މުޅި ރާއްޖެ ވައިޓް އެލާޓުގައި
މުޅި ރާއްޖެ ވައިޓް އެލާޓުގައި

މޫސުމާ ބެހޭ ގައުމީ އިދާރާއިން މުޅި ރާއްޖެއަށް ވައިޓް އެލާޓް މިއަދު ނެރެފި އެވެ.

ބޯކޮށް ވާރޭ ވެހޭނެ ކަމަށް ބެލެވޭ ހާލަތުގައި ނެރޭ ވައިޓް އެލާޓް އޮތީ މެންދުރު 12:00 އާ ހަމަޔަށެވެ. މެޓުން ލަފާކޮށްފައިވާ ގޮތުގައި، ބޯކޮށް ވާރޭވެހުމާ އެކު ގުގުރާނެ އެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވާނެ ކަމަށް ވެސް ލަފާކުރެ އެވެ.

ގަދަ ހޫނަށް ފަހު އިއްޔެ ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަކުރި އެވެ. މެޓުން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ފާއިތުވި 24 ގަޑިއިރު އެންމެ ބޯކޮށް ވާރޭވެހުނީ ބ. ގޮއިދޫއަށެވެ. އެ ރަށަށް 81 މިލިމީޓަރުގެ ވާރޭވެހުނެވެ. ށ. ފުނަދޫ އާއި އއ. ތޮއްޑޫ އާއި އެ އަތޮޅު ހިމަންދޫ އަދި އދ. މާމިގިލީގެ އިތުރުން ލ. ކައްދޫއަށް ވެސް 50 މިލިމީޓަރަށް ވުރެ ގިނައިން ވާރެވެހުނު ކަމަށް ރެކޯޑު ކުރެވިފައިވާ ކަމަށް މެޓުން ބުންޏެވެ.

އިއްުޔެ ކުރި ވިއްސާރައިގައި ބައެއް ރަށްރަށުގައި ފެން ބޮޑުވެ، ބައެއް ގޭގެއަށް ފެން ވަދެ ގެއްލުން ވެސް ވި އެވެ.