ޓްރަމްޕާ ދެކޮޅު ވާހަކަތައް އޮއްބާލި ގޮތް ހެއްކަކު ކިޔައިދީފި
ޓްރަމްޕާ ދެކޮޅު ވާހަކަތައް އޮއްބާލި ގޮތް ހެއްކަކު ކިޔައިދީފި

ބަރަހަނާ ފިލްމު ކުޅޭ މީހަކާ އެކު އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބޭއްވި ގުޅުމުގެ ވާހަކަތައް ކެމްޕެއިން ތެރޭ ނުދެއްކުމަށް ޝަރުތުކޮށް އެ މީހާއަށް ޓްރަމްޕްގެ ފަރާތުން ގާނޫނާ ހިލާފަށް ފައިސާ ދިން ކަމަށް ބުނެ އުފުލާފައިވާ ދައުވާގައި ހެކިވެރިޔަކު އިއްޔެ ޓްރަމްޕާ ދެކޮޅަށް ހެކިބަސް ދީފި އެވެ.

ޓެބްލޮއިޑެއް ކަމަށްވާ "ނެޝަނަލް އިންކުއަރާ" ގެ ކުރީގެ ޕަބްލިޝަރު ޑޭވިޑް ޕެކާ، 72، ކޯޓުގައި 90 މިނެޓް ވަންދެން ދެއްކި ވާހަކާގައި ބުނީ ޓްރަމްޕަކީ ރައްޓެއްސެއް ކަމަށާއި 1989 ވަނަ އަހަރުން ފެށިގެން ދަންނަ ކަމަށެވެ.

ޕެކާ ބުނީ 2015 ވަނަ އަހަރު ޓްރަމްޕް ސިޔާސީ މައިދާނަށް ނުކުތުމުގެ ކުރިން ވެސް ޓްރަމްޕަށް ނޫހުގެ ކިޔުންތެރިންގެ ފަރާތުން ބޮޑު ސަމާލުކަމެއް ލިބޭ ކަމަށާއި އެއީ އެ ދުވަސްވަރު ޓީވީން ދެއްކި "ދަ އެޕްރެންޓިސް" ސީރީޒްގައި ޓްރަމްޕް އުޅޭތީ ކަމަށެވެ. ނޫހުގައި ނެގި ހިޔާލު ހޯދުމުގެ ވޯޓެއްގައި ޓްރަމްޕަށް 80 ޕަސެންޓް މީހުން ވޯޓުލާނެ ކަމަށް ދެއްކުމުން އެ މައުލޫމާތު ޓްރަމްޕާ ހިއްސާކުރި ކަމަށް ހެކިވެރިޔާ ބުންޏެވެ.

ޕެކާ ބުނީ ޓްރަމްޕް ޓަވަރުގައި ބައްދަލުކޮށް، ޓްރަމްޕާ ގުޅޭ ގޮތުން ނެގެޓިވް އެއްވެސް ވާހަކައެއް ނާންނަ ގޮތަށް ހެދޭނީ ކިހިނެއްތޯ މަޝްވަރާކުރި ކަމަށެވެ. އަދި ކެމްޕެއިނުގައި ނޫހަށް ކުރެވޭނެ ކަންކަމާ ބެހޭ ގޮތުން ވާހަކަ ދެކެވުނު ކަމަށް ވެސް ބުންޏެވެ.

"އަޅުގަނޑު ބުނިން، ކުރާނެ ކަމަކީ ޓްރަމްޕާ ބެހޭ ގޮތުން ދެކެވޭ ނޭވޭ ވާހަކަތައް ނުލިޔެ، ޓްރްމަޕާ ދެކޮޅު މީހުންނަށް ގެއްލުންވާނެ ލިޔުންތައް ޝާއިއުކުރާނީއޭ،"

އޭނާ ވަނީ ޓްރަމްޕަށް ގެއްލުން ވެދާނެހެން ހީވާ ވާހަކަތައް މީޑިއާގައި ދައުރުވާން ފެށުމުގެ ކުރިން ހުއްޓުވައި ޕޮޒިޓިވް ވާހަކަތައް އިތުރު ކުރުމަށް ޓްރަމްޕުގެ ކުރީގެ ވަކީލް މައިކަލް ކޯހެން މެދުވެރިކޮށް ޓްރަމްޕް މަސައްކަތްކުރި ގޮތް ކިޔައިދީފަ އެވެ.

