25 އެޕްރީލް 2024 - 12:35

މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެހި ބުލެޓްތަކެއް ދިރުވާލި މީހާ އަދިވެސް އޮތީ އައިސީޔޫގައި ކަމަށް އައިޖީއެމްއެޗުން ބުނެފި އެވެ.
އެ މީހާއަކީ ހަށިގަނޑުގެ ތެރޭގައި މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެހި ހުރި ބުލެޓްތަކެއް ފޮރުވައިގެން މަގުމަތީގައި އުޅެނިކޮށް މިދިޔަ ހޯމަ ދުވަހު ފުލުހުންނަށް ޝައްކުކުރެވިގެން ހުއްޓުވި މީހެކެވެ.
އެ މީހާގެ ހާލު ސީރިއަސްވެގެން އައިޖީއެމްއެޗުގެ އައިސީޔޫގައި ފަރުވާދެމުން އަންނައިރު އެ ހޮސްޕިޓަލުގެ މީޑިއާ އޮފިޝަލް، "މިހާރު" އަށް ވިދާޅުވީ އޭނާގެ ހާލު އަދިވެސް ސީރިއަސް ކަމަށެވެ. އަދިވެސް އޭނާއަށް ފަރުވާދެނީ އައިސީޔޫގައި ކަމަށް އޮފިޝަލް ވިދާޅުވި އެވެ.
އެ މީހާއާ ބެހޭ އިތުރު ތަފްސީލެއް ފުލުހުން ނުދެ އެވެ. އަދި އޭނާ ދިރުވާލާފައި ވަނީ ކިހާ އަދަދެއްގެ މަސްތުވާތަކެއްޗެއް ކަމެއް ސާފެއް ނުވެ އެވެ.
އެ ހާދިސާއާ ގުޅިގެން ފުލުހުން ވަނީ އެ މީހާގެ އާއިލާއަށް އެކަމުގެ މައުލޫމާތު ހިއްސާކޮށްފަ އެވެ. އަދި އެކަމުގައި ބަލަންޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށް ވެސް ފުލުހުން ބުންޏެވެ.