25 އެޕްރީލް 2024 - 06:39

މިދިޔަ ހަފްތާގައި ޔުނައިޓެޑް އަރަބި އެމިރޭޓްސް (ޔޫއޭއީ) އަށް ރެކޯޑް މިންވަރަކަށް ވާރޭ ވެހި ފެންބޮވުމުގެ ސަބަބުން އާންމުންގެެ ގެދޮރަށް ލިބުނު ގެއްލުންތައް މަރާމާތުކުރުމަށް 544 މިލިއަން ޑޮލަރު އެ ގައުމުގެ ސަރުކާރުން އިއްޔެ ކަނޑައަޅައިފި އެވެ.
"ގަދަ ވިއްސާރަޔާ ކުރިމަތިލުމުގައި އެތައް ފިލާވަޅެއް ދަސްވެއްޖެ،" ފެންބޮޑުވެ އާންމުންގެ މުދަލަށް ލިބުނު ގެއްލުމަށް ދެ ބިލިއަން ދިރުހަމް ކަނޑައެޅި ކެބިނެޓް ބައްދަލުވުމަށް ފަހު ބޮޑުވަޒީރު ޝެއިޚް މުހައްމަދު ބިން ރާޝިދު އަލް މަޚްތޫމް ވިދާޅުވި އެވެ.
މިކަން އިއުލާނުކުރީ އާންމު ގޮތެއްގައި ހޫނު އަދި ހަނަފަސް ގައުމެއް ކަމަށްވާ ޔޫއޭއީ އަށް ވިއްސާރަކޮށް މަގުތައް ކޯރުތަކަށް ބަދަލުވެ ދުބާއީ އެއާޕޯޓް ވެސް ހުއްޓުމަކަށް އައިސް ކުރިމަތިވި ދަތިކަމަށް ހަފްތާއެއް ފަހުންނެވެ.
ޔޫއޭއީގެ ހަތް މަޝްހަޔަތު ނުވަތަ ހަތް ދާއިރާގެ ތެރެއިން އެންމެ ބޮޑަށް ގެއްލުންވި ދުބާއީގެ ވެރިޔާގެ މަގާމު ވެސް އަދާކުރައްވާ ޝެއިޚް މުހައްމަދު ވިދާޅުވީ އެހީ ދިނުމުގެ މަސައްކަތް ވަޒީރުންގެ ކޮމިޓީއަކުން ބަލަމުން ގެންދާނެ ކަމަށެވެ.
މީގެ 75 އަހަރު ކުރިން ރެކޯޑްތައް ބަލަހައްޓަން ފެށި ފަހުން ޔޫއޭއީ އަށް އެންމެ ގިނައިން ވާރޭ ވެހުނު މި ފަހަރު މަދުވެގެން ހަތަރު މީހަކު މަރުވި ކަމުގެ ރިޕޯޓްތައް ލިބިފައިވެ އެވެ. އެކަމަކު ސަރުކާރުން ރަސްމީ ގޮތުން މިކަން ހާމަކޮށްފައެއް ނުވެ އެވެ.
ޔޫއޭއީ ހިމެނޭ ސަރަހައްދަށް އައި ކޮޅިގަނޑަކާ އެކު ޔޫއޭއީ އަށް ވެހުނު ވާރޭ އަކީ އެ ގައުމަށް އެވެރެޖްކޮށް ދެ އަހަރު ދުވަހުން ވެހޭހާ ވާރޭ އެވެ. އާބާދީގައި ބިދޭސީންގެ ނިސްބަތް 90 ޕަސެންޓަށް އަރާ ޔޫއޭއީގައި ފެން ބޮޑުވެ ހުއްޓުމަކަށް އައުމަށް ފަހު މިދިޔަ ހަފްތާގެ ބުދަ ދުވަހާ ހިސާބަށް ހާލަތު ވަނީ އާދައިގެ ގޮތަކަށް ބަދަލުވެފަ އެވެ. -- އޭއެފްޕީ