އެފްއޭއެމް ނޯމަލައިޒޭޝަނަކަށް ގެންގޮސްދޭން ކްލަބްތަކުން ފީފާގެ ވަފުދަށް ހުށަހަޅައިފި
އެފްއޭއެމް ނޯމަލައިޒޭޝަނަކަށް ގެންގޮސްދޭން ކްލަބްތަކުން ފީފާގެ ވަފުދަށް ހުށަހަޅައިފި

އެފްއޭއެމްގެ ހުރި މައްސަލަތައް ހައްލުކޮށް އިންތިހާބަކަށް ގެންދިއުމުގެ ގޮތުން އެ އެސޯސިއޭޝަންގެ ހިންގުން ނޯމަލައިޒޭޝަން ކޮމިޓީއަކަށް ގެންދިއުމަށް، ކްލަބްތަކުން ފީފާގެ ވަފުދުގެ ކިބައިން އެދިއްޖެ އެވެ.

އެފްއޭއެމް ނޯމަލައިޒޭޝަނަކަށް ގެންގޮސްދޭން ކްލަބްތަކުން ފީފާގެ ވަފުދަށް ހުށަހަޅައިފި
އެފްއޭއެމް ނޯމަލައިޒޭޝަނަކަށް ގެންގޮސްދޭން ކްލަބްތަކުން ފީފާގެ ވަފުދަށް ހުށަހަޅައިފި

އެފްއޭއެމްގެ ހުރި މައްސަލަތަކާއި ރާއްޖޭގެ ފުޓްބޯޅައިގެ ހާލަތު ދެނެގަތުމަށް ފީފާ އިން ފޮނުވި ވަފުދުން ވަނީ، އެފްއޭއެމާއި ކްލަބްތަކާއި ސްޕޯޓްސް ކޮމިޝަނަރު އަދި އޮލިމްޕިކް ކޮމިޓީއާ ބައްދަލުކޮށްފަ އެވެ.

އެ ބައްދަލުވުންތަކުގެ ތެރެއިން އެންމެ ފާހަގަ ކުރެވޭ ބައްދަލުވުމަކީ، އެފްއޭއެމްގެ އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްއިން ބޭރު ކުރި ކްލަބްތަކާ އެކު އެ ވަފުދުން ކުރިއަށް ގެންދިޔަ ބައްދަލުވުމެވެ.

"އެ ބައްދަލުވުމުގައި [އެފްއޭ] ގެ މެންބަރު ކްލަބްތަކުން ހިޔާލު ހުށަހެޅީ އަދި އެދުނީ ވެސް މިހާރު މިއޮތް ހާލަތުން އަރައިގަންނަން ނޯމަލައިޒޭޝަން ކޮމިޓީއަކަށް ގެންދިއުމޭ އެންމެ ރަނގަޅު ގޮތަކަށް ވާނީ،" ބައްދަލުވުންތަކުގެ މައުލޫމާތު އެނގޭ އޮފިޝަލަކު ވިދާޅުވި އެވެ.

ފީފާގެ އިތުރުން އޭއެފްސީގެ މަންދޫބުން ވެސް ހިމެނޭ ވަފުދުން، އިއްޔެ ވަނީ ސްޕޯޓްސް ކޮމިޝަނަރާއި ސްޕޯޓްސް މިނިސްޓްރީގެ އޮފިޝަލުނާ ބައްދަލުކޮށްފަ އެވެ. އަދި އޮލިމްޕިކް ކޮމިޓީއާ ވެސް އިއްޔެ ބައްދަލު ކުރި އެވެ. ކޮންގްރެސްގައި ބައިވެރި ނުކުރި ކްލަބްތަކާއި އެފްއޭއެމާ އެކު ބައްދަލުވުންތައް ބޭއްވީ މިދިޔަ ހޯމަ ދުވަހު އެވެ.

"އިދާރާތަކުން ވެސް އިއުތިރާޒެއް ނުކުރޭ ކްލަބްތައް އެގޮތަށް ބޭނުންވާނަމަ ނޯމަލައިޒޭޝަނަކަށް ގެންދިއުމާ މެދުއެއް،" އޮފިޝަލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، އެފްއޭއެމްގައި ގިނަ މައްސަލަތަކެއް ފުނިޖެހިފައިވުމުން އަދި ކްލަބްތަކުގެ ގިނަ ޝަކުވާތަކެއް އެ އެސޯސިއޭޝަނާ މެދު ހުރުމުން، ނޯމަލައިޒޭޝަން ކޮމިޓީއަކަށް ގެންދިއުން އެއީ އެންމެ ރަނގަޅު ގޮތް ތޯ ކްލަބްތަކުގެ ކައިރިން ފީފާގެ ވަފުދުގެ ބޭފުޅުން އެއްސެވި ކަމަށެވެ. އެކަމާ މެދު އެ ބައްދަލުވުމުގައި ބައިވެރިވި އެއްވެސް ކްލަބަކުން ތަފާތުކޮށް ނުދޭ ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.

"ނޯމަލައިޒޭޝަން ކޮމިޓީއަކަށް ގެންދިއުން އެއީ އެންމެ ރަނގަޅު ގޮތްތޯ ފީފާގެ ވަފުދުން ސުވާލު ކުރި. ހުރިހާ ކްލަބަކުން އެކަމަށް ބުނީ އެއީ އެންމެ ރަނގަޅު ގޮތް ކަމަށް،" އޮފިޝަލް ވިދާޅުވި އެވެ.

"ފީފާގެ ޑެލިގޭޓްގެ ބޭފުޅުން ވިދާޅުވި ތިމަންނަމެންނެން ނޫނޭ ގޮތް ނިންމާނީ، ތިމަންނަމެން މި ބައްދަލުވުންތަކަށް ފަހު ތައްޔާރު ކުރާ ރިޕޯޓް ފީފާ އަށް ހުށަހެޅުމުން، ސީދާ ފީފާއިން ނޭ އޭގައި ގޮތް ނިންމާނީ. އަދި ފީފާ އަށް އިތުބާރު ކުރުމަށް ވެސް ކްލަބްތަކުގެ ކިބައިން އެދުނު."

ޑިސެމްބަރު 2014 ގައި ވެސް އެފްއޭއެމް ނޯމަލައިޒޭޝަން ކޮމިޓީ އަކަށް ގެންދިޔަ އެވެ. އެ ކޮމިޓީ މއި 2016 ގެ ނިޔަލަށް އެފްއޭއެމްގައި އޮތެވެ. އެފްއޭއެމްގެ މިހާރުގެ ރައީސް ބައްސާމް އަދީލް ޖަލީލަކީ ނޯމަލައިޒޭޝަން ކޮމިޓީން އައްޔަން ކުރި އޭރުގެ ޖެނަރަލް ސެކްރެޓަރީ އެވެ. އޭގެ ކުރިން 2008 ގައި އެފްއޭއެމް ފުރަތަމަ ފަހަރަށް އިންތިހާބު ކުރުމުގެ ކުރިން ވެސް ގަވާއިދު އެކުލަވާލައި އިންތިހާބު ކުރިއަށް ގެންދިއުމަށް ވެސް ކޮމިޓީއަކާ ފީފާއިން ހަވާލު ކުރި އެވެ.