ހަމަލާތައް ހުއްޓާލުމަށް އިޒްރޭލުގެ އާ ހުށަހެޅުމެއް؛ ހަމާސް އިން ދިރާސާކުރަނީ
ހަމަލާތައް ހުއްޓާލުމަށް އިޒްރޭލުގެ އާ ހުށަހެޅުމެއް؛ ހަމާސް އިން ދިރާސާކުރަނީ

ފަލަސްތީނުގެ ޣައްޒާގައި އިޒްރޭލުން ދެމުން ގެންދާ ހަމަލާތައް ހުއްޓާލުމަށް އިޒްރޭލުގެ ފަރާތުން އާ ހުށަހެޅުމެއް ލިބިފައިވާ ކަމަށާއި އެހެންވެ އެ ދިރާސާކުރަމުން އަންނަ ކަމަށް ހަމާސް އިން މިއަދު ބުނެފި އެވެ.

ހަމާސް އިން މިހެން ބުނެފައި މި ވަނީ ހަމަލާތައް ހުއްޓުވޭތޯ ކުރަމުން އަންނަ މަޝްވަރާތައް ކޮޅެއްގައި ޖެއްސޭތޯ އަލުން މަސައްކަތް ފެށުމަށް މިސްރުގެ ވަފުދެއް އިޒްރޭލަށް ގޮސްފައިވާ ކަމަށް މީޑިއާގައި ރިޕޯޓްކޮށްފައި ވަނިކޮށެވެ.

ހަމަލާތަކަށް ހަ މަސް ވެެގެން ދިޔައިރު ވެސް މަޝްވަރާތަކުން ހައްލެއް ލިބިފައި ނުވާއިރު އަލުން ވާހަކަތައް ފަށަން މަސައްކަތް ފެށީ ޣައްޒާގައި އިޒްރޭލުން ނާރައި އޮތް ހަމައެކަނި ސިޓީ ކަމަށްވާ ރަފަހް އަށް އަރަން ތައްޔާރުވަމުން ދަނިކޮށެވެ. އަދި ޣައްޒާގެ ހަމަލާތައް ފުޅާވެ ސަރަހައްދުގެ އެހެން ބައެއް ގައުމުތަކުގައި ވެސް ހަމަލާތައް ދިނުން އިތުރުވެފައި ވަނިކޮށެވެ.

"ޒަޔަނިސްޓު އިސްތިއުމާރުގެ ފަރާތުން މިއަދު ވަނީ ހަމާސްގެ ސްޓޭންޑަށް ބިނާކޮށް އާ ހުށަހެޅުމެއް ލިބިފައި. މިއީ މި މަހުގެ 13 ގައި މިސްރާއި ގަތަރުގެ މެދުވެރިންނަށް ލިބިފައިވާ ހުށަހެޅުމެއް،" ހަމާސްގެ ސިޔާސީ ގޮފީގެ ނައިބު ޚަލީލް ހައްޔާ ނެރުއްވި ބަޔާނެއްގައިވެ އެވެ.

"ހަމާސް އިން މި ހުށަހެޅުން ދިރާސާކުރާނެ. އަދި ދިރާސާކޮށް ނިމުމުން ޖަވާބެއް ހުށަހަޅާނަން."

އިޒްރޭލުގެ ހުށަހެޅުމާ ބެހޭ ތަފްސީލެއް ހަމާސްގެ ބަޔާނުގައި ހާމަކޮށްފައެއް ނުވެ އެވެ.

ހަމާސް އިން މީގެ ކުރީގެ ކޮންމެ ހުށަހެޅުމަކަށް ވެސް ބުނެފައިވަނީ ދާއިމީކޮށް ހަމަލާތައް ހުއްޓާލުމުގެ އެއްބަސްވުމަކަށް ނޫނީ ރުހުން ދެވެން ނެތް ކަމަށެވެ. އެކަމަކު އިޒްރޭލުން އެގޮތަށް އެއްބަހެއް ނުވެ އެވެ.

އެމެރިކާ އާއި މިސްރާއި ގަތަރުގެ މަސައްކަތުން ނޮވެމްބަރު މަހު އެއް ހަފްތާއަށް ހަމަލާތައް މެދުކަނޑާލެވުނެވެ. އެފަހަރު ވީ އެއްބަސްވުމުގެ ދަށުން ހަމާސްއިން ވަނީ އެ މީހުން ރަހީނުކުރި 250 އަށް ވުރެ ގިނަ އިޒްރޭލު މީހުންގެ ތެރެއިން 80 މީހަކު ދޫކޮށްލައިފަ އެވެ. އަދި އިޒްރޭލުގެ ޖަލުތަކުން ފަލަސްތީނުގެ 240 މީހަކު ދޫކޮށްލި އެވެ. އޭގެ ފަހުން އަލުން ހަމަލާތައް ފަށައި އެތައް ހާސް ބައެއްގެ ފުރާނަ ގެއްލިގެން ދިޔައިރު ހަމަލާތައް ހުއްޓުމަކަށް ގެންނަން މިހާތަނަށް ކުރި މަސައްކަތުން އެއްވެސް ނަތީޖާއެއް ނުފެނެ އެވެ.

މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު ހަތް ވަނަ ދުވަހު ހަމާސް އިން އިޒްރޭލަށް ދިން ކުއްލި ހަމަލާތަކެއްގައި 1،140 މީހުން މަރާލައި ބަޔަކު ރަހީނުކުރުމުން ހަމާސް ނައްތާލަން ކަމަށް ބުނެ އިޒްރޭލުން ދޭން ފެށި ހަމަލާތަކުގައި ފަލަސްތީނުން މިހާތަނަށް 34،000 އަށް ވުރެ ގިނަ މީހުން ވަނީ ޝަހީދުވެފަ އެވެ. އޭގެ ތެރޭގައި ގިނައީ އަންހެނުންނާއި ކުޑަކުދިންނާއި އުމުރުން ދުވަސްވީ މިހުންނެވެ. -- އޭއެފްޕީ