20 ފެބުރުއަރީ 2017 - 12:40

ލަންޑަން (ފެބްރުއަރީ 20) - އެމެރިކާގައި ކާބޯތަކެތި އުފައްދާ މަޝްހޫރު ކުންފުނި ކްރާފްޓް ހެއިންޒް އިން ހުށަހެޅި 143 ބިލިއަން ޑޮލަރުގެ އަގު ބޮޑު ޑީލަށް އިނގިރޭސި ވިލާތުގެ ޔުނިލެވާ ކުންފުނިން ދެކޮޅު ހަދައިފި އެވެ.
މި އެއްބަސްވުން ގާއިމްކުރި ނަމަ އެކަން ވެގެންދާނީ ދުނިޔޭގެ ވިޔަފާރީގެ ތާރީޚުގައި ދެ ވަނަ އަށް އެންމެ ބޮޑު އަގުގައި ދެ ކުންފުނި އެއްކޮއްލުމުގެ ޑީލަށެވެ. ދެ ކުންފުނި އެއްކޮއްލުމުގެ އެންމެ ބޮޑު ޑީލަކީ ވޮޑަފޯނުން ޖަރުމަނުގެ މަނެސްމަން ކުންފުނި 2000 ވަނަ އަހަރު ގަތުމެވެ. ވިޔަފާރީގެ އެ ޑީލުގެ އަގަކީ 183 ބިލިއަން ޑޮލަރެވެ.
ފިލެޑެލްފިއާ ޗީޒް މެކަރޯނީ، ކެޗަޕް އަދި ހެއިންޒް ބޭކަޑް ބީންސް ފަދަ ކާބޯތަކެތީގެ ބާވަތްތައް އުފައްދާ ކްރާންޓް ހެއިންޒް ކުންފުނީގައި އެމެރިކާގެ ބިލިއަނާ އިންވެސްޓާ ވޮރެން ބުފޭގެ ހިއްސާ އޮވެ އެވެ. ކްރާފްޓް ހެއިންޒް އުފައްދާފައި ވަނީ 2015 ވަނަ އަހަރު ކްރާފްޓާއި ހެއިންޒް ކުންފުނި އެއްކޮށްލައިގެންނެވެ. އެއީ މިހާރު އެމެރިކާގެ އެންމެ ބޮޑު ފުޑް ކޮމްޕެނީ އެވެ.
ބެން އެން ޖެރީސް އައިސްކްރީމް، ޑޯވް ސައިބޯނި އަދި ހެލްމަންސް މަޔޮނައިޒް، މެގަނަމް، މާމައިޓް، ޕޮޓް ނޫޑްލްސް، ވޯލްސް، ލިޓްޓަން ފަދަ ބާވަތްތައް އުފައްދާ 7،500 މުވައްޒަފުން ހިމެނޭ އނގިރޭސި ވިލާތުގެ ކުންފުނިން ބުނެފައި ވަނީ ކްރާފްޓުން ހުށަހެޅި އަގު ކުންފުނީގެ ހިއްސާ އަށް ވުރެ ދަށް ކަމަށެވެ. އެކަމަކު ކްރާފްޓުން ބުނެފައި ވަނީ އެ މީހުން ރަނގަޅު ހުށަހެޅުމެއް ހުށަހެޅި ކަމަށެވެ.