ކުރީގެ ގައުމީ ކެޕްޓަން ޝާހަށް ހާޓްއެޓޭކެއް ޖެހިގެން ފަރުވާދެނީ
ކުރީގެ ގައުމީ ކެޕްޓަން ޝާހަށް ހާޓްއެޓޭކެއް ޖެހިގެން ފަރުވާދެނީ

ގައުމީ ފުޓްބޯޅަ ޓީމުގެ ކުރީގެ ކެޕްޓަން ޝާހު އިސްމާއިލް (ސާޔާ) އަށް މައިނާ ހާޓް އެޓޭކެއް ޖެހިގެން އައިޖީއެމްއެޗްގައި ފަރުވާ ދޭން ފަށައިފި އެވެ.

ފިޝަރީޒް މިނިސްޓްރީގެ ނައިބުގެ މަގާމުގައި ހުންނެވި ޝާހަށް ހާޓް އެޓޭކެއް ޖެހިގެން އައިޖީއެމްއެޗަށް ގެންދިޔައީ ރޭގެ ވަގުތެެއްގަ އެވެ. ކުޅިވަރުގެ ކަންކަމުގައި އެކި ގޮތްގޮތުން މިހާރު ވެސް އުޅުއްވަމުން އަންނަ ޝާހަކީ ފާއިތުވި އަހަރުތަކުގައި ވެޓެރަންސް ފުޓްބޯޅަ މުބާރާތުގައި ގަވައިދުން ކުޅޭ ކުޅުންތެރިޔެކެވެ.

ޝާހުގެ ގާތް ރައްޓެއްސަކު "މިހާރަ"ށް ބުނީ ޝާހްގެ ހާލު މިހާރު އަންނަނީ ރަނގަޅުވަމުން ކަމަށެވެ.

"މިހާރު ޓްރީޓްމަންޓެއް ދީގެން ކުރިއަށް ވުރެން ރަނގަޅު،" އޭނާ ބުންޏެވެ.

ގައުމީ ޓީމުގެ ކުރީގެ މަޝްހޫރު ފުޓުބޯޅަ ކުޅުންތެރިޔާ ވަނީ އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީގެ މަގާމު ވެސް އަދާ ކުރައްވައިފަ އެވެ. އަދި އޭނާ ވަނީ އޭއެފްސީގެ މެޗުތަކުގައި މެޗު ކޮމިޝަނަރުކަން ވެސް ކޮށްފަ އެވެ. އޭނާ ވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހާ ހަމައަށް ކުޅިވަރާ ބެހޭ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުގެ މަގާމުގައި ހުންނެވިއިރު، އެކި ގޮތްގޮތުން ކުޅިވަރަށް އެހީތެރިކަން ފޯރުކޮށްދީފަ އެވެ.