24 އެޕްރީލް 2024 - 11:25

ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރުންނަށް ދައުލަތުން ދެމުންދާ އެލެވެންސް އުވާލުމަށް ގޮވާލާ އަޑު ސޯޝަލް މީޑިއާގައި ގަދަވެއްޖެ އެވެ.
މަޖިލީހުގެ މެންބަރު ކަން އެންމެ މަދުވެގެން އެއް ދައުރު ފުރިހަމަ ކުރާ މެންބަރުންނަށް ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒުތަކާއި ބާރުތަކުގެ ގާނޫނުގައި ހިދުމަތުގެ އިނާޔަތް ކަނޑައަޅާފައިވެ އެވެ.
އެ ގާނޫނުގައިވާ ގޮތުން:
- ރައްޔިތުންގެ މަޖިލީހުގެ އެއް ދައުރު މެންބަރުކަން ކޮށްފައިވާ މީހަކަށް، މާލީ އިނާޔަތެއްގެ ގޮތުގައި މެންބަރުކަމުގެ މަގާމުގައި ހުންނަ މީހަކަށް އޮންނަ މުސާރައެއްގެ 30 ޕަސެންޓް ދައުލަތުން ދޭންވާނެ އެވެ.
- ރައްޔިތުންގެ މަޖިލީހުގެ ދެ ދައުރު މެންބަރުކަން ކޮށްފައިވާ މީހަކަށް، މާލީ އިނާޔަތެއްގެ ގޮތުގައި މެންބަރުކަމުގެ މަގާމުގައި ހުންނަ މީހަކަށް އޮންނަ މުސާރައެއްގެ 45 ޕަސެންޓް ދައުލަތުން ދޭންވާނެ އެވެ.
ގާނޫނުގައިވާ ގޮތުން މި އިނާޔަތް ލިބޭނީ ރައްޔިތުންގެ މަޖިލީހުން ވަކިވުމަށް ފަހު އަދި އެ މެންބަރެއްގެ އުމުރުން 55 އަހަރު ފުރުމަށް ފަހުގަ އެވެ. ދައުލަތުގެ އެއްވެސް ވަޒީފާއެއް އަދާކުރާ ނަމަ، އެ ވަޒީފާއެއް އަދާކުރަމުންދާ މުއްދަތުގައި މި އިނާޔަތެއް ނުލިބޭނެ އެވެ.
މި އިނާޔަތް ލިބޭ ނަމަ، ދައުލަތުގެ އިތުރު ޕެންޝަނެއް ނުވަތަ މާލީ އިނާޔަތެއް ދައުލަތުން ނުލިބޭނެ އެވެ. ނަމަވެސް ކުރީގެ މެންބަރުންނަށް މަޖިލީހުގެ މެންބަރުންނަށް އޮންނަފަދަ ހެލްތު އިންޝުއަރެންސް ސްކީމެއްގެ ދަށުން ބޭސްފަރުވާ ލިބެ އެވެ.
ކުރިއަށް އޮތް 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު މިދިޔަ އާދިއްތަ ދުވަހު އިންތިހާބުކޮށްފައިވާއިރު، ގިނަ މެންބަރުންނަކީ މުޅިން އާ މެންބަރުންނެވެ. ނިމިގެންމިދާ 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ 87 މެންބަރުންގެ ތެރެއިން ދެ ވަނަ ދައުރެއް ހޯދާފައިވަނީ އެންމެ 11 މެންބަރުންނެވެ.
އެހެންކަމުން މި ނިމޭ މަޖިލީހުން ވެސް 76 މެންބަރަކަށް އެލަވެންސް ދޭން ޖެހޭނެ އެވެ. އޭގެ ތެރޭގައި އެއް ދައުރު ފުރިހަމަކުރި ގިނަ މެންބަރުންނާއި ދެ ދައުރު ނުވަތަ ތިން ދައުރު ފުރިހަމަކުރި މެންބަރުން ހިމެނެ އެވެ. ގާނޫނުގައި ބުނާ ގޮތަށް އެލަވެންސް ދޭ ނަމަ، އެއް ދައުރު ފުރިހަމަ ކުރާ މެންބަރަކަށް 18،000ރ. އަދި ދެ ދައުރަށް ވުރެ އިތުރަށް އަދާކުރާ މެންބަރަކަށް މަދުވެގެން 27،000ރ. ލިބޭނެ އެވެ.
