ވިލާ ކޮލެޖުގައި އާ ޕްރޮގްރާމުތަކެއް އިފުތިތާހުކޮށްފި
ވިލާ ކޮލެޖުގައި އާ ޕްރޮގްރާމުތަކެއް އިފުތިތާހުކޮށްފި

ވިލާ ކޮލެޖުގައި ކުރިއަށް އޮތް ދުވަސްތަކުގައި ހިންގާ އާ ޕްރޮގްރާމުތަކެއް އިއްޔެ ތައާރަފުކޮށްފި އެވެ.

ވިލާ ކޮލެޖުގައި އާ ޕްރޮގްރާމުތަކެއް އިފުތިތާހުކޮށްފި
ވިލާ ކޮލެޖުގައި އާ ޕްރޮގްރާމުތަކެއް އިފުތިތާހުކޮށްފި

އެ ކޮލެޖުން އަލަށް އިފުތިތާހުކުރީ ސެޓްފިކެޓް 3 އިން ކަލިނަރީއާޓްސް އާއި ބެޗްލާސް އޮފް ސިވިލް އިންޖިނިއަރިން (އޮނާސް) އާއި މާސްޓާ އޮފް އިންޖިނިއަރިން (އިލެކްޓްރޯނިކްސް) އާއި މާސްޓާ އޮފް އިންޖިނިއަރިން (އިލެކްޓްރިކަލް) އާއި މާސްޓާ އޮފް އިންޖިނިއަރިން (މެކޭނިކަލް) އާއި މާސްޓާ އޮފް އިންޖިނިއަރިން (މެކަޓްރޯނިކްސް) އާއި މާސްޓާ އޮފް އިންޖިނިއަރިން (ކޮމްޕިއުޓިން) އަދި މާސްޓާ އޮފް ކްލިނިކަލް ސައިކޮލެޖީ އެވެ.

ވިލާ ކޮލެޖުގައި އާ ޕްރޮގްރާމުތަކެއް އިފުތިތާހުކޮށްފި
ވިލާ ކޮލެޖުގައި އާ ޕްރޮގްރާމުތަކެއް އިފުތިތާހުކޮށްފި

އެ ކޮލެޖުގައި ބޭއްވި ރަސްމިއްޔާތެއްގައި އެ ޕްރޮގްރާމުތައް އިފުތިތާހު ކޮށްދެއްވީ ހައުސިން، ލޭންޑް އެންޑް އާބަން ޑިވަލޮޕްމަންޓު މިނިސްޓަރު ޑރ. އަލީ ހައިދަރު އެވެ.

އިއްޔެގެ ރަސްމިއްޔާތުގައި މިނިސްޓަރު ޑރ. ހައިދަރު ވިދާޅުވީ ވިލާ ކޮލެޖުން ތައާރަފްކުރި މި ކޯސްތަކަކީ ރާއްޖޭގައި އިންސާނީ ވަސީލަތަށް ބޭނުންވެފައިވާ ދާއިރާތަކުން ތައާރަފްކުރި ކޯސްތަކެއް ކަމަށެވެ. އަދި އިންސާނީ ވަސީލަތްތައް ތަރައްގީ ކުރުމަށް ވިލާ ކޮލެޖުން ކުރާ މަސައްކަތްތައް ފާހަގަކުރެއްވި އެވެ. އާ ކޯސްތަކުގެ މުހިންމު ކަމާއި ކޯސްތައް ތައާރަފްކުރި ދާއިރާތަކަށް ހުނަރުވެރި ދިވެހިން ބޭނުންވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ވިލާ ކޮލެޖުގެ ވައިސް ރެކްޓަރު ޑރ. އަލީ ނަޖީބު ވިދާޅުވީ، އާ ކޯސްތަކަކީ އެ ކޮލެޖުގައި މިހާރު ކިޔަވައި ދެމުން އަންނަ ޕްރޮގްރާމުތައް ވަށައިޖެހޭނެ ގޮތަށް ހިންގުމަށް އެންމެ ދަށް ލެވެލް އިން ފެށިގެން މަތީ ލެވެލްއާ ހަމައަށް ތައާރަފްކުރި ޕްރޮގްރާމުތަކެއް ކަމަށެވެ. އެއީ ފެންވަރު ރަނގަޅު، ބޭރުގެ ޔުނިވާސިޓީތަކުން ބަލައިގަންނާނެ ފެންވަރުގެ ކޯސްތަކެއްކަން ފާހަގަކުރެއްވި އެވެ.