ބަރަހަނާ ފިލްމު ކުޅޭ ސްޓޯމީ ޑެނިއަލްސް އަށް ފައިސާ ދިނުމުގައި ޓްރަމްޕުގެ ކުރީގެ ވަކީލް ކޯހެން ސީދާ ގޮތުން ބައިވެރި ނުވިޔަސް ޕްރޮސިކިއުޓަރުން އޭނާގެ ހެކިބަސް ނަގަނީ ޓްރަމްޕަށް ނެގެޓިވް ވާހަކަތައް މީޑިއާގައި ހުއްޓުވުމަށް "ކެޗް އެންޑް ކިލް" އުސޫލު ބޭނުންކުުރުމަކީ ޓްރަމްޕާއި އޭނާގެ އެހީތެރިވާ ކޯހެން އާންމުކޮށް އަމަލުކުރި ގޮތްކަން ސާބިތުކޮށްދިނުމަށެވެ.

އިއްޔެގެ އަޑުއެހުންތައް ފެށުމުގެ ކުރިން ޕްރޮސިކިއުޓަރުން ވަނީ މައްސަލައާ ބެހޭ ގޮތުން ބައެއް ވާހަކަތައް އާންމުކޮށް ދެއްކުން މަނާކޮށް ނެރެފައިވާ އަމުރާ ޓްރަމްޕް ހިލާުވެވެޑައިގަންނަވާ ކަމަށް ބުނެ އެއީ ކޯޓުގެ ހުރުމަތް ކެނޑުމުގެ އަމަލެއް ކަމަށް ބުނެފަ އެވެ. ޕްރޮސިކިއުޓަރުން ވިދާޅުވި ގޮތުގައި ޓްރަމްޕް ގެންދަވަނީ އެނގިހުރެ އަދި ގަސްތުގައި ހެކިންނަށް ބަހުގެ ހަމަލާ ދެމުންނެވެ. އެހެންވެ ޓްރަމްޕު 1،000 ޑޮލަރުން ޖޫރިމަނާކޮށްދިނުމަށް ފަނޑިޔާރުގެ އަރިހުން އެދިވަޑައިގަތެވެ.

"އަޅުގަނޑުމެން މި އެދެނީ ބަންދުގައި ބެހެއްޓުމުގެ އަމުރަކަށް ނޫން. އެކަން ކުރަން ޖެހިއްޖެ ނަމަ ކުރާނެ ކަމުގެ އިންޒާރު ކޯޓުން ދޭންޖެހޭ ކަމަށް ފެނޭ،" ޕްރޮސިކިއުޝަނުން ބުންޏެވެ.

އެކަމަކު ޓްރަމްޕް ޖަލަށްލުން ވެގެން ދާނީ ސީކްރެޓް ސާވިސްގެ ޒިންމާ އަދާކުރުމަށް ހުރަސްއެޅޭ ކަމަކަށެވެ. ސަބަބަކީ އެމެރިކާގެ ރައީސުންގެ އިތުރުން ކުރީގެ ރައީސުންގެ ސަލާމަތީ ކަންކަން ބަލަހައްޓަންޖެހޭ ބަޔަކީ އެއީ ކަމަށް ވާތީ އެވެ.

ކޯޓުގެ ހުރުމަތް ކެނޑުމުގެ މައްސަލައިގައި ވާހަކަ ދެއްކުމުން ޓްރަމްޕް ވަނީ ފަނޑިޔާރަށް ބަހުގެ ހަމަލާ ދެއްވައިފަ އެވެ. އޭނާ ވިދާޅުވީ ގާނޫނުއަސާސީން ލިބިފައިވާ ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ވެސް ހިފަހައްޓައިފި ކަމަށެވެ.

"އަޅުގަނޑާ ބެހޭ ގޮތުން ކޮންމެ މީހަކު ކޮންމެ ވާހަކައެއް ވެސް ދައްކައި ކޮންމެ ދޮގެއް ހެދުމަށް އޮތީ ހުއްދަ ދެވިފައި. އެކަމަކު އަޅުގަނޑަށް އަމިއްލަ ދިފާއުގައި އެއްޗެއް ބުނުން މަނާ،" ޓްރަމްޕް އޭނާގެ ސޯޝަލް ޕްލެޓްފޯމް "ޓްރޫތު" ގައި ލިޔުއްވާފައިވެ އެވެ.

ޓްރަމްޕް ތަކުރާރުކޮށް ވިދާޅުވަމުން ގެންދަަވަނީ މި މައްސަލަ އާއި އަދި އިތުރަށް ހުރި ތުހުމަތުތަކަކީ ރައީސް ޖޯ ބައިޑެންއާ މި އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކޮށް ކާމިޔާބު ހޯއްދަވާނެތީ އޭނާއާ ދެކޮޅަށް ކޮށްގެން އުޅޭ ދައުވާތަކެއް ކަމަށެވެ.

ހެކިބަސް ނެގުން ކުރިއަށް ދާއިރު ޓްރަމްޕްގެ އެންމެ ގާތް ބައެއް މީހުން ވެސް ހާޒިރުކުރާނެ ކަމަށް ވަނީ ބެލެވިފަ އެވެ. -- އޭއެފްޕީ