24 އެޕްރީލް 2024 - 15:07

ޒަމާނީ ވަސީލަތްތަކާ އެކު ފެންވަރު ރަނގަޅު ވެއާހައުސިން ކޮމްޕްލެކްސްއެއް ހުޅުމާލޭގައި އިމާރާތް ކުރުމުގެ އެއްބަސްވުމުގައި ސިންގަޕޫރުގެ ކުންފުންޏަކާ އެކު އެޗްޑީސީން މިއަދު ސޮއިކޮށްފި އެވެ.

އެޗްޑީސީއިން ބުނީ އެތަން އިމާރާތް ކުރަނީ އޮޓޮމޭޓެޑް ވެއާހައުސް މެނޭޖްމެންޓް ސިސްޓަމްގެ ވަސީލަތްތައް ހިމަނައިގެން ކަމަށެވެ.
ހުޅުމާލޭގައި އިމާރާތްކުރާ މި ވެއާހައުސް ކޮމްޕްލެކްސްގެ އެއްބަސްވުމުގައި އެޗްޑީސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދެވެ. އިމާރާތް ކުރާ ސިންގަޕޫރުގެ ކޮންޓްރެކްޓަރު ރޮޓައިމް އިންޖިނިއަރިން އެންޑް ޓެކްނޮލޮޖީ ކޯ ލިމިޓެޑުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު ޒޯ ވެއިޑޮންގް އެވެ.
މި އެއްބަސްވުމުގެ ދަށުން ވެއާހައުސިން ކޮމްޕްލެކްސް އިމާރާތްކުރުމުގެ މަސައްކަތް ދެ އަހަރު ދުވަހުގެ ތެރޭގައި ނިންމަން ޖެހޭނެ އެވެ.
މިއަދުގެ ރަސްމިއްޔާތުގައި އެޗްޑީސީގެ އެމްޑީ ފަޒުލް ވިދާޅުވީ އެ ވެހައުސް ކޮމްޕްލެކްސް އަކީ އިންޑަސްޓްރީ އަށް އަންނަ އިންގިލާބީ ބަދަލަކަށް ވާނެ ކަމަށެވެ. މި ހިދުމަތް ދޭން ފެށުމުން ވިޔަފާރިތަކަށް ގިނަ ކުރިއެރުންތައް ލިބޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
މި ކޮމްޕްލެކްސް އިމާރާތްކުރުމަށް ހަމަޖެހިފައިވަނީ އެކި ބާވަތުގެ މުދާ ރައްކާކުރުމަށް ތަފާތު ޔުނިޓްތައް ހިމަނައިގެންނެވެ. ކޯލްޑް ސްޓޯރޭޖް އާއި އިންޑަސްޓްރިއަލް ވެއާހައުސިން ޔުނިޓް އަދި ކާނާގެ ބާވަތްތަކާއި ކޮންޒިއުމަބްލް ރައްކާކުރެވޭ ޔުނިޓްތައް ހިމެނެ އެވެ. އޮފީސް ޖާގައާއި ޝޯރޫމް ހިމެނޭ އިމާރާތެއް މި ކޮމްޕްލެކެސް ގައި ހުންނާނެ އެވެ.
އެކި ބާވަތުގެ މުދާ ރައްކާކުރެވޭ ގޮތަށް ހަދާ މި ކޮމްޕްލެކްސް އަކީ ވިޔަފާރިތަކަށް މުދާ ރައްކާކުރުމަށް ލުއި ފަސޭހަ ވަސީލަތަކަށް ވާނެ ކަމަށް އެޗްޑީސީ އިން ބުންޏެވެ. ވަކިން ހާއްސަކޮށް ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް މުދާ ރައްކާ ކުރާނެ އިތުރު ޖާގަ ތަނަވަސްވެ، ވިޔަފާރި ފުޅާކުރެވޭނެ ފުރުސަތު ތަނަވަސް ވާނެ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.