21 ފެބުރުއަރީ 2017 - 06:16

"ވިންޑް ޓާބައިން" އަކީ ވައިން ކަރަންޓް އުފައްދާ ބުރަފައްޗެކެވެ. އެއާ ބެހޭ ގޮތުން އެއްޗެއް އެނގިފައި ނެތް މީހުންނަށް ވިންޑް ޓާބައިން އަކީ ބިޔަ ބުރަފައްޗެކެވެ. ވިންޑް ޓާބައިންގެ ތެރޭގައި ބޮޑު މޯޓަރެއް ވެސް އިނދެ އެވެ. ކަރަންޓް އުފައްދަނީ ބޮޑު މޯޓަރަކުން ކަމަށް ބަލާށެވެ. ބުރަފަތި ފިޔަތަކުގެ ބޭނުމަކީ މޯޓަރު އެނބުރުވުމެވެ. އެކަމަކު ވައިން ކަރަންޓް އުފައްދާ ކޮންމެ ޓާބައިނެއްގައި އެހާ ބިޔަ ފިޔަތަކެއް ހުންނާކަށް ނުޖެހެ އެވެ. ބުރަފައްޗެއް ހުންނާކަށް ވެސް ނުޖެހެ އެވެ.

މިއީ "ވޯޓެކްސް ބްލޭޑްލެސް ޖެނެރޭޓާ" އެވެ. އެ މީހުން ބުނަނީ މިއީ ވެސް ވިންޑް ޓާބައިނެއް ކަމަށެވެ. އެކަމަކު އަހަރެމެން ދަންނަ ވިންޑް ޓާބައިންތަކުގައި ހުންނަ ކަހަލަ ބުރަފައްޗެއް ނުހުރެ އެވެ. ވައިން ކަރަންޓް އުފެއްދުމަށްޓަކައި އެނބުރޭ އެކައްޗެއް ވެސް ނުހުރެ އެވެ.
"ވޯޓެކްސް ބްލޭޑްލެސް ޖެނެރޭޓާ" އިން ކަރަންޓް އުފައްދަނީ ދެކޮޅަށް ހޫރިގެންނެވެ. އެ ގޮތުގައި ހޫރުމަށް ވައި ބޭނުންވެ އެވެ. އެކަމަކު ޒަމާނުއް ސުރެ ބޭނުންކުރެވޭ ވިންޑް ޓާބައިންތަކަށް ބޭނުންވާ ވަރުގެ ބޮޑު ޖާގައެއް ބޭނުމެއް ނުވެ އެވެ.
ވޯޓެކްސް ބްލޭޑްލެސް ޖެނެރޭޓާ މަސައްކަތްކުރާ ގޮތް ކިޔައިދިނުމަށްޓަކައި ނަގައިދޭން ޖެހެނީ "އެއޮރޯޑައިނަމިކް" ފިލާވަޅެކެވެ. އިހަށް މި ލިޔުން ކިޔާލާށެވެ. އެއާކްރާފްޓް އިންޖިނޭރަކު އަތުޖެހޭތޯ އެބަ ބަލަމެވެ.
އޮފީސް އިމާރާތެއްގައި ކޮޅަށް ޖަހާފައި ހުރި ދިދަ ދަނޑިއެއް ދުށިން ހެއްޔެވެ؟ ވަޔާ ދެކޮޅަށް ހޫރޭތީ ފެންނާނެ އެވެ. ވޯޓެކް މަސައްކަތްކުރަނީ ދެކޮޅަށް ހޫރޭ ދިދަ ދަނޑިއެއް ފަދައިންނެވެ. އެއިން ކަރަންޓް އުފެއްދުމަށްޓަކައި ދަނޑީގެ ވަކި ހިސާބެއްގައި ޚާއްސަ ބައިތަކެއް "އޯލްޓަނޭޓާ" ހަރުކުރެވެ އެވެ.
ދަގަތްފާނުގަނޑެއް ކައިރީގައި ލޯނަރުގަނޑެއް ދެކޮޅަށް ހޫރުމުން، އެ ނަރުގަނޑުގެ ކޮޅުގައި އިންނަ ބޮކި ދިއްލޭކަން، ފިޒިކްސް ކިޔަވާ ކުދިންނަށް އެނގޭނެ އެވެ. ނަރު ގިނަވެފައި ދަގަތްފާނު ބާރުގަދަ ނަމަ އަލިގަދަ އެވެ. ވައިން ކަރަންޓް އުފެއްދުމަށްޓަކައި ވޯޓެކްސް ބްލޭޑްލެސް ޖެނެރޭޓާ އުފައްދާފައި ވަނީ މި ގަވައިދަށް ފެތޭ ގޮތަށެވެ.
ޒަމާނުއްސުރެ ބޭނުންކުރެވެމުން އަންނަ ވިންޑް ޓާބައިން އަށް ވުރެ ވޯޓެކްސްއިން އުފެއްދޭ ކަރަންޓްގެ މިންވަރު ދަށެވެ، އެކަމަކު ވެސް ވޯޓެކްސްގައި އުންމީދީ ސިފަތަކެއް އެބަ ހުއްޓެވެ. ބުރަފަތި ވިންޑް ޓާބައިންތަކަށް ބޭނުންވާ ވަރުގެ ޖާގައެއް ބޭނުމެއް ނުވެ އެވެ. އުފައްދަން ހިނގާ ޚަރަދު ވަރަށް ކުޑަ އެވެ. އަޑެއް ބަޑެއް ނުއިވެ އެވެ. ވައިގެ ތެރޭގައި ދަތުތުކުރާ ދޫނިތަކަށް ގެއްލުމެއް ނުވެ އެވެ.
ވޯޓެސް އުފައްދައި ތަރައްގީކުރާ ޓީމުގެ މެންބަރުން ބުނަނީ އެކަށީގެންވާ ވަރުގެ ޖާގައެއްގައި ވޯޓެކްސްތައް އަތުރާލައި އުފައްދާ ކަރަންޓުން ގޭބިސީތަކަކަށް ކަރަންޓް ދެވޭނެ ކަމަށެވެ. އަދި ވޯޓެކްސް އަށް ގެނެވޭ ކުރިންއެރުންތަކާ އެކު، ދޫކޮށްލައިގެން ފަރުޖެއްސެން ނެތް މިންވަރަށް ކަރަންޓް އުފެއްދޭނެ އެވެ.