްކޮށް ކަސްޓަމްސްގައި މަދުވެގެން 15 އަހަރު ހިދުމަތްކުރުމާއި ޗީފް ކަސްޓަމްސް އޮފިސަރުން ފެށިގެން މަތީ މަގާމެއްގައި ތިން އަހަރަށް ވުރެ ގިނަ ދުވަހު ހިދުމަތްކޮށް، އެ އިދާރާގައި މަދުވެގެން 20 އަހަރު ހިދުމަތްކުރުމަކީ ވެސް ޝަރުތެއް ކަމަށް ބުންޏެވެ.

ކަސްޓަމްސްގައި މި ވަގުތު ހަތަރު ޑެޕިއުޓީ ކޮމިޝަނަރުން އެބަތިއްބެވެ.