މިކަމާ ދެކޮޅަށް ސޯޝަލް މީޑިއާގައި ވާހަކަ ދައްކާ މީހުން ބުނާ ގޮތުގައި މިއީ ދައުލަތަށް އުފެލޭ މިންވަރަށް ވުރެ ބޮޑު މާލީ ބުރައެކެވެ. ކޮންމެ މަޖިލީހަކަށް ވެސް އާ މެންބަރުން ހޮވުމުގެ ޓްރެންޑެއް އޮތްއިރު، ކުރީގެ މެންބަރުންގެ އަދަދު އިންތިހާއަށް އިތުރުވަމުންދެ އެވެ. މަޖިލީހުގެ މެންބަރުންގެ އަދަދު ވެސް އެއް ދައުރުން އަނެއް ދައުރަށް ދަނީ އިތުރުވަމުންނެވެ.
ނިމިގެންދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަކުރެއްވި ދިއްގަރު ދާއިރާގެ ކުރީގެ މެންބަރު އަހުމަދު ފާރިސް މައުމޫން ވިދާޅުވީ ކުރީގެ މެންބަރުންގެ އެލަވެންސް އުވާލަންޖެހޭ ސަބަބުތައް އެބަހުރި ކަމަށާއި އެއް ކަމަކީ އެކަމުގެ ސަބަބުން ދައުލަތު މާލިއްޔާއަށް އޮންނަ ބުރަ އާއި އޭގެ ސަބަބުން އާންމު ރައްޔިތުންގެ އާމްދަނީއާ މެންބަރުންގެ އިނާޔަތާ ދެމެދު އޮންނަ ފަރަގު ކަމަށެވެ.
އަދި އެ އެލަވެންސްގެ ސަބަބުން އެ ހޯދުމުގެ ބޭނުމުގައި އެކި ނާޖައިޒު ގޮތްތަކުން މަޖިލީހަށް އިންތިހާބުވާން މަސައްކަތް ކުރާ މީހުން ވެސް އިތުރުވެފައިވާ ކަމަށް ފާރިސް ވިދާޅުވި އެވެ.
"...90 ޕަސެންޓް މަޖުލިސް އާ ވެގެން ދިއުން މިއީ ހިތްހަމަޖެހޭ ކަމެކެވެ. އެތަކެއް ޒަމާނެއް ވަންދެން އެ ގޮނޑީގައި ބައްދައިގެން ތިބި އެތަކެއް ބަޔަކު ބޭރުވެއްޖެއެވެ. ނަމަވެސް ހިތާމައަކީ އެ ގޮނޑި ގެެއްލުނު ބަޔަކަށް ވެސް ތާ އަބަދަށް އިނާޔަތްތައް ލިބުމެވެ. ބޭސްފަރުވާ ވެސް އެ ބަޔަކު ތަމުސީލުކުރި ދާއިރާއަކަށް ނުލިބޭ ފެންވަރުގައި ލިބޭނެކަން އެނގުމެވެ. ވަޒީފާއަކަށް ނުގޮސް ރައްޔިތު މީހާހެން ލޯނުއެއްގައި ނުޖެހި އަމިއްލަ ވިޔަފާރިތަށް ފުޅާކޮށްލާ ދައުލަތުން މަހުން މަހަށް އެދޭ ފައިސާކޮޅުން ހަމަ ޖެހިލައިގެން އުޅެލާނެތީއެވެ،" ސޯޝަލް މީޑިއާގައި މީހަކު ލިޔެފައިވެ އެވެ.
އެހެން މީހަކު ބުނި ގޮތުގައި ކުރީގެ މެންބަރުންނަށް އެލަވެންސްއެއް ދޭ ނަމަވެސް، އެ އެލަވަންސްއަކީ ޓީޗަރުންނާއި ޑޮކްޓަރުންނާއި އެހެން ވެސް ސަރުކާރުގެ ވަޒީފާތައް އަދާކުރާ މީހުންނަށް ދޭ އެލަވެންސްއަށް ވުރެ ބޮޑު އެލަވެންސްއަކަށް ވެގެން ނުވާނެ އެވެ.
ނަމަވެސް، މި އެލަވެންސް އުވާލުމާ ގުޅޭ ގޮތުން އެއްވެސް ސިޔާސީ ޕާޓީއަކުން ވެސް އަދި މަޖިލިސް މެންބަރުން ވެސް ވަކާލާތު ކުރަމުން ނުދާތީ، ސޯޝަލް މީޑިއާގައި މީހުން ގެންދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އަދި އެކަމާ ދެކޮޅަށް ކެމްޕެއިން ކުރިއަށް ގެންދާނެ ކަމަށް ވެސް ދަނީ ބުނަމުންނެވެ.