އާ ކޯސްތަކުގެ ތެރޭގައި ހިމެނޭ ސެޓްފިކެޓް 3 އިން ކަލިނަރީ އާޓްސް އަކީ ހަ މަސް ދުވަހުގެ ކޯހެކެވެ. އެ ކޯހުގައި ތިއަރީ އާއި އަމަލީ ބައި ހިމެނޭ ގޮތަށް ކެއްކުމުގެ 11 ޓެކްނީކަކާއި ރައްކާތެރި ގޮތުގައި އެކި ވައްތަރުގެ ކާބޯތަކެތި ތައްޔާރު ކުރާނެ ގޮތްތައް ކިޔައި ދޭނެ އެވެ. އެކި ވައްތަރުގެ ކާބޯތަކެތި ތައްޔާރުކުރުމުގެ ބޭސިކް ބައިތައް ކިޔަވައި ދޭނެ އެވެ.

މާސްޓާސް އޮފް ކްލިނިކަލް ސައިކޮލަޖީ ކޯހަކީ ދެ އަހަރު ދުވަހުގެ ކޯހެކެވެ. އެ ކޯހުގައި ކައުންސިލިން ދިނުމާއި ސައިކޮލަޖިކަލް އެސެސްމަންޓުތައް ހެދުމާއި ބިހޭވިއަރަލް ރިސާޗު ހެދުމަށް ދަސްކޮށްދޭނެ އެވެ. ރާއްޖޭގެ މާހައުލާއި ގުޅޭ ގޮތަށް މި ކޯސް ފަރުމާ ކޮށްފައި ވަނީ މެލޭޝިއާގެ ސައިބަޖާޔާ ޔުނިވަސިޓީއާ ގުޅިގެންނެވެ. އެ ކޯހުގައި ކިޔަވައި ދެއްވާނީ ރާއްޖެ އާއި ރާއްޖެއިން ބޭރުގެ ޕްރޮފެސަރުންނާއި ދާއިރާއިން ޕީއެޗްޑީ ހޯދާފައިވާ ބޭފުޅުންނެވެ.

ބެޗްލާ އޮފް ސިވިލް އިންޖިނައިރިން (އޮނާސް) ޕްރޮގުރާމަކީ ހަތަރު އަހަރުގެ ޑިގްރީ ޕްރޮގުރާމެކެވެ. މި ޕްރޮގްރާމަކީ އިންޖިނިއަރިންއާ ގުޅޭ އެކި ދާއިރާތަކުން ކުރިއަށް ދިއުމަށް ބޭނުންވާ ގިނަ މޮޑިއުލްތަކެއް ހިމަނާ ފަރުމާކޮށްފައިވާ ކޯހެކެވެ.

އިންޖިނިއަރިންގެ މާސްޓާސް ކޯސްތަކަކީ އެ ކޯހެއް ހާއްސަ ކޮށްފައިވާ ދާއިރާއަކުން ކުރިއަށް ދިއުމަށް ބޭނުންވާ ތިއަރީ އަދި އަމަލީ ބައިތައް ހިމަނާފައިވާ ކޯހެކެވެ.

މާސްޓަ އޮފް އިންޖިނިއަރިންގެ ކޯސް ތަކަކީ ރާއްޖޭގައި ތައާރަފްކުރި އެންމެ ފުރަތަމަ އިންޖިނިއަރިންގެ މާސްޓާ ލެވެލްގެ ކޯސްތަކެވެ. މި ކޯސްތަކަކީ ކޮންމެ ކޯހެއްގެ ވެސް ދާއިރާގެ ޕްރޮފެޝަނަލް ބޮޑީތަކާއި އިންޑަސްޓްރީތައް ގަބޫލުކުރާ މިންގަނޑުތަކަށް ފެތޭ، ކުދިންގެ ވަޒީފާގެ މައިދާނަށް އެންމެ ފުރިހަމައަށް ތައްޔާރުކޮށްދެވޭނެ ގޮތަށް ފަރުމާ ކޮށްގެން ހިންގާ ކޯސްތަކެއް ކަމަށް ވިލާ ކޮލެޖުން ބުންޏެވެ. މި ކޯސްތަކުގައި އިންޖިނިއަރިންގެ އެކި ކޮންޕްލެކްސް މައްސަލަތަކަށް އާ ހައްލު ހޯދުމަށް އިންޖިނިއަރިން އަދި ޓެކްނޮލޮޖީ ކުރިއަރާފައިވާ ވަރު ދަސްކޮށްދޭނެ އެވެ. އެއީ އެއް އަހަރާއި 15 ހަފްތާގެ ކޯސްތަކެކެވެ.

ވިލާ ކޮލެޖުން އިއްޔެ ތައާރަފް ކުރި ކޯސްތަކުގައި ބައިވެރިވުމުގެ ފުރުސަތު ވަނީ އަންނަ މަހުގެ 4 ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލައިފަ އެވެ.