25 އެޕްރީލް 2024 - 13:16

މެންޗެސްޓާ (އޭޕްރީލް 25) – މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗު އެރިކް ޓެން ހަގްގެ މުސާރަ، އަންނަ ސީޒަނުގައި ކުޑަ ކުރަން ޖެހިދާނެ ކަމަށް ބެލެވެން ފަށައިފި އެވެ.
ޔުނައިޓެޑްގެ އޮފިޝަލަކު އީއެސްޕީއެން އަށް ބުނީ، އަންނަ ސީޒަނުގައި ޔޫއެފާ ޗެމްޕިއަންސް ލީގުން ކްލަބަށް ޖާގަ ނުލިބިއްޖެނަމަ، ޓެން ހަގްގެ މުސާރައިން 25 ޕަސަންޓް ދަށް ކުރުމަށް ކްލަބުން ނިންމާފައިވާ ކަމަށެވެ.
ޔުނައިޓެޑް އޮތީ ޗެމްޕިއަންސް ލީގުގެ ޖާގައާ 16 ޕޮއިންޓް ދުރުގަ އެވެ. އެ ޓީމަށް ލީގުގައި އޮތީ ބާކީ ފަސް މެޗެވެ.
ޗެމްޕިއަންސް ލީގުން ޖާގަ ނުލިބިއްޖެނަމަ، ޔުނައިޓެޑަށް ލިބޭ އާމުދަނީ ދަށްވާނެ އެވެ. އާމުދަނީއާ ހަރަދު އެއްވަރެއްގައި ހިފެހެއްޓުމުގެ ގޮތުން ޓެން ހަގްގެ މުސާރަ ކުޑަކުރަން ޖެހޭނެ ކަމަށް އޮފިޝަލް ބުންޏެވެ.
މިހާރު، އޭނާ އަށް ޔުނައިޓެޑުން ދެނީ އަހަރަކު 11 މިލިއަން ޑޮލަރެވެ. މުސާރައިގެ 25 ޕަސަންޓް ދަށް ކުރުމުން އޭނާ އަށް ދޭނީ 8.7 މިލިއަން ޑޮލަރެވެ.
ދެވަނަ ޑިވިޝަންގެ ކްލަބް، ކޮންވެންޓްރީ ޕެނަލްޓީ ޖަހައިގެން ބަލިކޮށް އެފްއޭ ކަޕްގެ ފައިނަލަށް ދިޔަ ޔުނައިޓެޑްގެ ވެރިން ދަނީ ޓެން ހަގްގެ ހާލަތު ކައިރިން ބަލަމުންނެވެ. އޭނާގެ ބަދަލުގައި އެހެން ކޯޗަކު ވެސް އެ ކްލަބުން ގެނެސްދާނެ ކަމުގެ އަޑުތައް ވެސް ފެތުރެ އެވެ.